ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައު ސީޕްލޭން ޓާމިނަލުން ބޮޑު ބައެއް ޓީއެމްއޭއަށް ދިން މައްސަލައިގެ ޖިނާއީ ތަހުގީގު ކުރަނީ!

އެމްއޭސީއެލްއިން އަލަށް ތަރައްގީކުރާ ސީޕްލޭން ޓާމިނަލް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއޭސީއެލް އިން 26 މިލިއަން ޑޮލަރު އިންވެސްޓްކޮށްގެން ހަދާ އައު ސީޕްލޭން ޓާމިނަލްއިން ބޮޑު ބައެއް ޓީއެމްއޭއަށް ދިން މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަސް އެމްޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ. 

އެމްއޭސީއެލް އިން 26 މިލިއަން ޑޮލަރު އިންވެސްޓްކޮށްގެން ހަދާ ސީޕްލޭން ޓާމިނަލް އެއްކޮށް ދޭން އުޅޭ ކަމުގެ އަޑުތަކެއް ފެންމަތިވެފައި ވަނިކޮށް، ސަރުކާރުން ވަނީ ޓީއެމްއޭ އަށް ބިން ދޫކޮށްފައިވާ އަގަށް ކުރި އަށް އޮތް ދެ އަހަރަށް އާ ސީޕްލޭން ޓާމިނަލް އިން ބޮޑު ޖާގައެއް ދޭން ނިންމާފަ އެވެ. ނަމަވެސް  މާލިއްޔަތު ކޮމެޓީގައި އެ ކުންފުނީގެ ސީއީއޯ އެމްޔޫއެމް ފައުޒީ ވިދާޅުވީ އާ ސީޕްލޭން ޓާމިނަލުން 19،000 އަކަމީޓަރުގެ ބިމުގެ ޖާގައެއް 15 އަހަރު ދުވަހުގެ މުއްދަތަށް އެ އެއާލައިނަށް އަކަފޫޓެއް 10.35 ޑޮލަރުގެ ރޭޓުން ދޭން އެމްއޭސީއެލް އިން އެއްބަސްވެފައިވާ ކަމަށެވެ. އެހެން ކަމުން އެގޮތަށް އަމަލުކޮށް ދިނުމަށެވެ.

އައު ސީޕްލޭން ޓަރމިނަލް ހިންގުން ޓީއެމްއޭއާ ޙަވާލުކުރުމަށް ނިންމާފައިވަނީ ދައުލަތަށް ގެއްލުންވާގޮތަށް، ވަކި ފަރާތްތަކަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ކަމަށް ބުނާ އޭސީސީއަށް ހުށަހަޅާފައިވާ މައްސަލައިގައި އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައިި މި މައްސަލައާ ގުޅިގެން ކޮމިޝަންގެ ތަޙްޤީޤަށް މިހާތަނަށް ފާހަގަކުރެވުނު ކަންތައްތަކުގެ މައްޗަށް ރިޢާޔަތްކޮށް ގިނަ ކަންތައްތަކެއް އިސްލާހުކުރުމަށް  އެމް.އޭ.ސީ.އެލް އަށް ވަނީ އަންގާފައެވެ.

