ފުލުހުންގެ މައުލޫމާތުތަކަށް ބަލާއިރު، މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ޖުމްލަ 796 ސްކޭމްގެ މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ. މި މައްސަލަތަކުގައި ޖުމްލަ 6,933,716 ރުފިޔާ ގެއްލިފައިވާ ކަމަށް ރިޕޯޓްކޮށްފައިވާއިރު، މީގެ ތެރެއިން ފުލުހުންނަށް އަނބުރާ ހޯދިފައިވަނީ 2,516,407.36 ރުފިޔާއެވެ. މިއީ ގާތްގަނޑަކަށް ގެއްލުނު ފައިސާގެ ތިންބައިކުޅަ އެއްބަޔަށްވުރެ ކުޑަ މިންވަރެކެވެ. މީގެ ތެރެއިން 344 މައްސަލައެއްގައި ގެއްލުނު ފައިސާ އެއްކޮށް ހޯދިފައިވާއިރު، 129 މައްސަލައެއްގައި ގެއްލުނު ފައިސާގެ ބައެއް ވަނީ ހޯދިފައެވެ.
ސްކޭމްތައް ހިންގުމުގައި އެކި އުކުޅުތައް ބޭނުންކުރާއިރު، އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރީގެ މައްސަލަތަކެވެ. މި ބާވަތުގެ 448 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. މީގެ އިތުރުން ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާފައިވާ 120 މައްސަލައަކާއި، އޮޅުވާލައިގެން އެހެން މީހެއްގެ އަތުން ފައިސާ ހޯދުމުގެ 142 މައްސަލައެއް ހިމެނެއެވެ. އަދި ފިޝިން، ވިޝިން އަދި ޖޮބް ސްކޭމްގެ 9 މައްސަލައެއްގެ އިތުރުން އެހެނިހެން ބާވަތްތަކުގެ 77 މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ.
ސްކޭމަރުން އާންމުންނާ ގުޅުމަށް އެކި ވަސީލަތްތައް ބޭނުންކުރެއެވެ. އޭގެ ތެރޭގައި ފޯން ކޯލްތަކާއި، އައިބޭ ފަދަ ވިޔަފާރި ކުރާ ސައިޓުތަކާއި، ފޭސްބުކް މާކެޓް ޕްލޭސް ހިމެނެއެވެ. މީގެ އިތުރުން ވައިބަރ އަދި ޓެލެގްރާމް ފަދަ މެސެޖު ކުރާ އެޕްލިކޭޝަންތަކާއި، މަކަރާއި ހީލަތުން މައުލޫމާތު ހޯދުމަށް ފޮނުވާ ’ފިޝިންގ ލިންކު‘ ތަކަކީ ވެސް މިފަދަ ޖަރީމާތައް ހިންގުމަށް ބޭނުންކުރާ މުހިންމު ވަސީލަތްތަކެކެވެ.
މިފަދަ ސްކޭމްތަކުން ސަލާމަތްވުމަށްޓަކައި އަމިއްލަ ފަރުދީ ޒިންމާ އަދާކުރުމަކީ ނުހަނު މުހިންމު ކަމެކެވެ. އެގޮތުން، އެއްވެސް ފަރާތަކަށް ފައިސާ ފޮނުވުމުގެ ކުރިން އެއީ ސައްހަ ފަރާތެއްތޯ ކަށަވަރުކުރުމާއި، ބޭންކް އެކައުންޓާއި ކާޑުގެ މައުލޫމާތު ފަދަ ޒާތީ މައުލޫމާތު އެއްވެސް މީހަކާ ހިއްސާނުކުރުމަށް ސަމާލުކަން ދޭންޖެހެއެވެ. އަދި ސޯޝަލް މީޑިއާ އެކައުންޓުތަކާއި އީމެއިލްތަކުގައި ’ޓޫ ފެކްޓަރ އޮތެންޓިކޭޝަން‘ އެކްޓިވޭޓް ކުރުމަކީ ރައްކާތެރިކަން އިތުރުކޮށްދޭނެ ކަމެކެވެ.
ސްކޭމްގެ މައްސަލަތަކަކީ މުޅި މުޖުތަމައަށް އޮތް ބޮޑު ނުރައްކަލެކެވެ. ސްކޭމަރުންނަށް ކާމިޔާބު ލިބެނީ މިފަދަ ކަންކަން ހިނގުމުން އެކަން ސިއްރުކޮށް ހަނުހުރުމުންނެވެ. އެހެންކަމުން، މިފަދަ ކަމެއް ދިމާވެއްޖެނަމަ ލަސްނުކޮށް ފުލުހުންގެ ނޭޝަނަލް އެމަރޖެންސީ ކޯލް ސެންޓަރު 911 ނުވަތަ 125 އަށް ގުޅައި ރިޕޯޓުކުރުމަކީ ގެއްލޭ ފައިސާ އަނބުރާ ހޯދުމަށް އޮތް އެންމެ ބޮޑު ފުރުސަތެވެ. އަބަދުވެސް ހޭލުންތެރިވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މާލީ ބޮޑެތި ގެއްލުންތަކުން ސަލާމަތްވުމަށް އޮތް މަގެކެވެ.

