ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤާސިމްގެ މަރުގެ މައްސަލަ: އަދުހަމް އެއްބަސްވެއްޖެ، އެދެނީ މާފުކޮށްދިނުމަށް!

ގާސިމްގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ އަދުހަމް މުހައްމަދު: ފޮޓޯ/ ވަގުތު އިމޭޖެސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޓެކްސީ ޑްރައިވަރު ގާސިމް އިބްރާހިމަށް ވަޅިން ހަމަލާ ދެވުނީ މަސްތުގެ ހާލަތުގައި ހުރުމުން ކަމަށް ބުނެ ދައުވާ ލިބޭ އަދުހަމް މުހައްމަދު ކޯޓުގައި އެކަމަށް މ އެއްބަސްވެ، ގާސިމްގެ އާއިލާގެ ކިބައިން މާފަށް އެދިއްޖެ އެވެ.

ޅ. ހިންނަވަރު ބޮޑުހިޔާގޭ އަދުހަމްގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާގެ ޝަރީއަތުގައި އަދުހަމް ކުށަށް އެއްބަސްވުމުން، އަންނަ ހަފުތާގައި ހުކުމް އިއްވަން ވަނީ ހަމަޖައްސައިފަ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި، ދައުލަތުން ދައުވާ އިއްވުމުން، އެ ދައުވާ ސާފުވެއްޖެ ތޯ އާއި ދައުވާއާ މެދު ބުނަނީ ކީކޭތޯ އެ މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ރަޝީދު ސުވާލު ކުރެއްވުމުން އަދުހަމް ބުނީ ދައުވާ ވަރަށް ސާފު ކަމަށެވެ. އެކަމަކީ އޭނާއަށް ކުރެވުނު ކަމެއް ކަމަށާއި މިހާރު އެކަމާ ހިތާމަ ކުރާ ކަމަށް އަދުހަމް ވަނީ ބުނެފައެވެ.

”އެއީ އަޅުގަނޑަށް ކުރެވުނު ކަމެއް، އޭރު ހުރީ މަސްތުގެ ހާލަތުގައި، ފަހުން ކުރެވުނު ކަމާ ދެރަވި، ތައުބާވެ ނަމާދު ވެސް ކުރިން، އަޅުގަނޑު މިއަދު މާފަށް އެދެން، އާއިލާއިން އަޅުގަނޑަށް މާފުކޮށް ދިނުމަށް އެދެން،“ އަދުހަމް ބުންޏެވެ.

އެ ދައުވާގައި ހިމެނޭ ކަންކަން ވަކިވަކިން އަލުން އިއްވުމަށް ފަހު، އަދުހަމް ނުކުރާ އެއްވެސް ކަމެއް އެ ދައުވާގައި އެބައޮތްތޯ ސުވާލު ކުރައްވައިފަ އެވެ. ޖަވާބުގައި އަދުހަމް ބުނީ ދައުވާގައި މުޅިން ވެސް ހުރީ ތެދު ވާހަކަތަކެއް ކަމަށެވެ.

އަދުހަމް، ގާސިމްގެ އާއިލާ ކިބައިން މާފަށް އެދުނު ގާސިމްގެ ގިނަ ވާރިސުން ޝަރީއަތުގެ މަޖިލިސް އަޑުއަހަން ވަދެ ތިއްބެވެ.

އަދުހަމް ކުށަށް އިއުތިރާފް ވިޔަސް، ދައުލަތުން އޮތީ އޭނާއާ ދެކޮޅަށް ގިނަ ހެކިތަކެއް ހުށަހަޅައިފަ އެވެ. އެގޮތުން ގާސިމް މަރާލި ދުވަހު، އަދުހަމް ހުޅުމާލެ ދިޔަ ޕިކަޕްގެ ޑްރައިވަރާއި އަދުހަމް އެރި އެހެން ޓެކްސީއެއްގެ ޑްރަވައިރާއި އަދުހަމްގެ ރައްޓެއްސެކާއި އަދުހަމްއަށް ލާނެ ގަމީހެއް ދިން މީހަކާއި އަދުހަމް، ވަޅިއެއް ނެގި ކެފޭއެއްގައި އުޅޭ ތިން މީހަކު ހެކީގެ ގޮތުގައި ހުށަހެޅި އެވެ.

އަދުހަމް އިއުތިރާފުވެ، ދައުލަތާއެކު ވަނީ އެއްބަސްވުމެއް ހަދާފަ އެވެ. މިއީ މަރުގެ މައްސަލައެއް ކަމުން އެ އެއްބަސްވުމަށް އަމަލު ކުރެވޭނީ ގާސިމްގެ ވާރިސުން އަދުހަމަށް މާފުދީފިނަމަ އެވެ. އަދުހަމްގެ ކިބައިން ގިސޯސް ނުހިފައި މަރުގެ ދިޔައަށް ވާރިސުން އެދިއްޖެނަމަ، އިއުތިރާފު އެއްބަސްވުމުގެ ދަށުން އޭނާއަށް އަންނާނީ 17 އަހަރާއި ހަ މަހުގެ ޖަލު ހުކުމެއް ކަމަށް ޝަރީއަތުގައި ދައުލަތުގެ ވަކީލް މިއަދު ވިދާޅުވި އެވެ.

ދައުވާ އަށް އެއްބަސްވުމުން ބައެއް ހައްގުތަކެއް ދޫކޮށްލަން އެއްބަސްވަނީ ކަން ފާހަގަ ކުރައްވައި، ގާޒީ ވަނީ އަދުހަމް ކުށަށް އެއްބަސްވަނީ އެއްވެސް މަޖުބޫރު ކަމެއް އޮވެގެންތޯ ވެސް ސުވާލު ކުރެއްވުމުން އަދުހަމު ބުނީ އެއްވެސް ފަރާތެއްގެ މަޖުބޫރު ކަމެއް އޭނާއަކަށް ނެތް ކަމަށެވެ.

މީގެ އިތުރުން ހުޅުމާލޭގައި ވަޅިން ހަމަލާދީ ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލީ، ކުލި ދައްކަން ފައިސާ ނެތިގެން ފޭރިގެން ފައިސާ ހޯދަން ނުކުމު އުޅުމުގެ ތެރޭގައި ކަމަށްވެސް އަދުހަމު ވަނީ ބުނެފައެވެ. އެގޮތުން އޭނާ މީގެ ކުރިން ތަންފީޒު ކުރަމުން ދިޔަ ޖަލު ހުކުމެއް ހަމަވުމަށް ފަހު މާލޭ ގެއެއްގައި ކުލި ދައްކައިގެން ދިރިއުޅުނު ކަމަށާއި އަދި އޭނާ ކުލި ދައްކަމުން ދިޔައީ ރައްޓެހިން ދޭ ފައިސާއިންނާއި، މަގުމަތިން މީސް މީހުންގެ ފޯނު ފަަދަ އެއްޗެހި ފޭރިގެން، އެ އެއްޗެހި ވިއްކައިގެން ލިބޭ ފައިސާއިން ކަމަށް ބުނެފައިވެއެވެ.

އަދހަމުު ބުނީ ގާސިމް މަރާލި އިރު ކުލި ނުދައްކައިގެން ގެއިން ބޭރު ކުރާނެ ކަމުގެ އިންޒާރު ދީފައި އޮތް ކަމަށާއި އެހެންވެ، އެ ދުވަހު ހުޅުމާލެއަށް ދިޔައީ ރައްޓެއްސެއްގެ އަތުން ފައިސާ ނުލިބިއްޖެ ނަމަ ފޭރިގެން ކުއްޔަށް ފައިސާ ހޯދަން ކަމަށެވެ.

އަދުހަމް ދައުވާއަށްވެސް އިއުތިރާފުވެފައިވާތީ އޭނާގެ މައްސަލައިގައި އަވަސް ނިޔާގެ ގޮތުގައި ނިންމަން ވަނީ ތާވަލުކޮށްފަ އެވެ. އެގޮތުން މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 11:30ގައި އެ މައްސަލައިގައި ހުކުމް އިއްވަން މިއަދު ގާޒީ ވަނީ ތާވަލް ކުރައްވައިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: