”ބިރުދެއްކުންތަކުގެ ކުރިމަތީގައި ބަލިވެގެން ނުވާނެ“ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯޓެއްގައި ރައީސް ސާލިޙް ވިދާޅުވީ އަމާނާތްތެރިކަމާއި ސާބިތުކަމާއެކު ޚަބަރު ފަތުރާ ދިވެހި ނޫސްވެރިންނަށް އިޙްތިރާމާއެކު ސަލާމް ފޮނުއްވާ ކަމަށެވެ. އަދި މިނިވަން ނޫސްވެރިކަމަކީ ރާއްޖޭގެ ޅަފަތުގައިވާ ޑިމޮކްރަސީ ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންތެރި ބަހާއެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެމަނިކުފާނުގެ ސަރުކާރުގައި ނޫސްވެރިކަމުގެ ދާއިރާއިން ހޯދި ކާމިޔާބީތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ސާލިޙް ވިދާޅުވީ، ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ ވަނީ 120 ވަނަ ދަރަޖައިން 72 ވަނަ ދަރަޖައަށް ކުރިއަށް ޖެހިލާފައެވެ. މިއީ އިހްލާސްތެރިކަމާއެކު ކުރާ މަސައްކަތުން ނަތީޖާ ހާސިލުކުރެވޭނެކަމުގެ އަލިގަދަ ހެއްކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިހާރުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން ރައީސް ސާލިހް ވިދާޅުވީ، މިއަދު ނޫސް އިދާރާތަކަށް ވަދެގަނެ، އެޑިޓަރުން ދަތުރުފަތުރުކުރުން މަނާކޮށް، ހަގީގަތް ފޮރުވުމަށްޓަކައި ހަރުކަށި ގާނޫނުތަކުގެ ބޭނުން ނުބައި ގޮތުގައި ހިފަމުންދާ ކަމަށެވެ. މިފަދަ ދަނޑިވަޅެއްގައި ނޫސްވެރިން ތިބެންވާނީ ނުގުޑާފަދަ ހިތްވަރާއި ސާބިތުކަމުގައި ކަމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.
”ބިރުދެއްކުންތަކުގެ ކުރިމަތީގައި އަޅުގަނޑުމެން ބަލިވެގެން ނުވާނެ“
ރައީސް ސާލިހުގެ ވެރިކަމުގައި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް އޮތް އަބުރުގެ ގާނޫނު އުވާލައި، މިނިވަން މާހައުލެއް ގާއިމުކޮށްދިނުމަށް މަސައްކަތް ކުރެވުނު ނަމަވެސް، ދާދި ފަހުން ބައެއް ނޫސް އިދާރާތަކަށް ފުލުހުން ވަދެފައިވާ މައްސަލަތަކާއި، ބައެއް ވެބްސައިޓްތައް ބްލޮކްކުރި މައްސަލައިގައި ނޫސްވެރިންނާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

