މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ނޫސް މަޖައްލާތައް ރަޖިސްޓްރީ ކުރުމާއި، މީޑިއާތަކާ ގުޅޭ ޝަކުވާތައް ބަލައި ފިޔަވަޅު އެޅުމާ ބެހޭ އައު ގަވާއިދުތައް އެކުލަވައިލައި އާންމުކޮށްފިއެވެ.
މި ގަވާއިދުތަކަށް އަމަލުކުރަން ފެށުމާއެކު، މީޑިއާގެ ދާއިރާ ރެގިއުލޭޓް ކުރުމުގެ އައު އުސޫލުތަކެއް ތަންފީޒުކުރަން ފެށިގެންދާނެ އެވެ.
މީޑިއާ ކޮމިޝަންގެ ގާނޫނުގެ ދަށުން މިއަދު ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށް އަމަލުކުރަން ފެށި ތިން ގަވާއިދަކީ ނޫސް މަޖައްލާ ރަޖިސްޓްރީ ކުރުމުގެ ގަވާއިދާއި، މީޑިއާ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ގަވާއިދުގެ އިތުރުން އެއްވުންތަކުގައި ހަރަކާތްތެރިވާ ނޫސްވެރިން އެކްރެޑިޓް ކުރުމުގެ ގަވާއިދެވެ.
މި ގަވާއިދުތަކަކީ މީގެކުރިން މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނުން ވަކިވަކިން ހިންގަމުން އައި އުސޫލުތަކަށް ބަދަލުތަކެއް ގެނެސް، އަލަށް އުފެދުނު މީޑިއާ ކޮމިޝަންގެ ދަށުން އެކުލަވައިލާފައިވާ އުސޫލުތަކެކެވެ.
އައު ގަވާއިދުގައިވާ ގޮތުން، މީޑިއާއަކުން ފަތުރާފައިވާ ކޮންޓެންޓަކާ ގުޅިގެން ޝަކުވާއެއް އޮތް ނަމަ އެ ކޮންޓެންޓެއް އާންމުކުރިތާ 45 ދުވަހުގެ ތެރޭގައި ކޮމިޝަނަށް ހުށަހަޅަން ޖެހެއެވެ. އަދި ހުށަހެޅޭ ޝަކުވާތަކަށް، ގިނަވެގެން 30 ދުވަހުގެ ތެރޭގައި ކޮމިޝަނުން ގޮތެއް ނިންމަންވާނެއެވެ.
ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ ބާރުވެސް މި ގަވާއިދުން ކޮމިޝަނަށް ލިބިދެއެވެ.
އެގޮތުން، ބްރޯޑްކާސްޓަރުން ލައިސަންސްގެ ޝަރުތުތަކާ ހިލާފުވެއްޖެ ނަމަ 50،000 ރުފިޔާއާއި 250،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ނޫސް މަޖައްލާތައް 5،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ އިހުތިޔާރު ކޮމިޝަނަށް އޮވެއެވެ.
މީގެ އިތުރުން، ކޮންޓެންޓް އިސްލާހުކުރަން އެންގުމާއި، އާންމުކޮށް މައާފަށް އެދުމަށް އެންގުމުގެ ބާރުވެސް ކޮމިޝަނަށް ލިބިގެންވެއެވެ. އަދި މީޑިއާއެއްގެ ރަޖިސްޓްރީ ނުވަތަ ލައިސަންސް ބާތިލްކުރަން ޖެހޭ ހާލަތްތަކުގައި އެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ބާރުވެސް މި ގަވާއިދުގެ ދަށުން ކޮމިޝަނަށް ވަނީ ދީފައެވެ.
މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި، އެއް މުއައްސަސާއެއްގެ ދަށަށް މީޑިއާ ރެގިއުލޭޓް ކުރުން ބަދަލުކުރީ މިދިޔަ ސެޕްޓެމްބަރު މަހު އަމަލުކުރަން ފެށި މީޑިއާ ކޮމިޝަންގެ ގާނޫނުގެ ދަށުންނެވެ.
މީޑިއާ މި ކޮމިޝަން އުފެއްދުމުގެ މަސައްކަތް ކުރިޔަށް ގެންދިޔައިރު، ހައްގުތައް ހިމާޔަތް ކުރުމަށް ވުރެ ބޮޑަށް ފިޔަވަޅު އެޅުމަށް ބާރު އަޅާކަމަށް ބުނެ ނޫސްވެރިންގެ ފަރާތުން ކަންބޮޑުވުންފާޅު ކުރި އެވެ. އަދި މަޖިލީހުގައި ބިލުގެ މަސައްކަތް ކުރިޔަށް ދިޔައިރު، ކޮމިޝަންގެ ގާނޫނަށް އަމަލު ނުކުރާނެކަމަށް ބުނެ އިހުތިޖާޖުތައްކޮށްފައި ވެއެވެ.