ހަމައެއާއެކު، މި މައްސަލައިގައި ވަކި ސީ ޕްލޭން އޮޕަރޭޓަރަކަށް، ނުވަތަ ސީ ޕްލޭން އޮޕަރޭޓަރުންތަކަކަށް ނާޖާއިޒް ފައިދާ ހޯދައިދިނުމަށް މަސައްކަތްކޮށްފައިވާކަމާއި، ދައުލަތަށް ފައިދާއެއް ވާންއޮތް ކަމެއްގައި އެ ނޫންގޮތަކަށް އަމަލުކޮށްފައިވާކަމަށް ތުހުމަތުކުރެވޭތީ، މި މައްސަލައިގެ ޖިނާޢީ ތަޙުޤީޤު ވަކި މައްސަލައެއްގެ ގޮތުގައި ކޮމިޝަނުން ކުރިއަސް ގެންދާ ކަމަށް އޭސީސީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އައު ސީޕްލޭން ޓާމިނަލްއިން ބޮޑުބައެއް ޓީއެމްއަށް ދޭން ސަރުކާރުން ނިންމާފައިވާއިރު މި މައްސަލައިގައި މިހާތަނަސް އޭސީސީން ކުރިއަށް ގެންދިޔަ ތަހުގީގާ ގުޅޭ ގޮތުން އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި    އެމް.އޭ.ސީ.އެލްއިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އިންޓަރނޭޝަނަލް ޓަރމިނަލްއިން 2017 އަދި 2018 ގައި ރިޒޯޓްތަކަށް ޖާގަ ކުއްޔަށް ދޫކުރުމަށް ވެފައިވާ އެއްބަސްވުންތަކުގައިވާ އަގުތަކަށްބަލާއިރު، ރިޒޯޓްތަކަށް ޖާގަ ކުއްޔަށް ދޫކޮށްފައިވާ އެންމެބޮޑު އަގަކީ $314.57 (ތިންސަތޭކަ ސާދަ ޔުނައިޓެޑް ސްޓޭޓްސް ޑޮލަރާއި ފަންސާސްފަސް ސެންޓް)އެވެ. އަދި އެންމެ ކުޑަ އަގުގައި އެމް.އޭ.ސީ.އެލްއިން ރިޒޯޓަކަށް ޖާގަ ކުއްޔަށް ދޫކޮށްފައިވަނީ އަކަމީޓަރަކަށް މަހަކަށް $174.92 (އެއްސަތޭކަ ހަތްދިހަ ހަތަރު ޔުނައިޓެޑް ސްޓޭޓްސް ޑޮލަރާއި ނުވަދިހަ ދެ ސެންޓް)ގެ ރޭޓުންކަން ފާހަގަކުރެވެއެވެ.

އެހެންކަމުން، އެމް.އޭ.ސީ.އެލް އިން ސީ ޕްލޭން އޮޕަރޭޓަރުންނަށް ލައުންޖް ހަދަން މިހާރު ކުއްޔަށް ދޭން މަޝްވަރާކުރެވިފައިވާ، އަކަމީޓަރަކަށް $10.35 (ދިހަ ޔުނައިޓެޑް ސްޓޭޓްސް ޑޮލަރާއި ތިރީސް ފަސް ސެންޓް)ގެ ރޭޓަކީ، އެމް.އޭ.ސީ.އެލްއިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުރި އެހެން އިމާރާތްތަކުން ޖާގަ ކުއްޔަށް ދޫކޮށްފައިވާ އަގުތަކަށް ބަލާއިރު ވަރަށް ކުޑަ އަގެއްކަން އޭސީސީން ވަނީ ފާހަގަ ކޮށްފައެވެ. އަދި ރޭޓްތަކަށް ރިޢާޔަތްކުރާއިރު، އެމް.އޭ.ސީ.އެލް އިން ސީ ޕްލޭން ޓަރމިނަލް ކުއްޔަށް ދެވިދާނެކަމަށް ބެލެވޭ އެންމެ ކުޑަ އަދި އެންމެ ބޮޑު ރޭޓާއި، އެ ކުންފުންޏަށް ލިބޭނެކަމަށް ލަފާކުރާ ގެއްލުމުގެ ތަފްޞީލް ވެސް އޭސީސީގެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ. 

އެގޮތުން އޭސީސީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ފަސްދޮޅަސްދެ ހާސް ހަސަތޭކަ ތިން ޔުނައިޓެޑް ސްޓޭޓްސް ޑޮލަރާއި ބާރަ ސެންޓް) ގެ ގެއްލުން އެމް.އޭ.ސީ.އެލް އަށް ލިބޭނެކަމަށް ބެލެވެއެވެ. އަދި އެންމެ ކުޑަ އަގު (އަކަމީޓަރަކަށް މަހަކަށް $174.92) ގެ ރޭޓާ އަޅާކިޔާފިނަމަ، އަހަރަކު $29,786,511.72 (ނަވާވީސް މިލިއަން ހަތްސަތޭކަ އަށްޑިހަ ހަހާސް ފަސްސަތޭކަ އެގާރަ ޔުނައިޓެޑް ސްޓޭޓްސް ޑޮލަރާއި ހަތްދިހަދެ ސެންޓް) ގެ ގެއްލުން އެމް.އޭ.ސީ.އެލް އަށް ލިބޭނެކަމަށް ބެލެވެއެވެ.

ހަމައެހެންމެ، އެންމެ ބޮޑު އަގުގެ ރޭޓް ($314.57) އާ އަޅާކިޔާއިރު، 15 އަހަރުގެ ތެރޭގައި ގާތްގަނޑަކަށް $825,939,047 (އަށްސަތޭކަ ފަންސަވީސް މިލިއަން ނުވަސަތޭކަ ތިރީސް ނުވަހާސް ސާޅިސް ހަތް ޔުނައިޓެޑް ސްޓޭޓްސް ޑޮލަރު) ގެ ގެއްލުން އެމް.އޭ.ސީ.އެލް އަށް ލިބޭނެކަމަށް ބެލެވެއެވެ. އަދި އެންމެ ކުޑަ އަގުގެ ރޭޓާ އަޅާކިޔާއިރު، 15 އަހަރުގެ ތެރޭގައި ގާތްގަނޑަކަށް $446,797,676 (ހަތަރުސަތޭކަ ސާޅީސްހަ މިލިއަން ހަތްސަތޭކަ ނުވަދިހަ ހަތްހާސް ހަސަތޭކަ ހަތްދިހަ ހަ ޔުނައިޓެޑް ސްޓޭޓްސް ޑޮލަރު) ގެ ގެއްލުން އެމް.އޭ.ސީ.އެލް އަށް ލިބޭނެކަމަށް ބެލެވޭކަން އޭސީސީގެ ވަނީ ފާހަގަ ކޮށްފައެވެ. 

މީގެއިތުރުން އޭސީސީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި  މް.އޭ.ސީ.އެލްއިން އިމާރާތްކުރާ އައު ސީ ޕްލޭން ޓަރމިނަލް އޮޕަރޭޓްކުރުމާ ގުޅޭގޮތުން ސީޕްލޭން އޮޕަރޭޓްކުރާ ފަރާތްތަކާ މަޝްވަރާކޮށްފައިވީނަމަވެސް، އެއްބަސްވުމެއްގައި އެއްވެސް ފަރާތަކާއެކު ސޮއިކުރެވިފައެއް ނުވެއެވެ.

އައު ސީ ޕްލޭން ޓަރމިނަލްއާ ގުޅިގެން ބިނާކުރާ އެމް.އާރް.އޯ ފެސިލިޓީއަކީ، 12,746އަކަމީޓަރުގެ ބޮޑުމިނުގެ ފެސިލިޓީއެއްކަމާއި، މިއީ ސީ ޕްލޭން ޓަރމިނަލް ޕްރޮޖެކްޓްގެ ދަށުން ޤާއިމްކުރާ ހަމައެކަނި އެމް.އާރް.އޯ ފެސިލިޓީކަމާއި، އަދި އެމް.އާރް.އޯ ފެސިލިޓީ އަކީ $5,461,952.00 (ފަސް މިލިއަން ހަތަރުސަތޭކަ ފަސްދޮޅަސް އެއްހާސް ނުވަސަތޭކަ ފަންސާސްދެ ޔުނައިޓެޑް ސްޓޭޓްސް ޑޮލަރު) އަށް ކޮންޓްރެކްޓްކޮށްގެން ޤާއިމްކުރާ ތަނަކަށްވާއިރު، އަދި އައު ސީ ޕްލޭން ޓަރމިނަލްއަކީ މަލްޓި-އޮޕަރޭޓަރުންނަށް ބޭނުންކުރެވޭގޮތަށް ފަރުމާކޮށްފައިވާ ތަނަކަށްވީހިނދު، އެމް.އޭ.ސީ.އެލް އިން ދުނިޔޭގެ ފެންވަރުގައި އެމް.އާރް.އޯ ފެސިލިޓީއެއް ޤާއިމުކޮށް، އަކަމީޓަރަކަށް $10.35 ގެ ކުޑަ ރޭޓުގައި ވަކިފަރާތަކަށް ދީފިނަމަ، އެމް.އޭ.ސީ.އެލްއަށް ލިބެން އޮތް ފައިދާއަށް އުނިކަމެއް އަންނާނެކަމަށް އޭސީސީގެ ބަޔާނުގައި ވަނީ ބުނެފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: