ދިވެހިން ނުހަނު ބުރަ މަސައްކަތުން ހޯދި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން، 2008 ވަނަ އަހަރުގެ ކުރިން އޮތް ބިރުވެރި ހާލަތަށް ފަހަތަށް ސޮއްސާލާފައިވާ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ނޫސްވެރިންގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ، މިހާރު ހުށަހަޅާފައިވާ ”މީޑިއާ ކޮންޓްރޯލް ކުރާ ބިލާއި“، އެ ބިލުގެ ދަށުން އުފައްދާ ކޮމިޝަނަކީ ތަފާތު ޚިޔާލުތައް ފިއްތާލުމަށާއި މިނިވަން ނޫސްވެރިންނަށް ބިރުދެއްކުމަށް ރައީސުލްޖުމްހޫރިއްޔާ ބޭނުންކުރައްވާ ”ހަތިޔާރަކަށް“ ވެފައިވާ ކަމަށެވެ.
ފައްޔާޒްގެ ޕޯސްޓުގައި ސަރުކާރުގެ ކޮރަޕްޝަނާއި ނާޤާބިލުކަމާ ދެކޮޅަށް އަޑުއުފުލާ ނޫސްވެރިންނަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް އަލިއަޅުވާލައްވާފައިވެއެވެ. އެގޮތުން، އެފަދަ ނޫސްވެރިންނަށް މެދުނުކެނޑި ބިރުދެއްކުމާއި ގޯނާކުރުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށާއި، ދައުލަތުގެ ފަރާތުން ކުރިމަތިވާ މިފަދަ ފިއްތުންތަކުން ނޫސްވެރިން ސަލާމަތްކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
”މީޑިއާ ކޮންޓްރޯލް ބިލު އުވާލައި، ނޫސްވެރިން އަމިއްލައަށް ރެގިއުލޭޓްކުރާ މިނިވަން ނޫސްވެރިކަމަކަށް މަގުފަހިކޮށް، ޚިޔާލުފާޅުކުރުމުގެ ފުރުސަތު ހުޅުވާލަން ޖެހޭ،“ ފައްޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން، ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ހަމައެކަނި ކަރުދާހުގައި ލިޔެވިފައި އޮތް ޢިބާރާތްތަކަކަށް ވުމުގެ ބަދަލުގައި، އެއީ އަމަލީ ގޮތުން ތަންފީޒުވާ ހައްޤަކަށް ހަދަންޖެހޭ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. އަދި އެއްވެސް ނޫސްވެރިއަކަށް ދައުލަތުގެ ފަރާތުން ބިރުދެއްކުމެއް އޮވެގެން ނުވާނެ ކަމަށާއި، ނޫސް އިދާރާއެއް ބަންދުކޮށްފާނެ ކަމުގެ ބިރުވެރިކަމެއްގެ ތެރޭގައި އެއްވެސް މީޑިއާއަކުން މަސައްކަތް ކުރަން ނުޖެހޭނެ ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒްގެ ބަޔާން ނިންމަވާލައްވަމުން ވިދާޅުވީ، ޙަޤީޤީ ޒިންމާދާރުކުރުވުން އޮންނާނީ މިނިވަން ނޫސްވެރިކަމެއް އޮވެގެން ކަމަށެވެ. އަދި އިސް ސަފުގައި މަސައްކަތްކުރާ ނޫސްވެރިންނާއެކު އެމްޑީޕީ ސާބިތުކަމާއެކު އޮތްކަމުގެ ޔަގީންކަންވެސް އޭނާ ވަނީ ދެއްވާފައެވެ.

