ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީރުން ރައީސްގެ ދިފާއުގައި: ނޫސްވެރިކަމުގެ މިނިވަންކަމަކީ، ހަގީގަތެއް ނެތް ދޮގު ފެތުރުމަށް ލައިސަންސެއް ނޫން!

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ގުޅޭގޮތުން ސާބިތުނުހިފޭ ދޮގު ފަތުރާނަމަ، އެ މައްސަލައެއް ތަހުގީގުކޮށް ފިޔަވަޅު އަޅަންޖެހޭކަމަށް ބުނެ ސަރުކާރުގެ ވަޒީރުން ޕޯސްޓުތަކެއް ކުރައްވައިފި އެވެ.

”އަދަދު“ ނޫހުން ޑޮކިއުމަންޓްރީއެއްގެ މައްސަލައިގައި، ފުލުހުން ވަނީ ރޭ ކުއްލި ގޮތަކަށް އެ މީޑިއާ އޮފީސް ހިންގާ އިމާރާތަށް ވަދެ، ބަލައިފާސްކޮށްފަ އެވެ. އަދި ބައެއް އިލެކްޓްރޯނިކް ސާމާނުތައް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.

މި މައްސަލައިގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވި ގޮތުގައި، ރައީސާ މެދު ދޮގު ތުހުމަތުތަކެއް ކުރި މައްސަލައިގައި ފުލުހުން އެ ނޫސް ރެއިޑުކުރުމަކީ ގާނޫނީ ގޮތުން ކުރަންޖެހޭ ކަމެކެވެ. ގާނޫނުއަސާސީގެ 27، 28 އަދި 33 ވަނަ މާއްދާއަށް ރިއާޔަތްކުރައްވައި މިނިސްޓަރ ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަންކަން އޮތް ނަމަވެސް، މީހުންގެ އަބުރު ނަގާލުމުގެ ހައްގު އެއްވެސް މީހަކަށް ލިބިގެން ނުވާކަމަށާއި، ފުލުހުން ކުރަމުންދަނީ ގާނޫނީ ވެރިކަން ނަގަހައްޓައި ރައީސްގެ ގާނޫނީ ހައްގުތައް ހިމާޔަތްކުރުމުގެ މަސައްކަތް ކަމަށެވެ.

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އިސްލާމީ ރިވެތި އިންތަކުން ބޭރުވެ، މީހުންގެ އަބުރު ކަތިލައި، ސާބިތު ހެކި ނެތި ގަޒުފުގެ ތުހުމަތު އެޅުވުމަށް ދެވޭ ލައިސަންސެއް ނޫން ކަމަށެވެ. އަދި ވަކިން ހާއްސަކޮށް އިސްލާމީ ދައުލަތެއްގެ ވެރިޔާގެ އަބުރު ކަތިލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ފާހަގަކުރެއްވިއެވެ.

 ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ނަމުގައި މީހުންގެ އަބުރު، އަދި ވަކިން ޚާއްސަކޮށް އިސްލާމީ ދައުލަތެއްގެ ވެރިޔާގެ އަބުރު ކަތިލުމަކީ ކުރެވިގެންވާނެ ކަމެއް ނޫން. އެއީ ބަލައިގަނެވޭނެ ކަމެއްވެސް ނޫން. އަޅުގަނޑުމެންގެ މުޖުތަމައަކީ އެފަދަ ކަންކަމަށް ތަރުހީބު ދޭނެ މުޖުތަމައެއްވެސް ނޫން. އަދި އަޅުގނޑުމެންގެ ނޫސްވެރިންނަކީ އެފަދަ ފާހިޝް ހުތުރު ކަންކަމަށް ހިތްވަރުދޭ، ދޮގު ޚަބަރު ފަތުރާ ބަޔަކަށްވުރެ މާ ތަހުޒީބު، މާ ޒިންމާދާރު ބަޔަކަށް ވާންޖެހޭނެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ރައީސް ޑރ. މުއިއްޒަކީ ނޫސްވެރިކަމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ބޭފުޅެއްކަމަށާއި، ނަމަވެސް މިއަދު ފެންނަނީ ރާއްޖޭގައި މީގެ ކުރިން ނުފެންނަ މިންވަރަށް ރައީސަށާއި އެމަނިކުފާނުގެ އާއިލާއަށް ދޮގު ތުހުމަތުތަކުން ފުރައްސާރަކުރާ މަންޒަރު ކަމަށެވެ.

