ރާއްޖޭގެ ހާލަތު ހަމަޔަކަށް އެޅުވޭނެ ހަމައެކަނި ޕާޓީއަކީ އެމްޑީޕީކަމަށާއި، ޕާޓީ މިވަގުތު ގެންގުޅެންވީ ވިސްނުމަކީ 2028 ކާމިޔާބު ކުރުންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ ރައީސް ނަޝީދު ބައިވެރިވެވަޑައިގެން މިރޭ ވަނީ ”ބޮޑު ބަދަލު“ ގެ ބައްދަލުވުމެއް ކުރިޔަށް ގެންގޮސްފަ އެވެ. ކެމްޕެއިން ހަރަކާތެއްގެ ގޮތުގައި ކުރިޔަށް ގެންދިޔަ މި ބައްދަލުވުމުގައި ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި، ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އަދި ކުރީގެ މެމްބަރު އީވާ އަބްދުﷲ ބައިވެރިވެވަޑައިގަތެވެ.
މިރޭގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވަނީ ރާއްޖޭގެ މިހާރުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، އެމްޑީޕީއާ އެކު އާ ”ބޮޑު ދަތުރެއް“ ފަށަން ޖެހިފައިވާކަމަށް ވިދާޅުވެފަ އެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި 2008 ވަނަ އަހަރު އަމަލުކުރަން ފެށި ގާނޫނުއަސާސީގެ ސަބަބުން ރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވެއެވެ. އެގޮތުން ދައުލަތުގެ އާމްދަނީ 4 ބިލިއަނުން 40 ބިލިއަން ރުފިޔާއަށް އިތުރުވެފައިވަނީ އެމްޑީޕީން ގެނައި ނިޒާމީ ބަދަލުތަކާއި ޓެކްސްގެ ނިޒާމުގެ ސަބަބުންކަމަށް ވިދާޅުވި އެވެ.
ނަމަވެސް، މިއަދު ރައްޔިތުންގެ ޝަކުވާތައް އިންތިހާއަށް ގިނަވެފައިވާކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ބޯހިޔާވަހިކަމުގެ ކަށަވަރުކަން ނެތުމާއި، އާސަންދަ ލިބުމުގެ ދަތިކަމާއި، ތެލުގެ އަގު އުފުލި ތަކެތީގެ އަގު ބޮޑުވުމަކީ އާންމުންގެ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އަދި މާލޭގެ ތޮއްޖެހުމަށް ހައްލެއް ނުލިބުމާއި، ވެރިންގެ ކޮރަޕްޝަނާއި ނާޖާއިޒު ފައިދާ ނެގުމުގެ އަޑުތައް އަނެއްކާވެސް ގަދަވެފައިވާކަމަށް ވިދާޅުވިއެވެ.
މި ވަގުތަކީ، މި ބަދަލުތައް އަޅުގަނޑުމެން ނުގެނެސްފިނަމަ، މިހާރު މި ހުރިތަނުންވެސް އަޅުގަނޑުމެން ކައްސާލާނެ ވަގުތެއް
ރައީސް ނަޝީދު ވިދާޅުވީ ދުނިޔެ ބަދަލުވަމުންދާއިރު ރާއްޖެއަށް ލިބިފައިވާ ތަނަވަސްކަމާއި، އެކަނިވެރި މައިންނާއި ޔަތީމު ކުދިންނަށް ދެވޭ އެހީތައް ދަމަހައްޓަން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
މީގެއިތުރުން އެމްޑީޕީއަށް ޖެހިޖެހިގެން ތިން އިންތިހާބު ނާކާމިޔާބުވެފައިވީ ނަމަވެސް،ކައުންސިލް އިންތިހާބުގެ ކާމިޔާބީއާއި އެކު 2028 އަށް މިސްރާބު ޖަހަންޖެހޭ ކަމަށް ވިދާޅުވި އެވެ. ރައީސް ނަޝިދު ވިދާޅުވި ގޮތުގައި މި ބަދަލު ގެނެވޭނީ ހަމައެކަނި އެމްޑީޕީއަށެވެ.
މީގެ އިތުރުން، ނޫސްވެރިކަމުގެ މިނިވަންކަމަށް އަރައިނުގަތުމަށް ސަރުކާރަށް ގޮވާލައި ”އަދަދު“ ނޫސް ހިންގާ އިމާރާތަށް ފުލުހުން ވަނުން ކުށްވެރި ކުރެއްވި އެވެ. އަދި ނޫސް އިދާރާތަކަށް ވަދެ ބިރުދެއްކުމުގެ އަމަލުތައް ހުއްޓާލުމަށްވެސް ނަޝީދު އިންޒާރު ދެއްވިއެވެ.

