ދިވެހިރާއްޖޭގެ ސިޔާސީ އަދި އިޤްތިޞާދީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ކެމްޕޭން ކުރެއްވުމަށް އައްޑޫ ސިޓީގައި ބޭއްވި ”ބޮޑު ބަދަލު“ ކެމްޕޭން ރެލީގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، 2008 ވަނަ އަހަރު ތަޢާރަފްކުރި އައު ޤާނޫނުއަސާސީއަކީ ރާއްޖޭގެ ވެރިކަމުގެ ބާރުތައް ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލި ތާރީޚީ ބަދަލެއް ކަމަށެވެ. ނަމަވެސް، އެ ދުވަހު ގެނައި ބަދަލުތަކުން އެކަނި ފުދެން ނެތް ކަމަށާއި، މިހާރު އެ ނިޒާމާމެދު ސުވާލު އުފެދޭ ކަންތައްތަކެއް ފެންމަތިވަމުންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ވަކިން ޚާއްޞަކޮށް، ބާރުގެ ބޭނުން ނަހަމަގޮތުގައި ހިފުމާއި، ސަރުކާރު ހިއްސާވާ ކުންފުނިތައް ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުމަކީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ.
އިޞްލާޙީ ބަދަލުތަކަށް އަލިއަޅުވާލައްވަމުން ނަޝީދު ވިދާޅުވީ، ހަގީގީ ބަދަލެއް ގެނެވޭނީ ވެރިކަންކުރާ ޕާޓީގެ އިޚްލާޞްތެރި މަސައްކަތުން ކަމަށެވެ. ޤާނޫނުއަސާސީއަށް ބަދަލު ގެނައުމާއި މުހިންމު އިޞްލާޙުތައް ތަންފީޛުކުރުމުގެ ބާރު އޮތީ ވެރިކަންކުރާ ފަރާތްތަކަށް ކަމަށާއި، ހަމައެކަނި ސިޔާސީ އެއްވުންތަކުން ނަތީޖާ ނުނެރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، 2028 ވަނަ އަހަރާ ހަމައަށް އަންނައިރު މާނަހުރި ބަދަލުތަކެއް ނުގެނެވިއްޖެނަމަ، އެމްޑީޕީގެ މުސްތަޤުބަލަށް ނުރައްކާވެދާނެ ކަމުގެ އިންޒާރުވެސް ދެއްވިއެވެ.
އިޤްތިޞާދީ ދާއިރާއިން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ފާހަގަކުރެއްވީ، ރާއްޖޭގެ ޤުދުރަތީ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފިފައި ނުވާ ކަމަށެވެ. ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވުމުގެ ސަބަބުން އައު ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ހުރަސް އެޅި، ޤައުމުގެ ކުރިއެރުން މަޑުޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”ދަރަނި މެނޭޖްކުރުމަށާއި އިޤްތިޞާދީ ހަމަޖެހުން ޤާއިމްކުރުމަށް ސާފު ސްޓްރެޓެޖީއެއް ބޭނުންވޭ. އިޤްތިޞާދީ އިޞްލާޙުތަކާ ނުލައި ސިޔާސީ އިޞްލާޙެއް ދެމެހެއްޓެނިވި ގޮތެއްގައި ނުގެނެވޭނެ،“ ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، 30 އަހަރުގެ ދިގު ވެރިކަން ނިމުމަކަށް އައުމަށްފަހު ގެނެވުނު ބަދަލުތަކަށްފަހު، ރާއްޖޭގެ ނިޒާމު އިތުރަށް ތަރައްޤީ ނުވެ ”ހުއްޓިފައި“ އޮތުމަކީ އެމަނިކުފާނުގެ އެންމެ ބޮޑު ކަންބޮޑުވުން ކަމަށެވެ. އެމްޑީޕީން އައްޑޫ ސިޓީއަށް ގެނެސްދީފައިވާ ފެނާއި ނަރުދަމާގެ މަޝްރޫޢުތަކަކީ އެ ޕާޓީގެ ހިންގުންތެރިކަމުގެ ރީތި މިސާލުތަކެއް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

