ރާއްޖޭގައި ޤަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ނުކުރާވަރަށް މިސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ސިލްސިލާކޮށް ބާއްވަމުންދާ ބައްދަލުވުމުގެ ތެރެއިންނެވެ.
2024 ވަނަ އަހަރު މިސަރުކާރާއި ހަވާލުވިއިރު ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މައުލޫމާތު ނުވަތަ ޑާޓާ އިނގޭ މިންވަރު އޮތީ އެންމެ 13 އިންސައްތައިގައި ކަމަށް ރައީސް ވިދާޅުވިއެވެ. އެހެން ނަމަވެސް މިސަރުކާރުން ފާއިތުވެދިޔަ ދެއަހަރު ދުވަހުގެ ތެރޭގައި 98 އިންސައްތަ ބިދޭސީންގެ ބަޔޮމެޓްރިކްސް ނެގިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މިވަގުތު ރާއްޖޭގައި ގާއިމުވެތިބެގެން މަސައްކަތް ކުރަމުންދާ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން %98 މީހުން ބަޔޯމެޓްރިކަލީ ކާކުކަން ދެނެގަނެވޭނެ ގޮތަށް 10 އިނގިލީގެ ނިޝާނާއި ސާފު ފޮޓޯ ނަގާ ނިމިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ކުރަނގި އޮޕަރޭޝަނަކީ އެއްވެސް ގޮތަކަށް ބިދޭސީ މަސައްކަތްތެރިންނަށް އަދަބު ދިނުމުގެ ގޮތުން ކުރިއަށް ގެންދާ އޮޕަރޭޝަންތަކެއް ނޫންކަމަށެވެ. އެހެނަސް ކުރަނގި އޮޕަރޭޝަނަކީ ބިދޭސީ މަސައްކަތްތެރިންގެ ހައްޤުތައް ހިމާޔަތްކޮށްދޭ އޮޕަރޭޝަނެއްކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން އެމީހުންގެ ހައްޤުތައް ހިމާޔަތް ކުރެވޭނީ އެއީ ކާކު ކަމާއި، އުޅޭ ތަނެއް އިނގިގެންކަމަށް ރައީސް ވިދާޅުވިއެވެ.
“ މިއީކީ އެއްވެސް ގޮތަކަށް ބިދޭސީ މަސައްކަތްތެރިންނަށް އަދަބު ދިނުމުގެ ގޮތުން ކުރިއަށް ގެންދާ އޮޕަރޭޝަންތަކެއް ނޫން. ކުރަނގި އޮޕަރޭޝަނަކީ ބިދޭސީ މަސައްކަތްތެރިންގެ ހައްޤުތައް ހިމާޔަތްކޮށްދޭ އޮޕަރޭޝަނެއް، އެމީހުންގެ ހައްޤުތައް ހިމާޔަތް ކުރެވޭނީ އެއީ ކާކު ކަމާއި، އުޅޭ ތަނެއް އިނގިގެން “ ރައީސް ޑރ. މުއިއްޒު
މީގެ ކުރިއަށް ބަލާއިރު މިކަން ކޮށްފައިވަނީ އެއްވެސް ވަރެއްގެ ޒިންމާދާރުކަމެއްނެތި އެބައެއްގެ އަމިއްލަ ފައިދާއަށް އިންސާނީ ކަރާމާތް ގެއްލޭގޮތަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް މިހާރު އިރާދަކުރައްވައިގެން %98 ބިދޭސީ މީހުން ބަޔޯމެޓްރިކަލީ ކާކުކަން ދެނެގަނެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހަމަމިއާއިއެކު އެފަރާތްތައް ރެގިއުލަރައިޒް ކުރުމުގެ މަސައްކަތްތައްވެސް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ.
މިގޮތުން ޑީޕޯޓްކުރަންޖެހޭ ފަރާތްތައް ޑީޕޯޓްކުރުމުގެ މަސައްކަތްތައްވެސް ކުރެވެމުންދާކަމަށް ރައީސް ވިދާޅުވިއެވެ. ނުޤަވައިދުން ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ވަށާޖެހޭ ނިޒަމެއްގެ ތެރެއިން އެމަސައްކަތް ކުރެވެމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

