ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި، ދިވެހި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަމަކީ މަސްވެރިކަމުގެ ދާއިރާ ހަރުދަނާކޮށް އިންޑިއާ ކަނޑުގެ ވަސީލަތްތައް ޒިންމާދާރުކަމާއެކު ބަލަހައްޓާ ފަރާތެއްގެ ގޮތުގައި ރާއްޖެއިން އަދާކުރާ ދައުރު ވަރުގަދަކުރުން ކަމަށް މަސްވެރިކަމާ ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ) ގެ 30 ވަނަ އަހަރީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ މަސްވެރި އާއިލާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، މި ސިނާޢަތް ޒަމާނީ ފެންވަރަށް ތަރައްޤީކުރުން ކަމަށެވެ. އަދި އިންޑިއާ ކަނޑުގެ ވަސީލަތްތައް ޒިންމާދާރުކަމާއެކު ބަލަހައްޓާ ގައުމެއްގެ ގޮތުގައި ރާއްޖެ ދެމިއޮތުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
”ދިވެހިރާއްޖެއަށް ބަލާއިރު، ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރުމަކީ ހަމައެކަނި ފަލްސަފާއެއް ނޫން، އެއީ އަބަދުވެސް އަޅުގަނޑުމެންގެ ދިރިއުޅުމާ ގުޅިފައިވާ ކަމެއް،“ ވަޒީރު ވިދާޅުވިއެވެ.
ހަމައެހެންމެ އަންނަން އޮތް ޖީލުތަކުގެ ފާގަތިކަން ބިނާވެފައިވަނީ ކަނޑުފަޅުތަކުގެ ދިރުމާއި ދުޅަހެޔޮކަމުގެ މައްޗަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، އިންޑިއާ ކަނޑަކީ އެންމެން ގުޅުވައިދޭ ވަސީލަތެއްގެ ގޮތުގައި ސިފަކުރައްވަމުން، މި ކަނޑުގެ މުސްތަޤުބަލު ބިނާވެފައިވަނީ އެކަކު އަނެކަކަށް އިތުބާރުކޮށް، އިންސާފުވެރިކަމާއެކު އެންމެން ގުޅިގެން މަސައްކަތްކުރުމުގެ މައްޗަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. އައި.އޯ.ޓީ.ސީގެ ބައްދަލުވުމުގައި ނިންމާ ނިންމުންތަކަކީ އައްސޭރިފަށުގެ މުޖުތަމަޢުތަކަށާއި، ކާނާގެ ރައްކާތެރިކަމަށް މުހިންމު ނިންމުންތަކަކަށް ވާނެކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.
އައި.އޯ.ޓީ.ސީގެ މި އަހަރުގެ ބައްދަލުވުމަކީ ދުނިޔޭގެ އެންމެ މުހިންމު އެއް ވަސީލަތް ކަމުގައިވާ ކަނޑުމަހުގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށް އެޅޭ ބޮޑު ފިޔަވަޅެއްގެ ގޮތުގައި ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

