ގާނޫނުއަސާސީއާއި ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފަށް ބައެއް ޕާޓީތަކުން ހިންގަމުންދާ ހަރަކާތްތައް ހުއްޓުވައި، އެ ޕާޓީތަކަށް ފިޔަވަޅު އެޅުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ބަލައިގަނެ، ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ގަރާރު ބަލައިގެންފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 49 މެންބަރުންގެ ތެރެއިން 41 މެންބަރުންގެ ތާއީދާއެކުގައެވެ. މި ގަރާރާ ދެކޮޅަށް ވޯޓު ދެއްވީ 08 މެންބަރުންނެވެ.
ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި މި ގަރާރު ދިރާސާ ކުރުމަށް ފޮނުވާފައި ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށެވެ.
މި ގަރާރުގެ މައިގަނޑު މަގުސަދަކީ ސިޔާސީ ހަރަކާތްތައް ހިންގުމުގައި ގައުމީ މަސްލަހަތާއި، އިސްލާމްދީނުގެ އަސްލުތަކާއި، އަދި އެހެން މީހުންގެ ހައްގުތަކަށް އިހްތިރާމްކުރުން ކަށަވަރުކުރުމެވެ. ގާނޫނުއަސާސީން ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބިދީފައިވީ ނަމަވެސް، ބައެއް ސިޔާސީ ޕާޓީތަކުން ގާނޫނާ ހިލާފަށް ހިންގާ އަމަލުތަކުގެ ސަބަބުން މުޖުތަމައުގެ އަމަންއަމާންކަން ގެއްލި، ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވަމުންދާކަން ގަރާރުގައިވެއެވެ.
މީގެ އިތުރުން، ގާނޫނާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން އަވަސްކުރުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް މި ގަރާރު މެދުވެރިކޮށް ވަނީ ގޮވާލާފައެވެ. އަދި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރަންވާނީ ގާނޫނުއަސާސީގެ 27 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އިމުގެ ތެރެއިންކަންވެސް މި ގަރާރުގައި ބާރުއަޅާފައިވެއެވެ.
ގަރާރު ހުށަހަޅުއްވަމުން އަބްދުއްސައްތާރު ވިދާޅުވީ، ބައެއް ސިޔާސީ ޕާޓީތަކުން ހިންގާ ހަރަކާތްތަކުގެ ސަބަބުން މުޖުތަމައުގެ މަސްލަހަތު ގެއްލި، މާލޭގައި ދިރިއުޅޭ އެތައް ހާސް ރައްޔިތުންނަކަށް އިންތިހާއަށް ދަތި އުނދަގޫތަކާ ކުރިމަތިވަމުންދާ ކަމަށެވެ. ވަކި ޕާޓީއެއްގެ ނަން ގަރާރުގައި ބަޔާންކޮށްފައި ނުވި ނަމަވެސް، މިދުވަސްވަރު މާލޭގައި ސިލްސިލާކޮށް މުޒާހަރާ ކުރަމުންދަނީ އިދިކޮޅު އެމްޑީޕީ އާއި ޕީއެންއެފް އިންނެވެ.
ސައްތާރު ވިދާޅުވި ގޮތުގައި، ގާނޫނުއަސާސީން ލިބިދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ސިޔާސީ ހަރަކާތް ހިންގުމުގެ ހައްގަކީ ޒިންމާތަކަކާ އެކު ލިބިދޭ ހައްގުތަކެކެވެ.
ރައްޔިތުންނަށް އެކަމުގެ ސަބަބުން ދަތި އުދަނގޫތައް ވެސް ތަހައްމަލުކުރަން ޖެހިފައިވާތީ، އެފަދަ ފަރާތްތަކުން ހިންގަމުން ގެންދާ ގާނޫނާ ހިލާފު ކަންކަން ހުއްޓުވައި އެެފަދަ ފަރާތްތަކާ މެދު ދައުލަތުގެ ކަމާ ގުޅުން ހުރި އިދާރާތަކުން ގާނޫނާ އެއްގޮތަށް ފިޔަވަޅު އެޅުމަށް ގޮވާލަން،
ގާނޫނުއަސާސީގެ 27 ވަނަ މާއްދާއާއި، 30 ވަނަ މާއްދާ އަދި 33 ވަނަ މާއްދާއަށް ރިއާޔަތް ކުރައްވައި އަބްދުއްސައްތާރު ފާހަގަކުރެއްވީ، ހިޔާލު ފާޅުކުރުމާއި ސިޔާސީ ޕާޓީ ހިންގުމުގެ ހައްގު އޮތް ނަމަވެސް، އެހެން މީހުންގެ އަބުރާއި ރައްކާތެރިކަމަށް އިހުތިރާމް ކުރަންޖެހޭނެ ކަމަށެވެ. މި ގަރާރުގެ މަގުސަދަކީ މި މައްސަލައިގައި މަޖިލީހުގެ މެންބަރުން ދެކޭ ގޮތް ބެލުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ގަރާރު ހުށަހަޅާފައި މިވަނީ، ޕީއެންއެފްގެ މަގުމަތީ ހަރަކާތްތައް ގާނޫނާ ހިލާފު ކަމަށް ބުނެ، އެކަންކަން އިސްލާހު ނުކޮށްފިނަމަ ފިޔަވަޅު އަޅާނެ ކަމުގެ ފަހުގެ އިންޒާރު އިލެކްޝަންސް ކޮމިޝަނުން އިއްޔެ ދީފައި ވަނިކޮށެވެ. މީގެ ކުރިންވެސް އެ ޕާޓީއަށް ނަސޭހަތްތެރިވެފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.

