މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހަދާ ސީޕްލޭން ޓާމިނަލް، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ދިނުމަށް ނިންމި ނިމުގައި ރައްޔިތުންގެ މަޖްލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރެވޭ ކޮރަޕްޝަނުގެ މައްސައެއް ބަލައިދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.
އަމިއްލަ ފަރާތަކުން އޭސީސީގެ ރައީސް މަރިޔަމް ޝިއުނާއަށް ފޮނުވި ސިޓީއެއްގައި އެދިފައިވަނީ ސީޕްލޭން ޓާމިނަލް، ޓީއެމްއޭއަށް ދިނުމަށް ނިންމުމުގައި ރައީސް ނަޝީދު ނުފޫޒް ފޯރުވި މައްސަލަ ބަލައިދިނުމަށެވެ. މި ސިޓީގެ ކޮޕީއެއް ވަނީ ”ސަންގު“ ނޫހަށްވެސް ލިބިފައެވެ.
އޭސީސީއަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، ސީޕްލޭން ޓާމިނަލް ވަކިބަޔަކަށް ފައިދާވާ ގޮތަށް ދިނުން ހުއްޓުވަމަށް އޭސީސީންވެސް އަންގާފައިވާނިކޮށް ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ދޭންޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާ ކަމަށެވެ.
އަމިއްލަ ފަރާތަކުން އޭސީސީއަށް ހުށަހެޅި މައްސަލައިގައި އިޝާރާތްކޮށްފައި އެވަނީ، ޓާމިނަލްގެ ކަންތައް ސަރުކާރާއި ޓީއެމްއޭ އިން އެއްބަސްވާ ގޮތަކަށް އަވަހަށް ނިންމަން ޖެހޭ ކަމަށާއި އެހެން ނޫންނަމަ ބަދަލު ދޭންޖެހިދާނެ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ކުރައްވާފައިވާ ދެ ޓްވީޓަކަށެވެ.
ރައީސް ނަޝީދު ވިދާޅުވެފައިވަނީ ސީޕްލޭން ޓާމިނަލް ކުއްޔަށް ދިނުމާ ގުޅޭ ކަންކަން، ސަރުކާރާއި ޓީއެމްއެއޭ އިން އެއްބަސްވާ ގޮތަކަށް އަވަހަށް ނިންމަން ޖެހޭ ކަމަށެވެ. އަދި ޓާމިނަލްގެ ކަންތައް އަވަހަށް ނިންމުން މުހިއްމީ ދެވަނަ ރަންވޭ ހުޅުވައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބާރަށް ހިންގަން ފެށުމަށްޓަކައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ސަރުކާރުގެ މުއާމަލާތްތަކާ ގުޅުވައި އަވަސް ހައްލެއް ނުހޯދައިފި ނަމަ ދައުލަތުން ޓީއެމްއޭ އަށް ބަދަލުދޭން ޖެހިދާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން އޭސީސީއަށް ހުށަހެޅި މައްސަލައިގައި ޓީއެމްއޭގެ ހިއްސާ ކޮންޓްރޯލްކުރާ ކޮންސޯޓިއަމްގައި ހިމެނޭ ބެއިން ކެޕިޓަލްގެ ވަކީލެއްގެ ގޮތުގައި، ރައީސް ނަޝީދުގެ ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ޖެރެޑް ޖެންސާ ހިމެނޭކަން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން 12 ފެބްރުއަރީ 2020 ގައި ރައްޔިތުންގެ މަޖްލީހުގެ އާ އިމާރާތުގެ 7 ވަނަ ފަންގިފިލާގައި ޓީއެމްއޭގެ ބޯޑު މެމްބަރުންނާއި އެކު ރައީސް ނަޝީދު ސިއްރު ބައްދަލުވުމެއް ބޭއްވި ކަމަށާއި އެ ބައްދަލުވުމަށްފަހު ޓީއެމްއޭ އަށް ޓާމިނަލް ދޭން ޖެހޭނެ ކަމަށް ވިދާޅުވި ކަމަށް ތުހުމަތުކޮށްފައިވެއެވެ.
ޓީއެމްއޭއަށް ބަދަލު ދޭން ޖެހިދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވަނީ ސީ ޕްލޭން ޓާމިނަލުން ޖާގަ ކުއްޔަށް ދޭން ޓީއެމްއޭއާ އެކު އެއްބަސްވުމެއް ނެތް ކަމަށް އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތުވެސް ވިދާޅުވެފައި ވަނިކޮށެވެ.
ޒިޔަތު ވިދާޅުވެފައިވަނީ ސިޓީއަކުން ހިންގި މުއާމަލާތަކީ އެއްބަސްވުމެއް ނޫން ކަމަށާއި އެހެންކަމުން ދައުލަތުން އެކަމުގައި ޒިންމާއެއް އުފުލަން ނުޖެހޭނެ ކަމަށެވެ.
ޓީއެމްއޭ މައްސަލައިގެ ޖިނާޢީ ތަޙުޤީގެއް ހިންގަން ފަށާފައިވާއިރު، އެކޮމިޝަނުން ބުނެފައިވަނީ، އެމްއޭސީއެލް ގެ ބޯޑު މެމްބަރުންނާއި ޓީއެމްއޭ އަދި މަންތާ އެެއާގެ ބޯޑު މެމްބަރުންގެ އާއިލީ އަދި ވިޔަފާރީގެ މަސްލަހަތު ހިމެނޭކަމަށެވެ.