އަބުރު ހިމާޔަތްކުރުމަކީ އިސްލާމީ ޝަރީއަތުގެ އެންމެ މަތިވެރި މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް ޝަހީމް ވިދާޅުވި އެވެ. ޝަހީމް ވިދާޅުވީ، ރާއްޖޭގައި އަނިޔާވެރިކަމާއި، ބޭއިންސާފާއި، ކޮރަޕްޝަން ނައްތާލުމުގައި ނޫސްވެރިންނަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމަށެވެ. އަދި ނޫސްވެރިކަމަކީ ގައުމީ ފެންވަރުގައި ބަލައިގަނެ، އޭގެ އަގުވަޒަންކުރެވޭ މަސައްކަތެއްކަމަށް ވިދާޅުވި އެވެ. ނަމަވެސް މީހުންގެ އަބުރާއި ޢިއްޒަތަށް އަރައިގަނެ، ފުރައްސާރަކޮށް، ބުލީކުރުމުގެ ވަސީލަތަކަށް ނޫސްވެރިކަން ބަދަލުވެއްޖެނަމަ، މުޅި މުޖުތަމައު ހަލާކުވެގެން ދާނެކަމަށް ޝަހީމް ވަނީ ވިދާޅުވެފަ އެވެ.

ރައީސް މުއިއްޒާއި އެމަނިކުފާނުގެ އާއިލާއަށާއި، ވަޒީރުންނަށް އަމާޒުކޮށް ބައެއް ނޫސްތަކާއި ސޯޝަލް މީޑިއާ އެކައުންޓްތަކުން ކުރަމުންދާ ފުރައްސާރައަކީ މީގެ ކުރިން ރާއްޖޭގައި ފެނިފައިނުވާ މިންވަރެއްގެ ކަމެއްކަން ޝަހީމް ފާހަގަކުރެއްވި އެވެ.

ޚިޔާލު ފާޅުކުރުމުގެ ފުރިހަމަ މިނިވަންކަން ޤާނޫނު އަސާސީގެ ދަށުން ރާއްޖޭގައި ކަށަވަރު ކޮށްދީފައިވޭ. އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި ރާއްޖޭގައި ނޫސްވެރިންނަށް ފުރިހަމަ މިނިވަންކަން ލިބިގެންވޭ. ލިބިފައި އޮންނަންވެސް ޖެހޭ. ދުނިޔޭގައި ފުޅާ ދާއިރާއެއްގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް ޤައުމަކަށް ރާއްޖެ ވާނެ. މި މިނިވަންކަމުގެ ބޭނުން ހެޔޮ ގޮތުގައި ހިފަންޖެހޭ. އަނިޔާވެރިކަމާއި ބޭއިންސާފާއި ކޮރަޕްޝަން ނައްތާލުމުގައި ނޫސްވެރިކަމަކީ ރާއްޖޭގައި މުހިންމު ދައުރެއް އަދާކުރާކަމެއް. ނޫސްވެރިކަމަކީ ރާއްޖޭގައި ޤައުމީ ފެންވަރުގައި އަގުވަޒަންކުރެވޭކަމެއް.

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ، ނޫސްވެރިކަމަކީ މީހުންގެ އަބުރު ކަތިލައިގެން އާމްދަނީ ހޯދާ ވިޔަފާރިއަކަށް ވެގެން ނުވާނެ ކަމަށާއި، އެ ފުރުސަތު ދައުލަތުގެ އިދާރާތަކުން ދީގެން ނުވާނެ ކަމަށެވެ. މީގެ އިތުރުން ޔޫތު މިނިސްޓަރު ޑރ. އަބްދުﷲ ރާފިއު ވިދާޅުވީ، ތެދު މައުލޫމާތު ފެތުރުމަކީ ޒިންމާއެއް ކަމަށާއި، އާންމުންނަށް ހައްގުވަނީ ދޮގު މައުލޫމާތުގެ މައްޗަށް ބިނާކޮށްފައިވާ ވާހަކަތަކެއް ނޫން ކަމަށެވެ.

ނޫސްވެރިކަމަކީ މީހުންގެ އަބުރު ކަތިލައި، އާއިލާތައް ރޫޅައި، ގައުމު ހަމަޖެހުން ނަގާލައިގެން ބަޔަކު އާމްދަނީ ހޯދާ ވިޔަފާރިއަކަށް ވެގެން ނުވާނެ. އެ ފުރުޞަތު ދައުލަތުގެ އިދާރާތަކުން ދީގެންވެސް ނުވާ ނެ.

މި މައްސަލައިގައި އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލުކުރުމުން ރައީސް ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވާފަ އެވެ. އަދި އެއްވެސް ހަގީގަތެއް ނެތް ވާހަކަތައް ފަތުރަމުން ދިއުން މުވައްސަސާތަކުން ބަލައި ތަހުގީގު ކުރަން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: