ސަރުކާރުގެ ބައެއް މުއައްސަސާތަކުން އަމިއްލަ ފަރުދުންގެ މައުލޫމާތު ހާމަކުރަން ޖެހުނު ބައެއް ހާލަތްތަކަކީ، ސޯޝަލް މީޑިއާ އާއި މުޖުތަމައުގެ ތެރެއިން އައި ބޮޑު ޕްރެޝަރެއްގެ ސަބަބުން މަޖުބޫރުވެގެން ކުރަންޖެހުނު ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ) ގެ ދަނާލުގައި ޒުވާނަކު ނިޔާވުމުގެ ކުރިން، ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓް (އެފްސީޕީޑީ) އަދި 911 އަށް ގުޅައި އެހީތެރިކަމަށް އެދިފައިވާ ކަމުގެ ވާހަކަތަކެއް ސޯޝަލް މީޑިއާގައި ދެކެވުނެވެ. އެ ކުއްޖާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ފުލުހުން އިހުމާލުވި ކަމަށް ބުނެ ކުރެވުނު ތުހުމަތުތަކާ ގުޅިގެން، ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ އެފްސީޕީޑީއާއި އެ ކުއްޖާއާ ދެމެދު ހިނގާފައިވާ މުއާމަލާތްތަކުގެ ތަފުސީލުތައް ހާމަކުރައްވާފައެވެ.
ނިޔާވި އަންހެން ކުއްޖާއާއި އެފްސީޕީޑީއާ ދެމެދު މުއާމަލާތް ފެށުނު ވަގުތާއި، ފޮނުވި ބައެއް މެސެޖުތައް މިނިސްޓަރު ހާމަކުރެއްވުމާ ގުޅިގެން އާންމުންގެ ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުވެފައެވެ. މީގެ ކުރިން ވެސް ފުލުހުންނާ ގުޅޭ މިފަދަ މައްސަލަތަކުގައި މީހުންގެ ޒާތީ މައުލޫމާތު އާންމުކުރުމަކީ ގިނަ ބައެއްގެ ކަންބޮޑުވުން އޮތް ކަމެކެވެ.
މީގެ ކުރިން ވެސް މާލޭގެ އިމާރާތަކުން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ކުރެވުނު ތުހުމަތުތަކާ ގުޅިގެން، މިނިސްޓަރު ވަނީ ބަދުއަހުލާގީ އަމަލު ހިންގާ މަންޒަރުތައް ފެންނަ ސީސީޓީވީ ފުޓޭޖްތައް އާންމުކުރައްވާފައެވެ.
މީގެ އިތުރުން، ފުލުހުންގެ ބަންދުގައި ހުއްޓާ އަމިއްލައަށް މަރުވި މީހެއްގެ ވީޑިއޯ ”އޮފް ދަ ރެކޯޑް“ ގައި ނޫސްވެރިންނަށް ދެއްކުމާއި، ޖަލުގައި ނިޔާވި އެހެން މީހެއްގެ ސީސީޓީވީ ފުޓޭޖް ލައިވް ޕްރެސްގައި އާންމުކުރުން ފަދަ ކަންކަން ވެސް މީގެ ކުރިން ވަނީ ހިނގާފައެވެ.
މިއީ އާންމުންގެ ޒާތީ މައުލޫމާތު ހާމަކުރުންކަމަށާއި، މިއީ ގޯހެއްކަން ރައީސް ގަބޫލު ކުރަންތޯ މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ”ސަންގު“ އިން ސުވާލު ކުރުމުން ރައީސް ވިދާޅުވީ ދަނާލުގައި ނިޔާވި، 18 އަހަރުގެ ކުއްޖާގެ ޒާތީ މައުލޫމާތު އާންމުކުރުމަކީ އެމަނިކުފާނު ވެސް ގަބޫލުކުރައްވާ ގޮތުގައި އެންމެ ރަނގަޅަށް ކުރެވުނު ކަމެއް ނޫން ކަމަށެވެ. ނަމަވެސް، އެ މައުލޫމާތުތައް ހާމަކުރަން ސަރުކާރަށް މަޖުބޫރުވީ އެ ހާދިސާއާ ގުޅިގެން ފުލުހުންނަށް އަމާޒުވަމުންދިޔަ ބޮޑެތި ތުހުމަތުތަކުގެ ސަބަބުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ޕްރެޝާތަކެއް އައިސްގެން ލިމިޓެޑް މައުލޫމާތުތަކެއް ދިނީ. އެކަމަކު އެ ވެސް ދީގެން ނުވާނެ. އަޅުގަނޑު އެކަން ޑިފެންޑް ކުރަނީކީ ވެސް ނޫން މިއީ. އެއީ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއަށް ބެލިއަސް އެންމެ ރަނގަޅު ގޮތެއް ނޫން އެއީއެއް.. އަޅުގަނޑު މިހާރު އަންގާފައިވާނެ ދެން އެ ގޮތަށް އާންމު ނުކުރަން. ކިތަންމެ ޕްރެޝަރަކަށް ދިޔައަސް ނުދޭށޭ.. ކޮންމެ މީހެއްގެ ވެސް ޕްރައިވެސީ ރައިޓް ހިމާޔަތްކުރަން ޖެހޭނެ..
ރައީސް ވިދާޅުވީ، އެ މައްސަލައިގައި ދަރިވަރާ މުއާމަލާތްކުރި ފުލުސް އޮފިސަރުންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް އުފުލި، އޭގެ ސަބަބުން އެ އޮފިސަރުންނާއި އެމީހުންގެ އާއިލާތަކަށް ނުރައްކާތަކެއް ކުރިމަތިވަމުންދިޔަ ކަމަށެވެ. އަދި ވިދާޅުވީ ކޮންމެ މީހަކީވެސް އެމީހެއްގެ އަމިއްލަ ހައްގުތަކާއި ސިއްރުތައް ހިމާޔަތްކުރަން ބޭނުންވާނެ މީހެއް ކަމަށެވެ. ނަމަވެސް، ދާދިފަހުން ހިނގައިދިޔަ ބައެއް ކަންކަމާ ގުޅިގެން މައުލޫމާތު ހާމަކުރަން ޖެހުނީ، އެކަމުގައި މަސައްކަތްކުރި މުވައްޒަފުންނާއި އެމީހުންގެ އާއިލާތަކަށް އޮތް ނުރައްކަލާއި ޕްރެޝަރު ބޮޑުވުމުންކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސޯޝަލް މީޑިއާގައި ފަތުރަމުންދިޔަ ވާހަކަތަކުގެ ސަބަބުން މުވައްޒަފުންނާއި އެމީހުންގެ ދަރިން ސްކޫލަށް ދިއުމުގައިވެސް ބިރުވެރިކަމެއް އުފެދުނު ކަމަށެވެ. އެހެންކަމުން، ބައެއް ލިމިޓެޑް މައުލޫމާތު ހާމަކުރަން ޖެހުނު ނަމަވެސް، އެއީ ބައިނަލްއަގުވާމީ މިންގަނޑުތަކުގައި ކަންކުރަންޖެހޭ ގޮތް ނޫންކަމަށާއި، ކުރިއަށް އޮތް ތަނުގައި ކިތަންމެ ބޮޑު ޕްރެޝަރެއް އައި ނަމަވެސް އެފަދަ މައުލޫމާތު ހާމަނުކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

