ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭޑީއެޗްޑީ ހުންނަ ކުދިންނަށް ދޭ ”މިތައިލްފެނިޑޭޓް“ މަނާ ލިސްޓުން އުނިކުރަން މަޖިލީހުން ފާސްކޮށްފި

މަޖިލީސް ޖަލްސާގެ ތެރެއިން: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެޓެންޝަން ޑެފިސިޓް/ހައިޕައެކްޓިވިޓީ ޑިސްއޯޑާ ނުވަތަ އޭޑީއެޗްޑީ ހުންނަ ކުދިންނަށް ދޭ މިތައިލްފެނިޑޭޓް ރާއްޖެ އެތެރެކުރުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

ރާއްޖެއަށް އެތެެރެކުރުން މަނާ ތަކެތީގެ ލިސްޓުން މިތައިލް ފެނިޑޭޓް އުނިކުރަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 51 މެންބަރުންގެ އިއްތިފާގުންނެވެ.

މި މައްސަލައަކީ އޭޑީއެޗްޑީ ހުންނަ ކުދިންގެ ބެލެނިވެރިންގެ ބޮޑު ކަންބޮޑުވުންތަކަށް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ) މަޖިލީހަށް ހުށަހެޅުއްވި ސިޓީއަކާ ގުޅިގެން ކޮމިޓީގައި ކުރިޔަށް ގެންދިޔަ މައްސަލައެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވި ގޮތުގައި، ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލްގެ ލަފައާއެކު، ރާއްޖޭގައި މަނާކޮށްފައިވާ ބޭސްތަކުގެ ލިސްޓުން މި ބޭސް އުނިކުރުމަށް ކެބިނެޓުން މިދިޔަ މަހު ވަނީ ނިންމާފަ އެވެ. ނަމަވެސް، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ މަނާ ތަކެތީގެ ލިސްޓަށް ބަދަލު ގެނައުމުގެ ކުރިން މަޖިލީހުގެ ރުހުން ބޭނުންވާތީ، ވަނީ އެކަމުގައި މަޖިލީހުގެ ނިންމުމަކަށް ރައީސް އެދިވަޑައިގެންނެވި އެވެ. މައްސަލައިގައި ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ އެ ބޭސް މަނާ ލިސްޓުން އުނިކުރުމަށް ފާސްކޮށްފަ އެވެ.

މެތައިލްފެނިޑޭޓަކީ އޭޑީއެޗްޑީގެ ފަރުވާގައި ދުނިޔޭގެ ސިއްހީ މާހިރުން ބޭނުންކުރާ އެއް ބޭހެވެ. ނަމަވެސް، ރާއްޖޭގައި މި ބޭސް މަނާކޮށްފައި އޮތީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ޖަދުވަލު އެކެއްގައި، ރާއްޖެ އެތެރެކުރުން މަނާ ތަކެތީގެ ތެރޭގައި އެ ބޭސް ހިމަނާފައި އޮތުމުންނެވެ.

މި ބޭސް މަނާ ލިސްޓުން އުނިކޮށް، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާތަކެތީގެ ލިސްޓަށް ބަދަލުކޮށްދިނުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވެސް މީގެ ކުރިން ވަނީ އެދިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: