މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ކޮމާޝަލް ސެކްޝަންގެ ނޮން-އެއިރޯ ބައި ހިންގަވަމުން ގެންދެވި ޖެނެރަލް މެނޭޖަރު ހުސެއިން ފަޒީލް ޒިންމާ އިން ދުރުކުރުމަށް މެމޯއެއް ފޮނުވުމަށްފަހު އެ ނިންމުން ބާތިލުކޮށްފިއެވެ.
އެމްއޭސީއެލްގައި މަސައްކަތް ކުރައްވާތާ 25 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ފަޒީލަކީ، މިހާރު ފެންމަތިވެފައިވާ މައްސަލަކަމުގައިވާ، އާ ޓާމިނަލް ކުއްޔަށް ދިނުމާ ގުޅޭގޮތުން ޓީއެމްއޭ އާ އެކު ހިންގި ލިޔެކިޔުންތަކުގެ މުއާމަލާތްތަކުގައި ސޮއިކުރެއްވި ފަރާތެވެ. އޭނާ މަޤާމުގެ ޒިންމާއިން ވަކިކުރިކަން އަންގާ މެމޯނެރިފައިވަނީ ބުދަ ދުވަހުއެވެ.
އެމްއޭސީއެލް އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު ސޮއިކުރައްވާ ބުދަ ދުވަހު ނެރުނު ”އިންޓާނަލް މެމޯ“ ގައި ބުނެފައި ވަނީ 19 ފެބްރުއަރީ 2020 އިން ފެށިގެން ނޮން-އެއިރޯ ކޮމާޝަލް ސެކްޝަން ހިންގަވާނީ މެނޭޖަރ މުހައްމަދު ހިޝާމް ކަމަށެވެ. ނަމަވެސް އޭގެ ދެ ގަޑިއިރެއްހާ އިރު ފަހުން އިތުރު މެމޯއެއް ނެރުއްވާ ކުރިން ނެރުނު މެމޯ ބާތިލްވެފައިވާކަން ވަނީ އަންގާފައެވެ.
ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ވަޑައިގަތުމުގެ ކުރިން ކޮމާޝަލް ސެކްޝަންގެ ނޮން-އެއިރޯ ބައި ހިންގަވަމުން ގެންދެވީ ފަޒީލެވެ. އަދި މެމޯނެރިފައިވަނީވެސް މާލިޔައްތު ކޮމިޓީއަށް ވަޑައިގެންނެވުމުގެ ކުރިންނެވެ.
މާލިއްޔަތު ކޮމިޓީގައި ފަޒީލް ދެއްކެވި ވާހަކަތަކުން އެމްސީއޭސީއެލްގެ ބޯޑުގެ އިތުރު މައްސަލަތަކެއްވެސް ފެންމަތި ވެގެން ދިޔައެވެ. އަދި ޓީއެމްއޭއަށް ފޮނުއްވި ސިޓީތަކުގައި އޭނާގެ މައްސަލައެއް ނެތްކަން ކޮމިޓީގެ މެންބަރުންނަށް ފާހަގަ ކުރެވުނެވެ.
ޓީއެމްއާއެކު ކުރެއްވި މުޢާމަލާތްތަކާ ގުޅޭ ލިއެކިއުންތައް މާލިއްޔަތު ކޮމިޓީއާ ހިއްސާ ކުރައްވަމުން ފަޒީލް ވިދާޅުވީ ޓީއެމްއޭއަށް ފޮނުއްވި ސިޓީތަކާ ބެހޭ ގޮތުން މެނޭޖްމެންޓާ މަޝްވަރާކޮށް، ހުއްދަ ވެސް ހޯއްދަވާފައިވާނެ ކަމަށެވެ.
ފަޒީލް ވިދާޅުވި ގޮތުގައި ޓީއެމްއޭއަށް ސިޓީތައް ފޮނުއްވީ އޭރުގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާއާ މަޝްވަރާކުރައްވައި އާދިލްގެ ވެސް އިރުޝާދާ އެއްގޮތަށެވެ.
ސީޕްލޭން ޓާމިނަލް ކުއްޔަށް ދޭނެ ރޭޓްތައް ކަނޑައެޅިދާނެ ގޮތްތަކާ ބެހޭ ޕްރެޒެންޓޭޝަނެއް އޮގަސްޓް 2017 ގައި ބޯޑަށް ހުށަހެޅުއްވި ކަމަށް ފަޒީލް ވިދާޅުވިއެވެ. އަދި އެއީ ކުލި ނެގިދާނެ ފަސް ގޮތެއް ކަމަށް ވިދާޅުވި އެވެ.
”ކޮންމެ ބޯޑު ޕޭޕަރެއްގައި ވެސް ވަކި ކަމަކަށް ރިޒޮލިއުޝަނެއް ފާސްކުރަން ފޮނުވަނީ. ރިޒޮލިއުޝަން އެކުލަވައިލުމުގައި ބޭނުންވާ ކަންކަން، ހުރިހާ މައުލޫމާތެއް ހިމެނިގެންވާނެ، ފުރަތަމަ ސިނާރިއޯގައި ވާނީ ވަރަށް ބޮޑެތި ރޭޓްތަކެއް. އޭގެ ތެރޭފައި ލައުންޖަށް ޗާޖްކުރާނެ ކަމަށް 39 ޑޮލަރު އަކަ މީޓަރަކަށް. ފަސް ވަނަ ސިނާރިއޯއަކަށް އޮންނާނީ ވަރަށް ދަށްކޮށް، އެއީ 11 ޑޮލަރާ ހަމައަށް،“ ފަޒީލް ވިދާޅުވިއެވެ.
މާލިއްޔަތު ކޮމިޓީއަށް ފަޒީލް ހާޒިރުކުރީ އެމްއޭސީއެލުން ޓީއެމްއޭއަށް ފޮނުވި ސިޓީތަކުގައި ބޯޑުން ނުނިންމާ އަދި މަޝްވަރާ ވެސް ކޮށްފައި ނުވާ ވާހަކަތަކެއް ހުރިކަން، ބޯޑުގެ ދެ މެމްބަރަކު ކުރިން މާލިއްޔަތު ކޮމިޓީގައި ވިދާޅުވުމުންނެވެ. ނަމަވެސް ފަޒީލްގެ ވާހަކަތަކަށްފަހު ހުރިހާ ގޯހެއް އުޅެނީ ބޯޑުގައި އެނގިގެންދިޔައެވެ.

