އަވަށްޓެރި ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގެ ތިން ފައްޅިއަކާއި، ތިން ހޮޓަލަކަށް މިދިޔަ އަހަރުގެ އޭޕްރިލް މަހު ދިން ސިލްސިލާ ބޮމުގެ ހަމަލާތަކުގައި ދިވެހި ބައެއްގެ އަތެއްވާކަމަށް ލަންކާގެ ނޫސްތަކާއި ހަވާލާދީ ދިވެހި ބައެއް މީޑިއާތަކުން ގެނެސްފައިވާ ހަބަރު ފުލުހުން ދޮގުކޮށްފިއެވެ.
މި ހަބަރު އެންމެ ފުރަތަމަ ރިޕޯޓުކޮށްފައިވަނީ ލަންކާގެ ޕޮލިސް ލީގަލް ޑިވިޝަންގެ ވެރިއާ ޑިއައިޖީ އަޖިތު އާއި ހަވާލާދީ އެ ގައުމުގެ ނޫސްތަކުންނެވެ. ލަންކާގެ ބައެއް ނޫސްތަކުން ބުނެފައިވާގޮތުން ”އީސްޓާ ސަންޑޭ އެޓޭކް“ ހަމަލާގައި ހައްޔަރު ކުރި 200 އެއްހާ މީހުންގެ ތެރޭގައި 4 ދިވެހިން ހިމެނެއެވެ. އަދި އެހެން ބައެއް ނޫސްތަކުން ބުނެފައިވާގޮތުން 4 ދިވެއްސަކަށް ޝައްކު ކުރެވި އެ މީހުން ހޯދުމުގެ މަސައްކަތް ކުރަނީއެވެ.
އެ ގައުމުގެ ނޫސްތަކުން ބުނެފައިވާގޮތުންނަމަ އެ ދިވެހިންކަކީ، ސީދާ ހަމަލާ ދިނުމުގައި ބައިވެރިވީ މީހުންކަން ޔަގީން ނުވީ ނަމަވެސް އެ ހަތަރު ދިވެހިން އެކަމަށް ”ހިއްވަރު“ ދީފައިވެއެވެ. ނުވަތަ ”ވާގިވެރި“ ވެފައިވެއެވެ. އޭގެ ތެރެއިން އަނެއް މީހުންނަކީ، ސީދާ ހަމަލާ ރޭވުމުގައި ބައިވެރިވުމުގެ އިތުރުން، އެކި ގޮތްގޮތުން އެހީވީ މީހުންގެ ގޮތުގައި ބައެއް ނޫސްތަކުން ބުނެފައިވެއެވެ.
ލަންކާގެ ބޮމުގެ ހަމަލާތަކާއި ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ އަދަދު ރަސްމީކޮށް ހާމަނުވީ ނަމަވެސް، ލަންކާގެ މީޑިއާތަކުން ބުނާގޮތުން ފާއިތުވީ އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ޓެރަރިސްޓު ހަމަލާއާއި ގުޅިގެން ހައްޔަރު ކުރި މީހުންގެ އަދަދު 216 އަށް އަރައެވެ. އަދި އޭގެ ތެރެއިން 153 މީހެއްގެ މައްޗަށް ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ބަންދުކޮށްފައިވާކަމަށް ބުނެފައިވެއެެވެ. ހަތަރު ދިވެހިން ހައްޔަރު ކުރީ މިއަދުކަމަށް ވެސް ލަންކާގެ މީޑިއާތަކުން ރިޕޯޓު ކުރިއެވެ.
ހައްޔަރު ކުރި ބައެއް މީހުންނަކީ، ސީރިއާގެ ހަނގުރާމައިގައި އުޅުމަށްފަހު އަނބުރާ އައި މީހުންގެ ގޮތުގައި ލަންކާގެ މީޑިއާތަކުން ރިޕޯޓުކުރާއިރު އެ މީހުން އެނބުރި އައިސްފައިވަނީ ބޮން ހެދުމުގެ ތަމްރީނާއި އެކު އަސްކަރީ އިތުރު ތަމްރީނުތަކެއް ހޯދައިގެން ކަމަށް ބުނެއެވެ.
ލަންކާގެ މީޑިއާތަކާއި ހަވާލާދީ ރާއްޖޭގެ މީޑިއާތަކުންވެސް އެ ހަބަރުތައް ގެނެސްދީފައިވާއިރު އެ ހަބަރުތަކާއި ގުޅިގެން ފުލުހުން އާއްމުކުރި ބަޔާނެއްގައި ބުނެފައިވަނީ ލަންކާގެ ހަމަލާއާއި ގުޅިގެން އެއްވެސް ބަޔަކު ހައްޔަރު ކުރި ކަމުގެ މައުލޫމާތެއް އެ ގައުމުގެ ފުލުހުން ދީފައިނުވާ ކަމަށެވެ. ލަންކާގެ އެއްވެސް އިދާރާއަކުން އެފަދަ މައުލޫމާތެއް ދީފައިނުވާކަން ފާހަގަކޮށް ފުލުހުން ބުނެފައިވަނީ ލަންކާގެ ޓެރަރިސްޓު ހަމަލާގައި ދިވެއްސެއްގެ އަތެއް ވާ ކަމަށް ވެސް އަންގާފައި ނުވާ ކަމަށެވެ.
ލަންކާގައި ބޮން ގޮއްވާލާފައިވަނީ، ކްރިސްޓިއަނުން ފާހަގަ ކުރާ އީސްޓާއާ ދިމާކޮށް ކޮލޮމްބޯގައި ހުންނަ ސެއިންޓް އެންތަނީ ޗާޗުގެ އިތުރުން ސެއިންޓް ސެބެސްޓިއަން ޗާޗުގައެވެ. ހަމަލާ އަމާޒުވި އެއް ފައްޅި ކަމަށްވާ ސެއިންޓް އެންތަނީސް ޗާޗް ހުންނަނީ ކަޓްނަޔާގެ ކޮއްޗިކަޑޭގައެވެ. އެއަށްފަހު ހަމަ އެ ދުވަހު ދެން ހަމަލާ ދީފައިވަނީ ކަޓުވަޕިޓިޔާގައި ހުންނަ ސެއިންޓް ސެބާސްޓިއަން ފައްޅިއަކަށެވެ. މީގެ އިތުރުން ތިން ހޮޓަލެއްގައި ވެސް ބޮންގޮއްވާފައިވާއިރު އެއީ ދިވެހިންވެސް އާއްމުކޮށް ގޮސްއުޅޭ ޝަންގްރިއްލާ، ސިނަމަން ގްރޭންޑުގެ އިތުރުން، ކިންގްސްބަރީއެވެ.

