ުމުޅި ޤައުމުގައި ހަރުއަޑުން ގޮވަމުންދަނީ ސީޕްލޭން ޓަރމިނަލްއެއްގެ ވާހަކައެވެ. ދައުލަތުން އެތައް މިލިއަން ރުފިޔާއެއް ޚަރަދުކޮށްގެން ޢިމާރާތްކޮށްފައިވާ ސީޕްލޭން ޓަރމިނަލް ހިންގުމަށް ބަހަކާއި ހަވާލުކުރާން އުޅޭ ވާހަކައެވެ. ބަޔަކަށް އެތަކެއް މިލިއަން ރުފިޔާއިން ފައިދާ ލިބޭނޭ ގޮތަކަށެވެ. އަދި ސަރުކާރާއި ދަޢުލަތަކަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިކުރުވާނެ ފަދަ ގޮތަކަށެވެ.
ގިނަ ބައެއްގެ ތުންތުންމަތިން އިވެމުންދަނީ އެކަމާއި ދެކޮޅު އަޑުތަކެވެ. ސީޕްލޭން ޓަރމިނަލްގެ ކިބަޅިފަރާތުގައިވާ ހަޤީޤަތްތައް ހާމަ ކުރުމަށް ސަރުކާރަށް ގޮވައިލާ ގޮވައިލުމުގެ އަޑެވެ. އަދި، މިކަމުގެ ފަހަތުގައިވާ މީހުންގެ ނަންތައް ހާމަކުރުމަށް އެދި ކުރާ އާދޭހެވެ. މި އަޑުތަކުން ދޭހަވަނީ އެންމެ ކަމެކެވެ. މި ސީޕްލޭން ޓަރމިނަލްގެ ކިބަޅިފަރާތުގައި ގޮތް ނޭނގޭ ސިއްރުތަކެއް ވާކަމެވެ. އަދި، ބަޔަކު ނާޖާއިޒު ފައިދާތަކެއް ހޯދާންށާއި، ބަޔަކަށް ނާޖާއިޒު ފައިދާތަކެއް ހޯދައިދޭން މަސައްކަތް ކޮށްފައިވާ ކަމެވެ. ނަމަވެސް، އެއް ބަޔަކު ބުނަނީ، މިއީ ސަރުކާރުން ފަހަތުގައި އޮވެގެން ހިންގާ ”ކޮރަޕްޝަން“ގެ ޖަރީމާއެއް ކަމަށެވެ. އަނެއް ކޮޅުގައި އޮތީ، ސަރުކާރުން މިކަމުގައި ދެ ފުށް ފެންނަ ގޮތަށް، އަދި ދަޢުލަތަށާއި ރައްޔިތުންނަށް އެންމެ ފައިދާވާނޭ ގޮތަށް ޢަމަލު ކުރާނެ ކަމަށް ބުނާ އަޑުތަކެވެ.

މި ހުރިހާ އަޑުތަކާއި ސުވާލުތަކަށް ޖަވާބު ހޯދާން އުޅުމުގެ ކުރީން، ފެންނާން އޮތް ހަޤީޤަތްތަކަށް ބަލައިލަމާތޯއެވެ؟ ފުރަތަމަ ކަމަކީ، ސީޕްލޭން ޓަރމިނަލްއެއް ޢިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމެވެ. ދިވެހިރާއްޖޭގެ މައިދޮރާށި ކަމުގައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީ.އައި.އޭ.) ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެއްކަމެވެ. އަދި، މިއީ ސަރުކާރުން ސޮވެރެއިން ގެރެންޓީ ދީގެން ކުރިއަށްގެންދާ މަޝްރޫޢެއް ކަމެވެ. މި މަޝްރޫޢަށް ހިނގާ ޚަރަދުގެ 85 ޕަސެންޓް ފައިނޭންސް ކުރަނީ ސަރުކާރުން ސޮވެރެއިން ގެރެންޓީ ދީގެން ނަގާފައިވާ 47 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނަކުންކަމެވެ. މި ލޯނަކީ 11 އަހަރު ދުވަހުން ދައްކާ ޚަލާސްކުރާން ޖެހޭ ގޮތަށް ނަގާފައިވާ ލޯނެއް ކަމެވެ.
ވީ.އައި.އޭ. ތަރައްޤީކުރުމުގެ މަޝްރޫޢަށް ކަޅިއެއް ހިންގައިލަމާތޯއެވެ؟ އެއާޕޯޓުގެ ޚިދުމަތުގެ ފެންވަރު މަތިކޮށް، ފަސިންޖަރުންނަށް ދޭ ޚިދުމަތްތައް އިތުރުކޮށް، ފަސިންޖަރުންގެ އަދަދު އިތުރު ކުރުމަށް ސަރުކާރުން މި މަޝްރޫޢު ފަށާފައިވަނީ 2014 ވަނަ އަހަރުއެވެ. އެއީ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން ފެށި މަޝްރޫޢެކެވެ. އަދި، މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2016 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ. މި މަޝްރޫޢުގެ ދަށުން މިހާތަނަށް ކޮށްފައިވާ އެންމެ ބޮޑު މަސައްކަތަކީ 3,400 މީޓަރު ދިގު، 60 މީޓަރު ފުޅާ ”ކޯޑް އެފް“ ގިންތީގެ ރަންވޭގެ މަސައްކަތެވެ.
މީގެ އިތުރުން، އައު ރަންވޭ ބޭނުންކުރާން ފެށުމުގެ ކުރީން، ރަންވޭ ހުރި ސަރަހައްދުގައި ހުރި މިހާރު ބޭނުން ކުރަމުންދާ ސީޕްލޭން ޓަރމިނަލް އެހެން ތަނަކަށް ބަދަލު ކުރުމަށް ބިނާކުރަމުންދާ އައު ސީޕްލޭން ޓަރމިނަލްގެ މަސައްކަތެވެ. 55 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުކޮށްގެން ބިނާކުރާ އައު ސީޕްލޭން ޓަރމިނަލްގައި ސީޕްލޭން އޮޕަރޭޓަރުންނަށް ލައުންޖް ހިންގުމަށާއި، އޮފީސްތަކާއި އަދި އޮޕަރޭޝަންސްއަށް 28,000 އަކަމީޓަރުގެ ސަރަޙައްދެއް ކަނޑައަޅާފައިވެއެވެ. މައްސަލައަކަށް ވެގެން މިއުޅެނީ، މި ސީޕްލޭން ޓަރމިނަލްގެ ބޮޑު ބައެއް އެންމެ އޮޕަރޭޓަރަކަށް ހިންގާން ދިގު މުއްދަތަކަށް ދިނުމަށް މަސައްކަތް ކުރި ކުރުމެވެ.

މި މައްސަލައިގައި ސަރުކާރަށް ތުހުމަތުތަކެއް ކުރެވުނެވެ. އެއް ކަމަކީ، ކުރީންވެސް ދެންނެވި ފަދައިން، ވަކި ބަޔަކަށް ނާޖާއިޒު ފައިދާތަކެއް ލިބޭނޭ ގޮތަކަށް ސަރުކާރުން ސީޕްލޭން ޓަރމިނަލް ކުއްޔަށް ދޭން އުޅޭ ކަމުގެ ތުހުމަތެވެ. އަނެއް ކަމަކީ، މިކަމުގައި ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭނޭ ގޮތަކަށް ސަރުކާރުން އަމަލުކުރާން މަސައްކަތް ކުރާ ކަމުގެ ތުހުމަތެވެ. ނަމަވެސް، އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް، މިކަމުގައި ސަރުކާރުން ގެންގުޅޭ ސްޓޭންޑް ސާފުވިއެވެ. އަދި، ސާފު ނުވެގެންއުޅޭ ނަމަ އެ ބަޔަކާއި، ރައްޔިތުންނަށް ކަން އޮތް ގޮތް އޮޅުވައިލާން މަސައްކަތް ކުރަމުންދާ ފަރާތްތަކަށް ސަރުކާރުންވަނީ ކެނޑިނޭޅި، އެކަން އޮތް ގޮތް ސާފުކޮށްދޭން މަސައްކަތް ކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން މި މައްސަލައިގައި ފަށާފައިވާ ތަހުޤީޤަށް ދައުލަތުގެ ކަމާއިބެހޭ ވަޒީރުން ހާޒިރުކުރުމުން، މިކަން އޮތް ގޮތް ސާފުކޮށްދީފައިވެއެވެ. އަދި، ދިވެހި ދައުލަތަށް ގެއްލުމެއް ލިބޭނޭ އެއްވެސް ގޮތަކަށް ސަރުކާރުން އަމަލު ނުކުރާނެ ކަމުގެ ޔަޤީންކަން އަރުވަމުންދިޔައެވެ. ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރާއި އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވިދާޅުވަނީ، ސަރުކާރުން ނިންމާފައިވާ ގޮތަކީ ދައުލަތަށާއި، މިކަމުގައި ޝާމިލްވާ އެންމެހައި ފަރާތްތަކަށްވެސް އެންމެ އިންސާފުވެރި އަދި ފައިދާ ކުރަނިވި ގޮތް ކަމަށެވެ.
އެ ދެ ވަޒީރުން މިހެން ވިދާޅުވި ނަމަވެސް، މި މައްސަލައިގައި ސަރުކާރުން އެންމެ ފުރަތަމަ އަމަލުކޮށްފައިވަނީ ކިހިނެއްތޯ ބަލައިލުން މުހިންމެވެ. ސަރުކާރުގެ އަމަލުތަކުން ފެންނާ އޮތް ހަޤީޤަތަކީ، މި މައްސަލައިގައި ”ކޮރަޕްޝަން“ ގެ ޖަރީމާތަކެއް ހިންގާން ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ތުހުމަތުކުރާ މީހުންގެ ދޫތައް ބަންދުކޮށްލާ ގޮތަށެވެ. ޢާންމުންނާއި ހަމައަށް ތިލަވެފައި ނެތަސް، ސަރުކާރުން އެންމެ ފުރަތަމަވެސް އަޅާފައިވާ ފިޔަވަޅަކީ، ދައުލަތަށް ގެންލުންވާ ގޮތަށް އެންވެސް އަމަލެއް ހިންގުނަ ނުދިނުމަށް މަސައްކަތް ކުރުމެވެ. މިގޮތުން، މިކަމުގެ ހަފަރާތް ބަލައި ހޯދާ ހާމަ ނުވަނީސް، އެއްވެސް ބަޔަކަށް ސީޕްލޭން ޓަރމިނަލް ދިނުމަށް އެއްބަސްވުން، އަދި އެފަދަ އެއްބަސްވުމެއް އެކުލަވައިލުމުގެ މަޝްވަރާތައް ކުރުމާއި، މަސައްކަތް ކުރުމަށް ހުރަސްއެޅުމެވެ.

މިހާހިސާބުން، އައު ސީޕްލޭން ޓަރމިނަލް ކުއްޔަށް ދޫކުރާން ކުރީން މަސައްކަތް ކޮށްފައިވާ ގޮތް ބަލައިލުން މުހިންމެވެ. އެއާޕޯޓް ހިންގަމުންދަނީ ސަރުކާރުގެ 100 ޕަސެންޓް ޙިއްޞާ އޮންނަ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް.) އިންނެވެ. އަދި، އައު ސީޕްލޭން ޓަރމިނަލްގެ ބޮޑު ބައެއް ހިންގާން ހަވާލުކުރާން މަސައްކަތްކޮށްފައިވަނީ ރާއްޖޭގައި، އަދި މުޅި ދުނިޔޭގައިވެސް، އެންމެ ފުޅާ ދާއިރާއެއްގައި އެންމެ ފުރިހަމައަށް ސީޕްލޭން ދަތުރުތަކުގެ ޚިދުމަތް ފޯރުކޮށްދެމުންދާ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީ.އެމް.އޭ.) އަށެވެ.
ޓީ.އެމް.އޭ.އަށް އައު ސީޕްލޭން ޓަރމިނަލް ޙަވާލުކުރާން ހިންގި މުޢާމަލާތްތައް ފަށާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ. މި ސީޕްލޭން ޓަރމިނަލް ޓީ.އެމް.އޭ. އާއި ޙަވާލުކުރާން ކުރަމުންދިޔަ މަސައްކަތްތަކުގެ ފަހަތުގައި ވަންހަނާކޮށްފައިވާ ކަންތައްތަކެއް ވާކަން، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން އޮޑިޓަރ ޖެނެރަލްގެ އޮފީސް މެދުވެރިކޮށް ކޮށްފައިވާ ޚާއްޞަ އޯޑިޓުން ހާމަވެއެވެ. މީގެ އިތުރުން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ.) އިން ހަދާފައިވާ ރިޕޯޓުންވެސް މިކަމާއި ގުޅޭ ގިނަ ސިއްރުތަކެއް ހާމަވިއެވެ. މި އޯޑިޓުގެ ރިޕޯޓަށް ބަލައިލުމުން ފެންނާން އޮތް ހަޤީޤަތަކީ، މިކަމުގެ ނިޔަތް ގޯސްކަމެވެ. ނިވާކޮށްފައިވާ ނުރަނގަޅު ކަންތައްތަކެއް ވާކަމެވެ. ދައުލަތާއި ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ލިބޭނޭ ގޮތަކަށެވެ.
މިކަމުގެ ފުނަށް ފީނައިލުމުން އެނގޭ ހަޤީޤަތަކީ، ޓީ.އެމް.އޭ. އަށް ނުޙައްޤުން ފައިދާތަކެއް ލިބޭ ގޮތަށް ބޮޑު ރޭވުމެއް ރާވައި، އެއްބަސްވުމެއް އެކުލަވައިލާފައިވާކަމެވެ. މި އެއްބަސްވުން ދެލިކޮށް، ސޮއިކުރާން އޮތީ ތައްޔާރުކޮށްފައެވެ. އަދި، މަސައްކަތް ކޮށްފައިވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރީން މި އެއްބަސްވުން ނިންމައި، ސޮއިކޮށް، ތައްގަނޑު ޖެހުމަށެވެ. އެކަން ހަޤީޤަތަކަށް ނުވެ އޮތީ، ޓީ.އެމް.އޭ.އިން މި އެއްބަސްވުމަށް އިތުރު ބަދަލުތަކެއް ގެންނާން ބޭނުންވުމުގެ ސަބަބުންކަން މިހާތަނަށް މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ވިސްނާލުމުން ޔަގީވާނެއެވެ.
އެބުނާ އެއްބަސްވުމެއްގައި އޮތީ ކޮން އެއްޗެއްތޯއެވެ؟ ޓީ.އެމް.އޭ.އިން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި ޙިއްޞާކުރި މަޢުލޫމާތުތަކުން އެނގޭން އޮތް ކަމަކީ، ކުރީގެ ސަރުކާރުން ސީޕްލޭން ޓަރމިނަލްގެ ބޮޑު ބައެއް، ކުޑަ އަގެއްގައި ޙަވާލުކުރާން މަސައްކަތް ކޮށްފައިވާކަމެވެ. ކުޑަ މިންވަރެއް ނޫނެވެ. 19,000 އަކަމީޓަރުގެ ސަރަޙައްދެކެވެ. ކުއްޔަށް ދޫކުރާން އެއްބަސްވެފައިވަނީ 15 ވަރަކަށް އަހަރުގެ ދިގު މުއްދަތަކަށެވެ. އަކަމީޓަރަކަށް 10.35 އެމެރިކާ ޑޮލަރުގެ ރޭޓުންނެވެ. މިއީ، މިހާރުވެސް ސީޕްލޭން އޮޕަރޭޓަރުންނަށް ބިން ދޫކޮށްފައިވާ އަގެވެ.
މިގޮތަށް އަމަލުކޮށް، ކުރީގެ ސަރުކާރުން ބޭނުންވި ގޮތަށް، ޓީ.އެމް.އޭ.އަށް ސީޕްލޭން ޓަރމިނަލް ޙަވާލުކޮށްފިނަމަ، ދައުލަތަށް ލިބޭނެ ގެއްލުން އޯޑިޓު ރިޕޯޓުން ސާފުވެއެވެ. މި ރިޕޯޓުން ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއް ކަމަކީ، ސީޕްލޭން ޓަރމިނަލް ކުއްޔަށްދިނުމާއިމެދު އެއްބަސްވުމެއް އެކުލަވައިލާން ކުރި މަޝްވަރާތައް 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހު މަޑުޖައްސައިލުމަށް އެމް.އޭ.ސީ.އެލް.ގެ ބޯޑުން ލަފާދީފައިވަނިކޮށް، އޭގެ ފަހުންވެސް ސިޓީއާއި އީމެއިލްގެ ޒަރީއާއިން ދެ ފަރާތުގެ މެދުގައި މުޢާމަލާތްތަކެއްކޮށް، އެއްބަސްވުމެއް އެކުލަވައިލާން މަސައްކަތް ކޮށްފައިވާކަމެވެ. މިއީ ފެންނަން ހުރި ލިޔުންތަކަށް ބަލާއިރު ދެބަސްވެވެން ނެތް ހަގީގަތެކެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސް، 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކުރާން ކުރީގެ ސަރުކާރުން އޮތީ ފޫގަޅައިލާފައެވެ. މިކަމުގައި އެމް.އޭ.ސީ.އެލް.އަށް ލަފާދެމުން ގޮސްފައިވަނީ ސަރުކާރުގެ އިކޮނޮމިކް ކައުންސިލުންނެވެ. އަދި، ވަކީން ޚާއްޞަކޮށް، އިކޮނޮމިކް ކައުންސިލުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ކުރީގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ، އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބުވެސްވަނީ، މިކަމުގައި މެމްބަރު ސަޢީދުގެ އަތެއް ވާކަމަށް ތުހުމަތުކުރައްވާފައެވެ.
އެމް.އޭ.ސީ.އެލް.ގެ ހުރިހައި ކަމަކަށް ލަފާ އަރުވާން އިކޮނޮމިކް ކައުންސިލްގައި ނަގާކިޔާ ބޭފުޅަކީ، އޭރުގެ އިކޮނޮމިކް މިނިސްޓަރެވެ. އެހެންކަމުން، ޓީ.އެމް.އޭ.އަށް ސީޕްލޭން ޓަރމިނަލްގެ ބޮޑުބައެއް ކުޑަ އަގެއްގައި ދޭން ހަދާފައިވާ އެއްބަސްވުން އެކުލަވައިލުމުގެ ފަހަތުގައި، އަދި އެކަމުގެ މޭސްތިރިއެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވަނީ ސަޢީދުކަމަށް ނުބެލެވޭންވީ އެއްވެސް ސަބަބެއް އޮތްކަމަކަށް ނުފެނެއެވެ. އެންމެ ސަބަބަކާއި ހުރެއެވެ. ކުރީގެ ސަރުކާރުގައި އިސްކޮށް ތިބި ބައެއް މީހުންނަކީ، މިފަދަ މަޝްރޫޢުތައް ހިންގުމުގެ ނަމުގައި ކޮރަޕްޝަންގެ ޢަމަލުތައް ހިންގާ، ބޮޑެތި އަދަދުތަކުން މާލިއްޔަތުން ވައްކަން ކޮށްފައިވާ ބައެއްކަން މިއީ އެންމެންވެސް ދަންނަ ހަޤީޤަތެކެވެ. ކޮރަޕްޝަންގެ ޢަމަލެއް ކަމުގައިވާ މަނީ ލޯންޑްރިންގގެ ކުށް ސާބިތުވެ، ކުރީގެ ސަރުކާރުގެ ރައީސް ޢަބްދުﷲ ޔާމީނަށް ހުކުމްކުރުން މިކަމުގެ ހެއްކަކަށް ފުދެއެވެ.
ނަމަވެސް، މިއީ ”އެއްވެސް ބުރަދަނެއް ނެތް ދޮގު ވާހަކަތައް“ ކަމަށް ވިދާޅުވެ، މިކަމުން ރެކޭން މެމްބަރު ސަޢީދު މަސައްކަތް ކުރެއްވުމުގެ ބޭނުމެއް ނެތެވެ. އަދި، މި ސަރުކާރު ”ނާގާބިލު“ ކަމަށް ދައްކަވާން މަސައްކަތްކުރައްވާ، މައްސަލައިގެ ހަޤީޤަތް އޮޅުވައިލައްވާން މަސައްކަތް ކުރެއްވުމުގެ ބޭނުމެއްވެސް ނެތެވެ. ސަބަބަކީ، މިކަމުގެ ހަޤީޤަތް އެންމެ ރަނގަޅަށް އެނގިލައްވާނެ އެއް ބޭފުޅަކީ ސަޢީދުކަމަށް، ފެންނާން ހުރި ކަންތައްތަކުން ހާމަވާން އޮތުމެވެ. އަދި، މިފަދަ ބޮޑު މަޝްރޫޢަކާއި ގުޅޭ އެއްބަސްވުމެއްގެ އެއްވެސް ކަމެއް ސަޢީދަށް އެނވަޑައިނުގެން ހިނގައިފާނެކަމީ ޤަބޫލުކުރަން ދަތި ކަމަކަށްވުމެވެ.

”މިނިސްޓަރު ކަމުގައި ހުރި އިރު ރައްޔިތަކަށް އަދި ރާއްޖެ އަށް ގެއްލުންވާނެ ފަދަ ކުޑަ ކަމެއް ވެސް ކޮށްފައެއް ނުވާނެ“ ކަމަށް ވިދާޅުވެވޭކަށް ނެތެވެ. ހަޤީޤަތަކީ، ކުރީގެ ސަރުކާރުން ބޭނުންވި ގޮތަށް، އެ ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން މުގުލުގައި އޮވެގެން، ޓީ.އެމް.އޭ.އަށް އައު ސީޕްލޭން ޓަރމިނަލް ދޭން ކުރި މަސައްކަތް ކާމިޔާބު ވީ ނަމަ، މިކަމުގެ ދައުލަތަށާއި ރައްޔިތުންނަށް ވާނެ އެއްވެސް ފައިދާއެއް ނެތްކަމެވެ. ނަމަވެސް، އެކަން ވެގެން ދިޔައީހީ ކުރީގެ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންގެ ޢަމަލުތަކަށް އިތުރުވީ އައު ބޮޅަކަށެވެ.

