ސަރުކާރުގެ ”އެންމެންނަށް ބޯހިޔާވަހިކަން“ ސިޔާސަތުގެ ދަށުން ބ. ތުޅާދޫ އާއި ތ. ވިލިފުށިން ދޫކުރުމަށް ހަމަޖެހިފައިވާ ހައުސިން ޔުނިޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިރޭ ހަމަވާނެ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ އިން ހާމަކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން، ތ. ވިލިފުށިން 100 ހައުސިން ޔުނިޓް އަދި ބ. ތުޅާދޫން 100 ހައުސިން ޔުނިޓާ އެކު ޖުމްލަ 200 ޔުނިޓް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ދެ ރަށުން ދޫކުރެވޭ ހައުސިން ޔުނިޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވާނީ މިރޭ 23:59 ގައެވެ.
މި ފުރުސަތު އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހުއެވެ. ފަހުން ކުރިމަތިލުމުގެ ފުރުސަތު އިތުރު ކުރެވި، ފޯރުކޮށްދެވިފައިވާ ފަހު ފުރުސަތު ވެސް ހަމަވަނީ މިރެއެވެ. ހައުސިން ޔުނިޓްތައް ދޫކުރުމުގައި އަމަލުކުރާނެ އުސޫލުތައް ސަރުކާރުގެ ގެޒެޓްގައި ވަނީ ޝާއިއުކޮށްފައެވެ.
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ އިން ވިދާޅުވި ގޮތުގައި، ޝަރުތު ފުރިހަމަވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ ވުޒާރާގެ ”ހިޔާވަހި ޕޯޓަލް“ މެދުވެރިކޮށެވެ. ވީ ހިނދު، ކުރިމަތިލުމުގެ ފުރުސަތު ހަމަވުމުގެ ކުރިން ޝަރުތު ހަމަވާ ފަރާތްތަކުން ލަސްނުކޮށް ފޯމު ހުށަހެޅުމަށް ވުޒާރާ އިން ވަނީ އިލްތިމާސްކޮށްފައެވެ.
މި މަޝްރޫއަކީ ރަށްރަށުގައި ހުރި ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ ”އެންމެންނަށް ބޯހިޔާވަހިކަން“ ސިޔާސަތުގެ ތެރެއިން ހިންގާ މުހިންމު މަސައްކަތެކެވެ.

