އަތޮޅު ކައުންސިލް އުވާލުމަށް އެއްވެސް ރައްޔިތަކު ނޭދޭކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ޝަމްހީދު މިހެން ވިދާޅުވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު ގާނޫނުއަސާސީއަށާް ހުށަހެޅި އިސްލާހަށުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ.
ނިމިދިޔަ އިންތިބާހުގެ ނަތީޖާއަށް ފަހު ރައީސުލްޖުމްހީރިއްޔާ ޕްރެސް ކޮންފަރެންސެއްގައި ގާނޫނުއަސާސީ އިސްލާހުކުރުމަކީ ރައްޔިތުން އެދޭކަމެއްނޫންކަމަށް ވިދާޅުވިކަމަށާއި، އެހެންވީމައި އެމަނިކްފާނުގެ ވެރިކަމުގައި ގާނޫނުއަސާސިއަށް ގެނެވިފައި ހުރި އިސްލާހުތައް ރިވާސްކުރުމަކީ ލާޒިމްކަމެއްކަމަށް ޝަމްހީދް ވިދާޅުވިއެވެ. ނޫންނަމަ ރައްޔިތުން ގާތު އަނެއްކާވެސް މި ގެނެވިފައިހުރި އިސްލާހުތައް ކަމުދޭތޯ އަހާލަންޖެހޭކަމަށް ޝަމްހީދު ވިދާޅުވިއެވެ.
އަތޮޅު ކައުންސިލް އުވާލުމަށް އެއްވެސް ރައްޔިތަކު ސަރުކާރުގައި ނޭދޭކަމަށާއި، މިކަން އެނގެނީ އޭނާ ވެސް މި ފަހުން ރާއްޖޭގެ 100 އަށް ވުރެ ގިނަ ރަށަށް ދަތުރުކޮށްފައިވާތީކަމަށް ޝަމްހީދު ވިދާޅުވި އެވެ.
ހަމައެކަނި ރަށުކައުންސިލެއް އޮވެގެން މިކަން ދެކޮޅު ނުޖެހޭނެކަން މިއީ ކޮންމެ މީހަކު ވެސް ވިސްނާލައިފިނަމަ އެނގޭނެ ކަންކަން ކަމަށާއި، ދިވެހިރާއްޖެ އުފެދިފައިވާގޮތާއި ދިވެހިރާއްޖޭގެ ގުދުރަތީ ނިޒާމަކީ އަތޮޅުގެ ނިޒާމުކަން މިއީ އެންމެންވެސް ގަބޫލުކުރަންޖެހޭކަމެއްކަމަށް ޝަމްހީދު ވިދާޅުވިއެވެ.
އަދި އަތޮޅު ކައުންސިލް އުވާލަން ކިތަންމެ މަސައްކަތެއް ކުރިކަމުގައި ވިޔަސް މިގައުމަށް މި ބަދަލު ނުގެނެވޭނެކަމަށް ޝަމްހީދު ވިދާޅުވި އެވެ. ޝަމްހީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގައުމަށް ހެޔޮ އެދޭނަމަ ނޫނީ މާލީ އިސްރާފް ކުޑަކުރަން އެދޭނަމަ، އެންމެ ރަނގަޅު ގޮތަކީ މިކަން ރައްޔިތުން ފަރާތުން އެހުން ނޫނީ ކުރިން އޮތްގޮތަށް ބަދަލުކުރުން ކަމަށެވެ.
ކޮންމެ އަތޮޅެއްގައި އިހުތިޞާސް އޮތުމުގެ ބަދަލުގައި ކޮންމެ ރަށެއްގައި އޮންނަން ވެއްޖެނަމަ އަތޮޅު ފެންވަރުގައި މިހާރު ދެމުންދާ ހިދުމަތްތައް ރަށު ފެންވަރަށް ބަދަލުކުރަން ޖެހޭނެކަމަށް ވެސް ޝަމްހީދު ވަނީ ވިދާޅުވެފައެވެ.
މިއަދު ހައުސިން މިނިސްޓަރު ވަޑައިގެން ދެއްކެވި ވާހަކަތަކުން އަތޮޅުތަކުގައި ކަން ހިނގާގޮތް އެމަނިކްފާނަށް އެނގިވަޑައިނުގަންނަވާކަން އެނގިގެން ދިޔަކަމަށާއި، އެހެންނަމަވެސް މިފަދަ ހައުސިން މަޝްރޫއުތައްވެސް އަތޮޅުކައުންސިލަށް ދޫކޮށްލެވޭނަމަ އެބޭފުޅުންނަށް އަތޮޅުތަކުގެ ސްޓޭޓަސް އެނގޭނެކަމަށް ޝަމްހީދު ވަނީ ވިދާޅުވެފަ އެވެ.

