ސަރުކާރު އޮފީސްތަކުން ފޯރުކޮށްދޭ ޚިދްމަތްތަކުގެ ފެންވަރު ރަނގަޅުކޮށް އާންމުންގެ އިތުބާރު ހޯދައި، ތަޞައްވުރު ރަނގަޅުކުރުމުގެ ގޮތުން ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރީއްޔާގެ އޮފީހުން ހާމަކޮށްފިއެވެ.
މިގޮތުން، މާލޭގައި ހިނގަމުންދާ ސަރުކާރުގެ އޮފީސްތަކުގެ ތެރެއިން، އާންމުންނާ ސީދާ މުޢާމަލާތް ކޮށްގެން ޚިދުމަތްދޭ 54 ތަނެއްގެ ކައުންޓަރުތަކުން ޚިދުމަތް ދޭ ގޮތާއި، ކައުންޓަރުތަކުން ޚިދުމަތް ދިނުމުގައި ހުރި ދަތިތަކާއި، ޚިދުމަތް ހޯދާ ފަރާތްތަކުން ހިތްހަމަޖެހޭ ގޮތަށް ޚިދުމަތް ނުދެވޭ މައިގަނޑު ސަބަބުތައް ދެނެގަނެ، އެ ތަންތަނުގެ ކައުންޓަރުތަކުން ޚިދުމަތް ދިނުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާ ގޮތް ބެލުމަށްޓަކައި، ރައީސުލްޖުހޫރިއްޔާގެ އޮފީހުން ފުރަތަމަ ފަހަރަށް ވަނީ ސްޕޮޓް އޮޑިޓެއް ކުރައްވާފައެވެ.
ރައީސް އޮފީހުން ހާމަކުރި ގޮތުގައި އެ އޮޑިޓުން، އޮފީސްތަކުގެ ކައުންޓަރ ސަރވިސް ޒަމާނީ އުސޫލުތަކާ އެއްގޮތަށް ރަނގަޅުކުރުމަށް ކުރެވެން ހުރި ވަރަށް ގިނަ ކަންކަން ފާހަގަކުރެވިފައި ވާއިރު، އެ އޮޑިޓުން ފާހަގަކުރެވުނު ކަންތައްތަކާއި، އޮފީސްތަކުގެ ކައުންޓަރުތަކުން ޚިދުމަތް ދިނުމުގެ ކަންކަން މިހާރަށްވުރެ ރަނގަޅުކުރުމަށްޓަކައި އަޅަން ފެންނަ ފިޔަވަޅުތަކުގެ ތަފްސީލު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާ މިހާރު ވަނީ ހިއްސާކުރައްވި މެންބަރުންގެ ޚިޔާލު ހޯއްދަވާފައެވެ.
މީގެިއތުރުން ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން، މި ކަމާބެހޭ ގޮތުން އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް ކުރައްވަންޖެހޭ ކަންކަން މިހާރު ކުރަމުންދާ ކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ.

