ސިވިލް ސާވިސް ކޮމިޝަންގެ (ސީއެސްސީ) ގެ މަސައްކަތްތައް ލަސް ވުމުގެ ސަބަބުން ސަރުކާރުން ބޭނުންވާ ސްޕީޑުގައި މަސައްކަތްތައް ކުރިއަށް ގެންދަން އުނދަގޫވާ ކަމަށް ވަޒީރުން ވިދާޅުވެފައި ވާތީ އެ ތުހުމަތުތަކަށް ޖަވާބުދާރީވުމުގެ ފުރުސަތަކަށް ސީއެސްސީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެއެވެ.
ސީއެސްސީގެ ހަތަރު މެމްބަރުންނާއި ގުޅޭ މައްސަލަ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން ވަނީ ބަލާފައެވެ. އަދި މެމްބަރުން ވަކި ކުރުމަށް ހާޒިރުވެތިބި މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފައިވަނީ ކޮމިޓީއަށް ފާހަގަކުރެވުނު ކަންތަކަށް ރިއާޔަތް ކުރުމަށްފަހުއެވެ.
މެމްބަރުން ވަކި ކުރުމަށް ފާސްކުރި ދުވަހާއި ދިމާވަނީ، ކޮމިޓީއަށް ސަރުކާރުގެ ވަޒީރުން ހާޒިރު ކުރުކުރުމުން އެ ކޮމިޝަންގެ މެމްބަރުންގެ އެއްބާރުލުމެއް ނުލިބޭކަމަށް ބުނެފައިވަނިކޮށެވެ. އަދި ވަޒީރުން ވަނީ ސީއެސްސީގެ މަސައްކަތްތަކަށް ނުރުހުންވެސް ފާޅުކޮށްފައެވެ.
ސީއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މިމަހުގެ 10 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީގެ ބައްދަލުވުމުގައި ސަރުކާރުގެ ވަޒީރުން ފާޅު ކުރެއްްވި ކަންބޮޑުވުންްތަކަށް ޖަވާބުދާރީވާން ކޮމިޝަނުން ބޭނުންވެ އެވެ. އަދި އެކަމުގެ ހަގީގަތް ދެނެގަތުމާއެކު ކޮމެޓީއަށް ޖަވާބުދާރީވުމުގެ ފުރުސަތަކަށް އެދި މަޖިލީހުގެ ރައީސްއަށް ސިޓީ ފޮނުވާފައިވާ ކަމަށް ކޮމިޝަންގެ ބަޔާނުގައި ވަނީ ބުނެފައެވެ.
ސީއެސްސީގެ ބަޔާނުގައި ބުނެފައި ވަނީ ވަޒީރުންގެ ކަންބޮޑުވުންތައް ދެނެގަތުމަށާއި އެކަންކަމާ ގުޅިގެން ކޮމިޝަނުން އެޅިދާނެ ފިޔަވަޅުތައް ދެނެގަތުމަށް ވަޒީރުންނާ ބައްދަލު ކުރަން ބޭނުން ވޭނުންވާތީ އެކަމަށް ވަޒީރުންގެ ކިބައިން ވެސް އެދިފައިވާނެ ކަމަށެވެ.
ސިވިލްސާވިސްގެ 25،558 މުވައްޒިފުންނާއި 712 ވުރެ ގިނަ އިދާރާއިން އިންސާނީ ވަސީލަތްތައް ބެލެހެއްޓުމުގައި ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ވަޒީފާ ދިނުމާއި، ވަޒީފާއިން ވަކިކުރުމާއި، ވަޒީފާ ބަދަލުކުރުމާއި، މަގާމުގެ ކުރިއެރުން ދިނުމާއި، މުވައްޒިފުންނަށް ތަމްރީނުދިނުމާއި، މުވައްޒިފުންނާ ގުޅޭގޮތުންނާއި، މުވައްޒަފުން ހުށައަޅާ ޝަކުވާތައް ބެލުމަކީ ވެސް އެ ކޮމިޝަންގެ ޒިންމާއަކަށްވާއިރު އެކަންކަން އެ ކޮމިޝަނުން ކުރަމުންދަނިކޮށް ކޮމެޓީގައި ވަޒީރުން ކޮމެޓީގައި ދެއްކެވި ވާހަކަތަކާމެދު ކަންބޮޑުވާ ކަމަށާއި ހުރިހާ ވުޒާރާތަކަށްވެސް އެ ކޮމިޝަނުން ފުރިހަމަ އެއްބާރުލުން ދެމުން ގެންދާ ކަމަށް ވެސް ބުނެފައި ވެއެވެ.
ކޮމީޓިއަށް ހާޒިރުވި ވަޒީރުން ފާހަގަކުރެއްވި ގޮތުން ސީއެސްސީގައި ގިނައީ އިސްލާހު ކުރަނަޖެހޭ ކަންތަކެވެ. ކޮމިޝަންގައި ސިޔާސީ މަސައްކަތްތަކުގައި އުޅުނު ބައެއް ބޭފުޅުން އެބަތިބި ކަމަށް ވެސް ވަޒީރުން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން ވަޒީފާގެ އޮނިގަނޑުތައް އެކުލަވާލުމުގެ މަސައްކަތް ލަސްވުމާއި މަޝްވަރާކޮށްގެން ވެސް ބައެއްކަންކަމުގައި އެއްބަސްވުމަކަށް އާދެވިފައި ނުވާކަމަށް ވަޒީރުން ވިދާޅުވިއެވެ.
ކޮމިޓީގައި ވަޒީރުން އެދުނީ ސީއެސްސީ މިއަށްވުރެ ޒިންމާދާރު ވުމަށެވެ. އަދި މުވައްސަސާތަކުން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ލިބޭނެ މަގެއް ހޯދައިދިނުމަށެވެ. އެހެން ނަމަވެސް، މިހާރު ތިއްބެވި މެމްބަރުންނާއި އެކު ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަކީ ފަސޭހަ ކަމަކަށް ވެގެންދާނެކަމަށް ގަބޫލު ނުކުރެވޭކަމަށް ވަޒީރުން ފާހަގަކުރިއެވެ.

