ރާއްޖޭގެ ވެރިކަން ކުރީން ކުރައްވާފައިވާ ކުރީގެ ހަތަރު ރައީސުން މިވަގުތު ރާއްޖޭގައި އެބަތިއްބެވި އެވެ. އެއީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއި ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދުގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްެވެ.
މި ދެންނެވި ހަތަރު ރައީސުންގެ ވެރިކަމުގައި ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި ރުޅިވެރިކަމާއި ނަފްރަތު އުފެދުނު އެތައް ކަމެއް ވެރިކަމުގެ ތެތޭގައި ވަނީ ކުރައްވާފައެވެ. އެގޮތުން ރައީސް މައުމޫންގެ ވެރިކަމަކީ އެމަނިކުފާންގެ މުޝުތެރޭގައި ދައުލަތުގެ ހުރިހައި ބާރެއް އޮތް ވެރިކަމެކެވެ. ގިނަ ބޭފުޅުން ވިދާޅުވާ ގޮތުގައި ރައީސް މައުމޫންގެ ވެރިކަމަކީ ހުދުމުހުތާތު އަނިޔާވެރި ބޭއިންސާފުން އެތައް ބަޔަކަށް އެތައް އަނިޔާތަކެއްދީ ހެދި ވެރިކަމެކެވެ.
އެހެން ކަމުން 2008 ވަނަ އަހަރު ގ، ކެނެރީގޭ މުހައްމަދު ނަޝީދު ދިވެހިރާއްޖޭގެ ވެރިކަމަށް ގެނައީ ހުދުމުހުތާރު ވެރިކަމެއްގެ ތެރެއިން ދިވެހި ރައްޔިތުންނަށް ލިބުނު ހިތްދަތިކަމާއި އަނިޔާއާއި ބޭއިންސާފުން ޖަލަށް ލެވުނު އެތައް ބަޔަކަށް އިންސާފް ހޯދައި ދިނުމުގެ އުންމީދުގައެވެ. ނަމަވެސް ރައީސް ނަޝީދު އެމަނިކުފާނަށް އެ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ކަންތައްތަކެއްގެ ތެރެއިން އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމާއި ހިސާބަށް ވެސް ރައީސް މައުމޫންގެ ވެރިކަމުގެ ތެރޭގައި އަނިޔާ ލިބުނު ހަމަ އެންމެ ރައްޔިތަކަށް ވެސް އިންސާފް ހޯދައި ދެވިފައެއް ނުވެއެވެ. އަދި އިންސާފް ހޯދައި ދިނުމަސް ކުރެވުނު ހަމަ އެންމެ މަސައްކަތެއް ވެސް ނެތެވެ. ނަމަެއްގައި ރިޔާސީ ކޮމިޝަނެއް އުފެއްދި ނަމަވެސް ވީކަމެއް ހަރާމެވެ.
ރައީސް ނަޝީދު އަމިއްލަފުޅަސް އިސްތިއުފާ ދެއްވުމުން ދެން ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ޑރ މުހައްމަދު ވަހީދު ހސަން މަނިކުގެ ވެރިކަމުގެ ވާހަކަ ދެއްކުމުގެ މާ ބޮޑު ބޭނުމެއްނެތެވެ. ސަބަބަކީ ވަހީދު ވެރިކަމަށް ވަޑައިގަތި އެއްވެސް ވަޢުދެއްގެ ތެރެއިން ނޫނެވެ. އަދި ރައީސް ވަހީދުގެ ވެރިކަމަކީ ގިނަ ދިވެހި ރައްޔިތުން ބަލައިގަތް ވެރިކަމެއް ނޫނެވެ. އެހެން ކަމުން ރައީސް ވަހީދުގެ ވެރިކަމުގެ ވާހަކަ ދޫކޮށްލާނަމެވެ.
ރައީސް ވަހީދުގެ ހަބޮލި ވެރިކަމަށް ފަހު ދެން ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވީ މ،އ ކާމިނީ ހުޅަނގުގޭ އަބްދުﷲ ޔާމީންއެވެ. ރައްޔިތުންނަށް އެތައް ވަޢުދެއް ވެވަޑައިގެންނެވިއެވެ. ތަރައްގީއާއި ތަހުޒީބުގެ ދުނުޔޭގައި ރާއްޖެ ރަންޒަމާނަކަށް ގެންގޮސްދެއްވާނެ ކަމުގެ ވަޢުދެވެ. ރާއްޖޭގެ ހުރިހައި ރައްޔިތުންގެ މެދުގައި އަދުލު އިންސާފް ގާއިމް މާޒީގެ ތެރެއިން ރައްޔިތުންނަށް ލިބިފައިވާ އަނިޔާތަކަސް އިންސާފް ހޯއްދަވައި ދެއްވައި ދައުލަތުގެ މުދަލާއި ރައްޔިތުންގެ ހިއްގުތައް ރައްކާތެރި ކުރާނެ ކަމުގެ ވާހަކައެވެ.
ނަމަވެސް ރައީސް ޔާމީންގެ ވެރިކަން ފެށިގެން މާ ގިނަ ދުވަހެއް ނުވެ އެމަނިކުފާންގެ ވެރިކަމުގެ ތެރޭގައި ވައްކަމާއި ކޮރޮޕްޝަނާއި ފަސާދަ އާންމު އަދުދު އިންސާފަކީ ވަކިބަޔަކަށް ހަމައެކަނި އޮންނަން އެއްޗަކަސް ވެގެން ދިޔައެވެ. އެމަނިކުފާންގެ ވެރިކަމާއި ދެކޮޅަށް ނިކުތް ކޮންމެ މީހަކަށް ވެސް ދެއްކެވީ ޖަލުގެ ކުޑަ ގޮޅިއެވެ. ވަކި މީހަކަސް ނުބައްލަވައެވެ. ބޭބެ އާއި ބޭބެގެ ދަރުންކޮޅަށް ވެސް ދެއްކެވީ ޖަލުގެ ކުޑަ ގޮޅިއެވެ. ލޭގެ ގުޅުމަށް ވެސް ބަލައެއް ނުލައްވައެވެ. ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ރައީސް ޔާމީންގެ ދެމެރިފި ކަނބަލުން މަސައްކަތް ކުރެއްވީ މުޅި ދިވެހި ދައުލަތް އެ ދެމެފިރިކަނބަލުންގެ އަންބޮޑިއަށް ލައްވާށެވެ.
ކޮންމެއަކަސް ރައީސް ޔާމީންގެ ވެރިމަމުގައި ރައީސް ނަޝީދުއާއި ރައީސް މައުމޫންއަށް ޖަކުގެ ކުޑަގޮޅި ދެއްކެވިއެވެ. ރައީސް ނަޝީދު ދިވެހިރާއްޖޭގެ ފަނޑިޔާރަކު ވަގަށް ނެއްގެވި ފަދައިން އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ތަޅުއެޅުވި ފަދައިން ރައީސް ޔާމީން ވެސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަންގަވައިގެން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ދިވެހި އަސްކަރީއްޔާގެ ބެލުމުގެ ދަށަށް ގެންގޮސް އެންމެ ފަހުން އެ ދެ ފަނޑިޔާރުންނަށް ވެސް ޖަލުގެ ކުޑަ ގޮޅި ދެއްކެވިއެވެ.
ހަގީގަތަކީ ކޮންމެ ބަޔަކުވެސް އިދިކޮޅުގައި ތިބޭ އިރު، ރައީސް އަށާއި ސަރުކާރުގެ ވެރީންނަށް ފާޑު ކިޔައި، ސަރުކާރުގެ “ޖަރީމާ” ތަކަށް އިންސާފު ހޯދައިދޭނެ ކަމަށް ބުނެއެވެ. ގެއްލިފައިވާ ރައްޔިތުންގެ ހައްގުތަކަށް އިންސާފު ހޯދައިދޭނެ ކަމަށް ބުނެއެވެ. ނަމަވެސް ވެރިކަން ލިބުމުން މިހުރިހާ ކަމެއް ބަދަލުވެގެން ދެއެވެ.
މިއަދު ދިވެހިރާއްޖޭގެ ފަސް ވަނަ ރައީސްގެ ގޮތުގައި އިންތިހާބް ވެވަޑައިގެން ވެރިކަމުގެ ތަޙްތުގައި އިންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެން ވެވަޑައިގެންނެވި ވައުދުތަކުގެތެރޭގައި ދައުލަތުން ވައްކަން ކޮށްފައިވާ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ހޯދައި ދެއްވުމަށާއި، ގެއްލިފައިވާ ނޫސްވެރިޔާ ރިލްވާންއަށް ވީގޮތެއް ހޯއްދަވާނެ ކަމަށާއި، ޑރ.އަފްރާޝިމްގެ މަރުފަދަ ގޮތްނޭނގޭ މަރުތަކުގެ ހަޤީގަތް ހޯއްދަވައި ދެއްވާނެ ކަމަށް ވައުދުވެވަޑައިގަތެވެ.
