ދައުލަތުގެ މުސާރަ ހަމަނައިޒްކުރުމުގެ ތެރެއިން، ބައެއް މުވައްޒަފުންގެ މުސާރައަށް ކުރިއެރުން ލިބިފައިނުވާ މައްސަލައަށް ހައްލު ގެނެސް މި މަހު ލިބޭ މުސާރައާ ހަމައިން ހައްލުވެ، ހުރިހާ ފަރާތްތަކަށް މުސާރައިގެ ކުރިއެރުން ލިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުއިއްޒު މިހެން ވިދާޅުވީ، ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުއިއްޒު ވިދާޅުވީ ދައުލަތުގެ ޕޭ ހަމަނައިޒްކުރުމުގެ ސިޔާސަތު ތަންފީޒުކުރިއިރު، ހިއުމަން ރިސޯސަސް ދާއިރާ، ޝަރުއީ ދާއިރާ، އަދި ކައުންސިލްތަކުގެ ބައެއް މަގާމްތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުވުމުގެ ބަދަލުގައި، ހިފެހެއްޓިފައި ހުރުން ނުވަތަ ކޮންމެވެސް ވަރަކަށް ކުޑަވެފައިވާކަމަށް ފާހަގަކުރެވިފައިވާ އެވެ. އެކަން ހައްލުކުރުމަށް ޕޭ ކޮމިޝަންއާއި ބައްދަލުކުރައްވައި، ހުރިހާ ކަންބޮޑުވުންތަކެއް ދެނެގަނެ، ހައްލު ހޯދިފައިވާކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި މަހު ލިބޭ މުސާރައިގައި، މުސާރައިގެ ކުރިއެރުން ލިބިފައިނުވާ ފަރާތްތަކަށް ކުރިއެރުން ލިބޭނެކަމަށެވެ.
މީގެއިތުރުން ވަކިވަކި ކޭސްތައް ފާހަގަކުރެވިއްޖެ ނަމަ، އެ މައްސަލައަށް ވެސް ހައްލު ހޯދައިދެއްވާނެކަމަށް ރައީސް ވިދާޅުވި އެވެ. ދައުލަތުގެ ޕޭ ހަމަނައިޒްކުރުމުގެ ސިޔާސަތުގެ ދަށުން، ދައުލަތުގެ 93 އިންސައްތަ މުއައްސަސާ ވަނީ ހަމަ މިހާތަނަށް އާ ޕޭ ފްރޭމްވާކަށް ބަދަލުކުރެވިފަ އެވެ.

