ޚިޔާލީ ވިސްނުންތަކެއްގެ މައްޗަށް ބިނާކޮށް ޕާޓީއާއި ގުޅުމެއްނެތް ކަމެއްގައި ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ޖޫރިމަނާ ކުރިކަމަށް ބަޔާންކޮށް ސިޓީއެއް ފޮނުވުމަކީ ދެކޮޅު ނުޖެހޭ ކަމެއްކަމުގައި އެ ޕާޓީން ބުނެފިއެވެ.
މި މަހުގެ 5 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޮނުވި ސިޓީއަށް ރިޢާޔަތްކުރުމެއް ނެތި ޕާޓީ ޖޫރިމަނާކުރުމާ ގުޅިގެން ޕީއެންއެފް އިން ވަނީ ނުރުހުން ފާޅުކޮށް އީސީއަށް ސިޓީއެއް ފޮނުވާފައެވެ.
ޕީއެންއެފް އިން އީސީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، އީސީގެ މި އަމަލަކީ މިނިވަން މުއައްސަސާއަކުން އަމަލު ކުރަންޖެހޭ މިންގަނޑުގެ ބޭރުން، ސަރުކާރުގެ ނުފޫޒުގެ މައްޗަށް ބިނާކޮށް ހިންގާފައިވާ ދަށުދަރަޖައިގެ އަމަލެއް ކަމަށް އެ ޕާޓީން ދެކޭ ކަމަށެވެ. އަދި ޕީއެންއެފްގެ ރަސްމީ ސިޔާސީ ހަރަކާތް ކަމަށްވާ ’ޓައުންހޯލް‘ ޖަލްސާ 10 މެއި 2023 ވަނަ ދުވަހުގެ ރޭ ކުރިއަށް ގެންގޮސްފައިވާނެ ކަމަށްވެސް އެ ޕާޓީން ފާހަގަކޮށްފައިވެއެވެ.
އެ ޕާޓީން އިތުރަށް ބުނެފައިވަނީ ޖޫރިމަނާކޮށްފައިވަނީ ޓައުންހޯލް ޖަލްސާގެ ސަބަބުން ކަމަށްވާނަމަ، ޕާޓީން ކޮށްފައިވަނީ ކޮން ކުށެއްކަން ސާފުކޮށް އަންގައިދިނުމަށް އެދޭ ކަމަށެވެ. އަދި ޓައުންހޯލް ޖަލްސާ ފިޔަވައި އެ ޕާޓީން މިވަގުތު ކުރިއަށް ގެންދާ އިތުރު އެއްވެސް ސިޔާސީ ހަރަކާތެއް ނެތް ކަމަށް ޕީއެންއެފް އިން ވަނީ ތަކުރާރުކޮށް ބުނެފައެވެ.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފެއްދެވި ޕީއެންއެފް އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމީ، ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ އެ ޕާޓީން ތަކުރާރުކޮށް ޚިލާފުވަމުންދާ ކަމަށް ބުނެއެވެ.
އީސީން ތުހުމަތުކުރާ ގޮތުގައި އެ ޕާޓީން ދަނީ ގާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުން ބޭރުން ސިލްސިލާކޮށް އެކިއެކި ހަރަކާތްތައް ހިންގަމުންނެވެ. މީގެ އިތުރުން އެހެން ސިޔާސީ ޕާޓީތަކުން ބާއްވާ ބައްދަލުވުންތަކަށް ހުރަސްއެޅޭ ގޮތަށް އަމަލުކުރުމާއި، އެފަދަ ބައްދަލުވުންތައް ކުރިއަށްދާ ވަގުތުތަކާ ދިމާކޮށް އެ ސަރަހައްދުތަކުގައި ހަރަކާތްތައް ހިންގުން ހިމެނޭ ކަމަށްވެސް ކޮމިޝަނުން ވަނީ ބުނެފައެވެ.

