”އަދަދު“ ނޫހުގެ ސީއީއޯ ހުސައިން ފިޔާޟް މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފު ކުރުމުގެ ޖިނާއީ ދައުވާ އުފުލައި، މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
މި މައްސަލައިގެ ޝަރީއަތް ސިއްރުކޮށްގެން ކުރިއަށް ގެންދަން ކޯޓުން ވަނީ ނިންމައިފައެވެ.
މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ ”އަދަދު“ ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި، އޭގައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވެސް ނުދެއްކުމަށް އަމުރު ނެރެފަ އެވެ.
އަމުރުގައި ވަނީ މައްސަލައިގެ ހަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަކަށްވި މީހާއާ ގުޅުވައި އެއްވެސް ވާހަކައެއް ދެއްކުމާއި، ޝަރީއަތާ ގުޅުންހުރި ލިޔުންތައް ފެތުރުން ވަނީ މަނާކޮށްފައެވެ. މި އަމުރާ ހިލާފުވުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބެލެވޭނެ ކަމަށް އަމުރުގައިވެއެވެ.
ކޯޓުގެ އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ގަޒުފުގެ ކުށަކީ އިސްލާމީ ޝަރީއަތުގައި ބޮޑުވެގެންވާ ފާފައަކަށް ވާއިރު، އެކަން ހަރުކަށި އިބާރާތުން ނަހީކުރައްވާފައިވަނީ މީހުންގެ އަބުރާއި އިއްޒަތުއް ނަފުސު ރައްކާތެރިކުރުމަށެވެ.
އަދި ކޯޓަކުން ކުށް ސާބިތުނުވާހާ ހިނދަކު ކޮންމެ މީހަކީ ވެސް ކުށެއް ނެތް މީހެއްގެ ގޮތުގައި ބެލުމުގެ ހައްގު އޮންނާނެ ކަމަށާއި، ޝަރީއަތުގެ މަރުހަލާގައި ދައުވާ ލިބޭ މީހާ އާއި ޝިކާރައަކަށްވި މީހާގެ މައްޗަށް ކަށަވަރުވާ ހައްގުތަކެއް ވާކަމަށް ގާޒީ ވިދާޅުވިއެވެ.
އެގޮތުން ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 33 ވަނަ މާއްދާގައިވާ އަބުރު ރައްކާތެރިކުރުމުގެ ހައްގާއި 51 ވަނަ މާއްދާއަށް ބެލުމުން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް މީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ޝަރުއީ ކޯޓަކުން ހުކުމްކޮށްގެން މެނުވީ މީހަކު ކުށެއްކުރިކަމަށް ގާނޫނީގޮތުން ބެލޭނެ ހަމައެއް ނެތްކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
ޝަރީއަތުގެ މަރުހަލާގައި މައްސަލަ އޮންނަ ހާލަތުގައި ވެސް ދައުވާ ލިބޭ ފަރާތާއި ކުށުގެ ޝިކާރައަށްވާ ފަރާތުގެ ހައްގުތައް ހަމަހަމަ ކުރެވެންޖެހޭކަމަށް ވެސް ބަޔާނުގައި ވެއެވެ. އަދި މީގެއިތުރުން، އެފަދައިން އަމަލު ނުކުރެވޭނަމަ ދެ ފަރާތަށް ވެސް އިއާދަނުކުރެވޭފަދަ ގެއްލުމެއް ލިބިދާނެކަމަށާއި، އަދި މި ދެފަރާތުގެ ހައްގުތައް ހިމާޔަތްކުރުމުގެ ވާޖިބަކީ ކޯޓުތަކަށް ވާ ޒިންމާއެއްކަމުގައި ވެސް ފާހަގަކޮށްފައިވެއެވެ.
އާންމުގޮތެއްގައި ޖިނާއީ ކުށްތަކުގެ އަޑުއެހުންތަކަކީ ހުޅުވާލައިގެން ބާއްވާ އަޑުއެހުންތަކެއްނަމަވެސް ގާނޫނު އަސާސީގެ 42 ވަނަ މާއްދާގެ ނ ގައި މި ކަމަށް ވާ އިސްތިސްނާގެ ދަށުން މުޖްތަމައުގެ އަޚްލާގީ އުސޫލުތައް ހިފެހެއްޓުމަށް މި އަޑުއެހުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޝަރީއަތްތައް ހުޅުވާ ނުލައެވެ.
ތަހުގީގު މަރުހަލާގައި ފިޔާޒާއި ހަސަން ފުލުހަށް ހާޒިރުކުރުމުން ދެ ބޭފުޅުން ވެސް ވަނީ ހަނު ހުރުމުގެ ހައްގު ބޭނުންކުރައްވައިފައެވެ. އެ ބޭފުޅުން ވިދާޅުވީ ނޫސްވެރިންގެ މަސްދަރު ހާމަނުކުރުމަކީ ގާނޫނުއަސާސީން ލިބިދޭ ހައްގެއް ކަމަށާއި، ޖަލަށް ދާން ޖެހުނަސް މަސްދަރު ހާމަނުކުރާނެ ކަމަށެވެ. މީގެ އިތުރުން، ފުލުހުން ހިފަހައްޓާފައިވާ ޑިވައިސްތަކާއި ސޯޝަލް މީޑިއާ އެކައުންޓްތަކުގެ ޕާސްކޯޑް ދޭން ކޯޓުން ކުރި އަމުރަށް ވެސް ފިޔާޒު ވަނީ ދެކޮޅު ހައްދަވައިފައެވެ.
މި މައްސަލައާ ގުޅިގެން ފިޔާޒާއި ހަސަންގެ ޕާސްޕޯޓް ވެސް ވަނީ ތިން މަސް ދުވަހުގެ މުއްދަތަށް ހިފަހައްޓައިފައެވެ.

