ކަޅުވަކަރު މިސްކިތް އަލުން ރޭވުމުގެ މަސައްކަތް ނިންމާލައިފިއެވެ.
އެ މިސްކިތުގެ ބައިތައް ރާވައި ނިމިފައިވާ ކަމަށް އިއްޔެ ހެރިޓޭޖް މިނިސްޓްރީއިން ވަނީ ބުނެފައެވެ. އަދި މިސްކިތުގެ ވަޅު ބެހެއްޓުމުގެ މަސައްކަތް ވެސް އިއްޔެ ނިންމާލައިފައި ވެ އެވެ.
ކުރީގެ ދިރާގު ހެޑް އޮފީސް ހުރި ސަރަހައްދުގައި މިސްކިތް ރާވާފައިވާއިރު، މިހާރު ކުރިއަށް ދަނީ މިސްކިތުގެ ވަށައިގެންވާ ސަރަހައްދުގައި ގަސް އިންދައި ޒީނަތްތެރިކުރުމުގެ މަސައްކަތެވެ. އަދި މިސްކިތުގެ އެތެރެ ސާފުކޮށް ޒީނަތްތެރިކުރުމުގެ މަސައްކަތް ފަށަން އޮތީ ތައްޔާރުވެފައެވެ.
އަލުން ރޭވި ކަޅުވަކަރު މިސްކިތް ކަނަޑައަޅާފައިވަނީ ގައުމީ ދާރުލްއާސާރުގެ އެއް އެގްޒިބިޓްގެ ގޮތުގައި އަދި ލިވިންގް ހެރިޓޭޖެއްގެ ގޮތުގައެެވެ. އެހެންކަމުން އެތަނުގައި ބަންގި ގޮވުމާއި ޖަމާއަތުގައި ނަމާދުކުރުން އެހެން މިސްކިތްތަކުގައިހެން ނޯންނާނެއެވެ. ނަމަވެސް، ނަމާދުކުރަން ބޭނުން މީހަކަށް އެ މިސްކިތުގެ ވަޅުން ވުޟޫކުރުމާއި އެ މިސްކިތަށް އަރައި ނަމާދުކުރުމުގެ ފުރުސަތު އޮންނާނެއެވެ.
ކަޅުވަކަރު މިސްކިތް އެންމެ ފުރަތަމަ ހުރީ މަޖީދީމާގާއި ކަރަންކާމަގު އިންވާ ހުޅަނގު އުތުރު ކަންމަތީގައެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި އެ މިސްކިތް ނީލަން ކިޔައި، ކ. ފުރަނަފުށީގައި ބެހެއްޓިއެވެ. ފަހުން ރައީސް މައުމޫނުގެ ވެރިކަމުގައި 1980 ވަނަ އަހަރުގެ ކުރީކޮޅު އެ މިސްކިތް އަލުން މާލެ ގެނެސް ބެހެއްޓީ ސަލްޓަން ޕާކުގެ އިރު ދެކުނު ކަނުގައެވެ.
އެ މިސްކިތް އެތަނުން ނެގީ ރައީސް ޔާމިންގެ ވެރިކަމުގައި ރަސްރަނި ވިންޓާ ޕާކު ތަރައްގީކުރުމަށެވެ.

