ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން، ރާއްޖޭގެ ޓެކްސީ ދަތުރުތަކަށް ކަނޑައަޅާފައިވާ އަގުތައް މުރާޖައާކުރުމުގެ މަސައްކަތް ކުރާނީ މަޝްވަރާތަކަށް ފަހުކަމަށް އިކޮނޮމިކް، އެންޑް ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ސަޢީދު ވިދާޅުވީ، ޓެކްސީ އަގުތަކަށް ބަދަލު ގެނައުމުގައި ކަމާގުޅޭ ހުރިހާ ފަންތިއެއްގެ މަޝްވަރާ ހޯއްދަވާނެ ކަމަށެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ސަޕްލައިއަށް ބުރޫއަރައި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. މީގެ އަސަރު ރާއްޖެއަށް ވެސް ކޮށްފައިވާއިރު، ރާއްޖޭގައި ތެލުގެ އަގު ވަނީ 12.5 އިންސައްތަ ބޮޑުވެފައެވެ.
ތެލުގެ އަގަށް އައި މި ބޮޑު ބަދަލާއެކު، ޓެކްސީ ދުއްވައިގެން ލިބޭ އާމްދަނީއަށް ނޭދެވޭ އަސަރުކުރާތީ، ދަތުރުތަކުގެ އަގު ބޮޑުކޮށްދިނުމަށް އެދި ޓެކްސީ ޑްރައިވަރުންގެ ފަރާތުން ސަރުކާރަށް ވަނީ ހުށަހަޅާފައެވެ.
މިއަދު ކުރިއަށްދިޔް ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާއި ގުޅޭގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން ސަޢީދު ވިދާޅުވީ، މި މައްސަލައިގައި ގޮތެއް ނިންމުމުގެ ކުރިން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވާނެ ކަމަށެވެ. އަދި ޓެކްސީ ޑްރައިވަރުންނާއި، ސެންޓަރުތަކުގެ އިތުރުން ޚިދުމަތް ހޯދާ އާންމު ރައްޔިތުންގެ ޚިޔާލު ހޯދުމަކީ ވެސް މުހިންމު ކަމެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ. ސަރުކާރުގެ އަމާޒަކީ ދެފަރާތަށް ވެސް ގެއްލުން ނުވާނެ ފަދަ އިންޞާފުވެރި އަގުތަކެއް ކަނޑައެޅުންކަމަށް ވިދާޅުވިއެވެ.
އަގުގެ އިތުރުން، ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ގެންގުޅޭ ޕްލޭންތަކަށް ވެސް ސައީދު އަލިއަޅުވާލެއްވިއެވެ. އެގޮތުން ޓެކްސީތަކުގެ ފެންވަރު ރަނގަޅުކުރުމާއި، މާލޭގެ މަގުތަކުގައި އޮތް ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، މާލޭގެ ޕާކިން މައްސަލައަށް ހައްލެއް ހޯދައި، ޓެކްސީ ޚިދުމަތަކީ ރައްޔިތުން އިތުބާރުކުރާ، ފަސޭހަ ޚިދުމަތަކަށް ހެދުމަކީ ސަރުކާރުގެ ބޮޑު އިސްކަމެއް ދޭ ކަމެއްކަމަށް ސައީދު ވިދާޅުވިއެވެ.
މި ބަދަލުތައް ގެނައުމުގައި ރާއްޖޭގެ ހުރިހާ ސިޓީތަކެއް ހިމެނޭހެން ފުޅާ ދާއިރާއެއްގައި ”ކޮންސަލްޓޭޝަން“ ބައްދަލުވުންތައް ބޭއްވުމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ.

