މަނީލޯންޑަރ ކުރި ކަމުގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އިންދިރާ ގަންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި އެޑްމިޓް ކޮށްފައި ވަނީ ޓެސްޓްތަކެއް ހެދުމަށް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފިއެވެ.
ރައީސް ޔާމީން އެޑްމިޓް ކުރައްވައިގެން އައިޖީއެމްއެޗްގައި ފަރުވާ ދެއްވަމުން ގެންދަވާތީ އެކަމާ ގުޅޭ ގޮތުން ”ސަންގު“ އިން ސުވާލު ކުރުމުން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބުދަ ދުވަހު ރައީސް ޔާމީން އައިޖީއެމްއެޗްގައި އެޑްމިޓް ކުރެއްވީ ޓެސްޓްތަކެއް ހެދުމަށް ކަމަށާއި ނަމަވެސް އެއީ އެމަނިކުފާނުގެ ޒާތީ މައުލޫމާތުތަކެއް ކަމަށް ވާތީ އިތުރު ތަފްސީލެއް ދެވެން ނެތް ކަމަށެވެ.
ރައީސް ޔާމީން ޓެސްޓުތަކެއް ހެއްދެވުމަށް އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްފައިވާއިރު ހައި ކޯޓުގައި އެންމެ ފަހުން ބޭއްވި އަޑުއެހުމެއްގައި އެމަނިކުފާނު ވިދާޅުވީ ހިތުގެ މައްސަލައަކީ ރާއްޖެއިން އިތުރު ތަހުލީލުތަކެއް ނުހެދޭނެ ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ މައްސަަލައެއް ކަމަށެވެ. އަދި ރާއްޖެ އިން ބޭރުން ފަރުވާ ހޯއްދަވަން ޑޮކްޓަރުން ވެސް ލަފާ ދެއްވާފައިވާ ކަމަށް ވިދާޅުވިއެވެ. އެހެން ކަމުން ހުކުމް ތަންފީޒް ކުރުން މަޑުޖައްސާލާ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ދެއްވުމަށް ރައީސް ޔާމީން އެދިވަދައިގެންނެވިއެވެ.
ނަމަވެސް މައްސަލަ ބައްލަވާ ހައިކޯޓުގެ ފަނޑިޔާރުގެ ބެންޗުން ވިދާޅުވީ ޖަލުގައި ހުކުމް ތަންފީޒް ކުރައްވަމުން ގެންދަވާ ގައިދީން ބޭސްފަރުވާއަށް ދިއުމަށް ހުއްދައަށް އެދި އަމަލު ކުރަން ޖެހޭ އުސޫލެއް އެބަ އޮތް ކަމަށާއި އެހެން ކަމުން އެ އުސޫލުގެ ތެރެއިން އަމަލު ކުރެއްވުމަށެވެ.

