ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދު ދަށް ކޮށްލައިފި ނަމަ، މަދަމާ ދިވެހި މުދައްރިސުން ނުތިބޭނެ!

ސްކޫލެއްގައި މުދައްރިސުންތަކަކާއި ދަރިވަރުންތަކެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމަށް ފައިދާ ކުރުވަނިވި ޖީލެއް ބިނާކުރުމުގެ ހަގީގީ މޭސްތިރިންނަކީ މުދައްރިސުންނެވެ. އެހެންވެ، މީގެ އަހަރުތަކެއް ކުރިން އެންމެ ގަދަރުވެރި، މީހުންގެ އިހުތިރާމް އެންމެ ބޮޑަށް ލިބުނު އެއް ބަޔަކީ މުދައްރިސުންނެވެ. މުސާރައިގެ ގޮތުން ބެލި ނަމަވެސް އޭރު ޓީޗަރުންނަށް އެކަށީގެންވާ އުޖޫރައެއް ދެމުންދިޔައެވެ.

ނަމަވެސް، ރިޔަލު އޮޑި އިންޖީނު އޮޑިއަށް ބަދަލުވިހެން، ދަރު އުނދުން ގޭސް އުނދުނަށް ބަދަލުވި ބީދައިން މިހާރު އެކަން ވެސް މާޒީވެ ހިނގައްޖެއެވެ. މިހާރު ފެންނަނީ ވަރަށް ދެރަވަރު މަންޒަރެކެވެ. ގަދަރު ގެއްލި، އެއްވެސް އަގެއް ނެތް ބައެއްގެ ގޮތުގައި މުދައްރިސުން މަގުމަތިވެފައިވާ މަންޒަރެވެ. މިއީ ވިސްނަން ވެއްޖެ ކަމެކެވެ. މިއީ ގައުމީ ބޮޑު މައްސަލައެކެވެ.

ފުރަތަމަ މުސާރައިގެ ވާހަކަ ދައްކަމާތޯއެވެ؟ އާދެ، މުސާރަ ކުޑަވުގެ ވާހަކައެވެ. ކުރާ މަސައްކަތާ އެކަށީގެންވާ އުޖޫރައެއް ނުލިބޭ ވާހަކައެވެ. ޓީޗަރުންގެ މަސައްކަތަށް ހޭދަވަނީ ހަމައެކަނި ކިލާހުގައި ކިޔަވައިދިނުމަށް ހޭދަވާ ވަގުތެއް ނޫނެވެ. އެތައްގަޑި އިރެއްގެ މަސައްކަތަށްފަހު އެނބުރި ގެއަށް ގޮސް ވެސް ދަރިވަރުންގެ އިތުރުގަޑީގެ ހަރަކާތްތަކަށް ދާންޖެހޭނެއެވެ.

ނަމަވެސް ޓީޗަރުންނަށް ވީތީ އިތުރު ގަޑީގައި މަސައްކަތް ކޮށްގެން ލިބޭ އިތުރު އުޖޫރައެއް ނޯވެއެވެ. ވަޒީފާއާ ބެހޭ ޤާނޫނާއި ސިވިލް ސާވިސްގެ ޤަވައިދުގައިވާ ގޮތުން ރަސްމީ ގަޑީގައި ނުކުރެވި ހުންނަ މަސައްކަތްތައް ކުރަން ނިކުމެއްޖެ ނަމަ އިތުރުގަޑީހެ ފައިސާ ދޭން ޖެހެނެއެވެ.

ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް ބަލާއިރު، ސިވިލް ސާވިސްގެ އެންމެ މަތީ ރޭންކް، CS15-5 އަށް މުސާރައިގެ ގޮތުގައި ލިބެނީ މަހަކު 10،640 ދިވެހި ރުފިޔާ އެވެ. ސާވިސް އެލަވަންސަށް މަހަކު 2،500 ދިވެހި ރުފިޔާ ލިބެ އެވެ. އެއަށް ވުރެ ދަށުން CS13-5 ރޭންކްގެ ޓީޗަރަކަށް ލިބޭނީ މަހަކު 9,850 ދިވެހި ރުފިޔާ ގެ މުސާރައަކާއި 2,500 ދިވެހި ރުފިޔާ ގެ އެލަވަންސްއެކެވެ. ފަސް އަހަރުގެ މަސައްކަތުގެ ތަޖުރިބާ ހުރި ޑިޕްލޮމާ ފެންވަރުގެ ޕްރީ ސްކޫލް ޓީޗަރަށް ގެއަށް ގެންދަން ލިބެނީ އެންމެ 7000 ރުފިޔާއެވެ. މިއީ އަޅުގަނޑު ދައްކާ ވާހަކައެއް ނޫނެވެ. ޚުދު އެބޭފުޅުންގެ ދުލުން ކިޔައިދީފައި ހުރި ހަގީގަތެވެ. ވީމާ މީގައި ކިޔާނެ އިތުރު ފަރިއްސެއް ނެތެވެ. މައްސަލަ ވަރަށް ސާފެވެ.

