ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއްކޮށް ”އަދަދު“ ނޫހުން އާންމުކުރި ޑޮކިއުމެންޓްރީގެ މައްސަލައިގައި، ފުލުހުން އެ ނޫހުގެ އޮފީހަށް ވަދެ ބަލައި ފާސްކުރަން ފެށުމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަން ކުށްވެރިކުރައްވައިފިއެވެ.
ރައީސް ނަޝީދު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގައި މިއަދު އޮތް ނޫސްވެރިކަމުގެ މިނިވަންކަމަކީ އެތައް ބަޔަކު ނުހަނު ބޮޑެތި އަނިޔާތަކެއް ތަހައްމަލުކޮށްގެން ހޯދާފައިވާ ވަރަށް އަގުބޮޑު ހައްގެއް ކަމަށެވެ. އެގޮތުން، ނޫސްވެރިކަމުގެ މިނިވަންކަން ހޯދުމަށްޓަކައި ދިވެހިން ކުރި ދިގު ދަތުރުގައި އެތައް ބަޔަކު އެކަނިވެރިކަމާއި، ބިރުވެރިކަމާއި، އަދި ހިތާމަވެރި އެތައް ހާދިސާތަކެއް ތަހައްމަލުކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
”އަދަދު“ ނޫހުގެ އޮފީހަށް ފުލުހުން ވަދެ ހިންގަމުންދާ އޮޕަރޭޝަނަށް ރައީސް ނަޝީދު ވިދާޅުވީ، މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅޭ ގޮތަށް ހިންގާ މިފަދަ އަމަލުތަކަކީ ކުޑަކޮށްވެސް ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށެވެ. މިއީ ރާއްޖޭގެ ޑިމޮކްރަސީގައި ހޯދާފައިވާ ކުރިއެރުންތަކަށް އެޅޭ ހުރަހެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
ފުލުހުން ކޯޓު އަމުރެއްގެ ދަށުން އަދަދު ނޫހުގެ އޮފީސް ބަލައި ފާސްކުރަމުން މިދަނީ، ރައީސަށް އަމާޒުކޮށް ނެރުނު ޑޮކިއުމެންޓްރީއަކާ ގުޅިގެން ޖިނާއީ ތަހުގީގެއް ހިންގުމަށެވެ.