ސުވާލަކީ މިވައުދުތައްވެސް ދާނީ އެހެން ސަރުކާރުތަކުންވެސް އިންސާފު ހޯއްދަވައި ދެއްވާނެކަމަށް ވެވަޑައިގެންނެވި ވައުދުތަކަށް ވީގޮތަށް ފަނުފުލުންތޯއެވެ؟ ޤައުމެއްގެ ހަޔާތުގައި ހިންގޭ ބޮޑެތި ޖަރީމާތަކަށް އިންސާފު ނުހޯދޭހާ ހިނދަކު އެޤަުމުތަކަށް ހަޤީގީ ޑިމޮކްރެސީއެއް ނާންނާނެއެވެ. ބޮޑެތި ޖަރީމާތަކަށް އިންސާފު ހޯދައިނުދީ ފާއިތުވާ ކޮންމެ ދުވަހަކީ އެހެން ވެރީންނަށްވެސް ޖަރީމާ ހިންގުމަށް ދެވޭ ހިތްވަރެކެވެ. ކޮންމެ ވެރިއަކުވެސް އައިސް ހިތުހުރި ގޮތަކަށް ވެރިކަން ކޮށްފަ ދާންވީއެވެ. ކިތައްމެ ބަޔަކަށް އަނިޔާ ދިނަސް، ކިތައްމެ ބަޔަކު ނުހައްގުން ޖަލަށް ލިޔަސް، ކިތައްމެ ފައިސާއެއް ވަގަށް ނެގިއަސް، ސުޕްރީމް ކޯޓާއި މަޖުލިސް ފަދަ ހުރުމަތްތެރިވެގެންވާ މުއައްސަސާތައް ތަޅުއަޅުވައި ހިސޯރު ކުރިއަސް ކުރެވޭ ކަމެއް ނޯވެއެވެ. ހޯދައިދެވޭ އިންސާފެއް ނޯވެއެވެ.
ވަގުންނާއި، ކުށްވެރީންނާއި، އަނިޔާވެރީންނާއި، މާފިއާ މީހުން އައިސް ސިޔާސީ ޕާރޓީ ހަދައި ޤައުމުގެ މުސްތަގްބަލް ގަނެލަން ނިކުތީމަ ރައްޔިތުންނަކަށް ކުރެވޭނެ މާބޮޑު ކަމެއް ނޯވެއެވެ. ފައިސާ ހުރީ މިދެންނެވި އަނިޔާވެރީންނާއި މާފިޔާ މީހުން އަތުގައެވެ. ރައްޔިތުން ވަރަށް ނިކަމެއްޗެވެ. މިފަދަ ބޭއިންސާފު ހުއްޓުވޭނީ ސަރުކާރަށެވެ. ސަރުކާރުން ފާރަވެރިވެ، ދުރާލައި މިފަދަ ކަންކަން ނުހުއްޓުވައި ތިބުމަކީ ފަހުން އެފަދަ ކަންކަން ހުއްޓުވަން އުނދަގޫވާނެ ކަމެކެވެ.
މިނިކާ ވަގު ކާނެވަރަކަށް ކައިގެން، ގައިގަ ވަރު ޖައްސާނެ ވަރަކަށް ވަރު ޖައްސަންދެން ބަލަން ތިބުމަކީ ސަރުކާރުން ކުރާނެ މޮޔަ ކަމެކެވެ. އިންސާފަކީ ރައްޔިތުންގެ ހައްގެކެވެ. ވަކި ބައެއްގެ ސިޔާސީ މަސްލަހަތަށްވުރެ ރައްޔިތުންގެ ހައްގު އިސްވާނެއެވެ. ވީމާ ދިވެހި ރައްޔިތުނގެ ގެއްލިފައިވާ ބޮޑެތި ހުރިހާ ހައްގުތައް ހޯދައިދީ، ހިނގާފައިވާ ބޮޑެތި ބޭއިންސާފަށް އިންސާފު ހޯދައި ދިނުމަކީ ރައީސް ސޯލިހްގެ މިވަގުތުގެ އެންމެ ބޮޑު އެއް ވާޖިބެވެ. މޫނަކަށް ކަނދުރާއަކަށް ބެލުމެއް ނެތި މިފަދަ އިންސާފު ހޯދައިދޭން ޖެހެއެވެ. ވަގުތު ފާއިތު ނުވަނީހެވެ. މަނިކުފާނަށް ބާކީ ދެން އޮތޯ ތިން އަހަރާބައިކަން ހަނދާން ކުރައްވާށެވެ.