ކިޔަވައި ދިނުމުގެ އެއްވެސް ތަމްރީނެއް ނެތި ވަގުތީ ޓީޗަރުންގެ ގޮތުގައި އެތައް ޓީޗަރުން ރާއްޖޭގައި މަސައްކަތް ކުރަމުންދެއެވެ. އޭގެތެރޭގައި ބިދޭސީންގެ އަދަދު ގިނަކަން ފާހަގަކުރެވެއެވެ.ނަމަވެސް،ރާއްޖެގެ ބައެއް ރަށްރަށުގައި ބިދޭސީ ޓީޗަރުން ކިޔަވައި ނުދޭ ސްކޫލުތައް ވެސް އެބަ ހުއްޓެވެ.އަދި ބައެއް ސުކޫލުތަކުން ބިދޭސީން މަދުކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.އެކަމަކު ނިސްބަތުން ގިނަ ސްކޫލްތަކުގައި އަދިވެސް ރަސްކަން ކުރަނީ ބިދޭސީންނެވެ. މިއީ ދެރަވަރު ހިތާމަހުރި ކަމެކެވެ.

ބައެއް އަތޮޅުތަކުގައި ކިޔަވައި ދިނުމުގައި އުޅޭ ޓީޗަރުންގެ ބޮޑު އިންސައްތަ އަކީ ބިދޭސީ ޓީޗަރުނެވެ. ކޮންމެ ގޮތެއް ވިޔަސް ބޭރުން ބަޔަކު ގެންނަނީ ރާއްޖޭގައި އެކަމަށް ގާބިލު ބަޔަކު ނެތީމައެވެ. ސުވާލަކީ ކީއްވެތޯއެވެ؟ ޖަވާބު ވަރަށް ވެސް ސާފެވެ. ވަޒީފާގެ ފުރުޞަތުތައް ކިތަންމެ ގިނަ ނަމަވެސް، ސްކޫލުތައް ނިންމާ ފެންވަރު ރަނގަޅު ދަރިވަރުން ޓީޗަރުކަމަށް ޝަޢުޤުވެރި ނުވުމާއި، ދާއިރާގައި ތިއްބެވި ހުނަރުވެރި ޤާބިލް ޓީޗަރުން، މިދާއިރާ ދޫކުރެއްވުމަކީ އަސްލު ސަބަބެވެ.

ދެން އުފެދޭނެ ސުވާލަކި ޝައުގުވެރިކަން ނެތީ ކީއްވެތޯއެވެ؟ އެކަށިގެންވާ އުޖޫރައެއް ނުލިބޭތީއެވެ. ދާއިރާގެ އަގު ދަށަށް ގޮސްފައި ވާތީއެވެ. މުދައްރިސުންނަށް އިހު ކުރި ގަދަރު އަދު ނުކުރާތީއެވެ. މަސައްކަތްކުރާނެ އެކަށީގެންވާ މާހައުލެއް ނެތީއެވެ. މަސައްކަތްކުރާ ގޮތާއި އުޅޭ ހާލު ފެނި އިހުސާސްކުރެވޭތީއެވެ. ކިޔަވައިދިނުމާ އެކު އިތުރު ގަޑީގެ ހަރަކާތްތަކަށް ޓީޗަރުން ގިނަ ވަގުތު ސްކޫލުގައި ހޭދަކުރަން ޖެހެ އެވެ. އަދި ދާއިރާއަށް އަލަށް ވަންނަ މީހުންނަށް ސަމާލުކަން ނުދެވުމަކީ ވެސް ކުދިންގެ ޝައުގުވެރިކަން ކުޑަވެގެންދާނެ ސަބަބެއް މެއެވެ. މިއަދު ޓީޗިން އަންނަނީ، ކުރިއަށް ދާނެ ދާއިރާތަކުގެ ލިސްޓުގެ އެންމެ ފުލަށެވެ. މިއީ މި ގައުމުގެ މުސްތަގުބަލާއިމެދު ސުވާލު އުފައްދަން ޖާގަދޭ މައްސަލައެކެވެ.

ޓީޗަރުންގެ ޤަދަރާއި އިޙްތުރާމް މަތިކުރެވޭނީ ޓީޗަރުން ކުރައްވާ ބުރަމަސައްކަތާ، އެކަށޭނަ އުޖޫރައެއް ދެވިގެންނެވެ. ޓީޗަރުކަމުގެ މަސައްކަތަކީ އަށް ގަޑީއިރުން ނުނިމޭނެކަމަށް ހީކުރާ ހީކުރުން ދޫކޮށްލައި، އެބައިމީހުންގެ އާޢިލާއެކު ވަގުތު ހޭދަކުރަންޖެހޭނެ ކަމަށް ޤަބޫލުކުރެވި އެކަމަށް އިޙްތިރާމްކުރެވިގެންނެވެ. މިދާއިރާއަކީ ވަޒީފާގެ ގޮތުން ކުރިއަށްދެވޭނެ ފަހި ފުރުޞަތުތަކެއް ހުރި ދާއިރާއެއްކަން ދައްކައި ދެވިގެންނެވެ. އެހެން ނޫނީ، ދާއިރާގެ މުސަތަގުބަލު އޮތީ ވަރަށް ބަނަކޮށެވެ.  މާދަމަ މި ގައުމުގައި ދިވެހި މުދައްރިސުން ނުތިބޭނެއެވެ. އެދުވަސް ދެކެން ބޭނުންތޯއެވެ؟

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: