ދުނިޔޭގެ މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ ޑުއާ ލީޕާ، ދެކުނު ކޮރެއާގެ ޓެކްނޮލޮޖީ ކުންފުނި ސެމްސަންގ އިލެކްޓްރޯނިކްސް އާ ދެކޮޅަށް 15 މިލިއަން އެމެރިކާ ޑޮލަރުގެ ބޮޑު ދައުވާއެއް ކޮށްފިއެވެ. ހުއްދަ ނެތި އޭނާގެ ފޮޓޯ ވިޔަފާރި ބޭނުންތަކަށް ބޭނުންކުރި ކަމަށް ތުހުމަތުކޮށް ދައުވާ ހުށަހަޅާފައިވަނީ އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގެ ފެޑެރަލް ކޯޓަށެވެ.
ދައުވާގައި ބުނެފައިވާ ގޮތުން، ސެމްސަންގ ކުންފުނިން ވަނީ ދުއާ ލީޕާގެ ކޮޕީރައިޓް ލިބިފައިވާ ފޮޓޯއެއް، ހުއްދަ ހޯދުމެއް ނެތި، އެ ކުންފުނީގެ ޓެލެވިޜަން ފޮށިތަކުގެ ކުރިމަތީ ޗާޕުކޮށް އެމެރިކާ ފެންވަރުގައި ވިއްކާ ވިއްކާފައެވެ. ”ޑުއާ ލީޕާ – ބެކްސްޓޭޖް އެޓް އޮސްޓިން ސިޓީ ލިމިޓްސް، 2024“ ގެ ނަމުން ނަންދެވިފައިވާ މި ފޮޓޯ ބޭނުންކޮށްފައިވަނީ، ދުއާ ލީޕާ ސެމްސަންގ ޓީވީ ރަސްމީކޮށް އެންޑޯޒްކޮށްފައިވާ ކަމުގެ ތަސައްވުރު ކަސްޓަމަރުންނަށް ދިނުމަށް ކަމަށް ދައުވާގައި ތުހުމަތު ކޮށްފައިވެއެވެ.
ޑުއާ ލީޕާގެ ގާނޫނީ ވަކީލުން ވިދާޅުވި ގޮތުގައި، އެނާގެ ފޮޓޯގެ ފުރިހަމަ ހައްގު ލިބިގެންވަނީ ދުއާ ލީޕާ އަށެވެ. ސެމްސަންގ ކުންފުންޏަށް ވިޔަފާރި ބޭނުމަށް ނުވަތަ ޕްރޮމޯޝަނަލް ކޮންމެ ބޭނުމަކަށް ވެސް ފޮޓޯ ބޭނުންކުރުމުގެ ހުއްދަ ދީފައި ނުވާ ކަމަށް ވަކީލުން ވިދާޅުވިއެވެ. ވަކީލުން ފާހަގަ ކުރައްވާ ގޮތުގައި، ދުއާ ލީޕާ ލަގްޒަރީ އަދި ޓެކްނޮލޮޖީ ދާއިރާގެ ގިނަ ކުންފުނިތަކާ އެކު ރަސްމީ އެންޑޯޒްމަންޓް ޑީލްތައް ހަދާފައިވާ ހިނދު، ހުއްދަ ނެތި ފޮޓޯ ބޭނުންކުރުމުން އޭނާގެ ވިޔަފާރި ތަސްވީރަށާއި ބްރޭންޑް ރެޕިއުޓޭޝަން އަށް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ.
ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުގައި ވަނީ ސޯޝަލް މީޑިއާ ޕޯސްޓްތަކުގެ ސްކްރީންޝޮޓްތައް ވެސް ހިމަނާފައެވެ. އެ ޕޯސްޓްތަކުގައި ފޭނުން ބުނެފައިވަނީ ދުއާ ލީޕާ ފޮށީގައި ހުރި ކަމުން ޓީވީ ގަންނަ ހިތްވާ ކަމަށެވެ. ވަކީލުން ވިދާޅުވި ގޮތުގައި، ފޭނުންގެ މި ތަރުހީބު ދައްކައިދެނީ ދުއާ ލީޕާގެ ފޮޓޯ ސީދާ ގޮތެއްގައި ކަސްޓަމަރުންގެ ގަންނަ ނިންމުންތަކަށް ބޮޑު ނުފޫޒެއް ފޯރުވި ކަމެވެ.
ދައުވާ ހުށަހެޅި ލިޔުންތަކުގައި ބަޔާންކޮށްފައިވާ ގޮތުން، ޑުއާ ލީޕާ އަށް މި މައްސަލަ ފުރަތަމަ ފާހަގަ ވީ 2025 ވަނަ އަހަރުގެ ޖޫން މަހުއެވެ. ހާދިސާ ފާހަގަ ވުމާ ގުޅިގެން ދުއާ ލީޕާ ގެ ފަރާތުން ވަނީ ސެމްސަންގ ކުންފުންޏަށް ފޮޓޯ ބޭނުންކުރުން ހުއްޓާލުމަށް ތަކުރާރުކޮށް ސިޓީ ފޮނުވާފައެވެ. ނަމަވެސް ދައުވާގައި ތުހުމަތު ކޮށްފައިވާ ގޮތުން، ސެމްސަންގ ކުންފުނިން ވަނީ އެ ސިޓީތަކަށް ބީރު ކަންފަތެއް ދީ، ދުއާ ލީޕާގެ ފޮޓޯ ހިމެނޭ ފޮށިތަކުގައި ޓީވީ ވިއްކުން ދެމެހެއްޓިފައެވެ.
ކޮޕީރައިޓް ހިމާޔަތާ ހިލާފުވި ކަމުގެ ތުހުމަތުގެ އިތުރުން، ޑުއާ ލީޕާ ވަނީ ސެމްސަންގ ކުންފުންޏާ ދެކޮޅަށް ޓްރޭޑްމާކް ގާނޫނާ ހިލާފުވި ކަމާއި، ޕަބްލިސިޓީ ރައިޓްސް ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ތުހުމަތު ވެސް ކޮށްފައެވެ. ދައުވާގެ ދަށުން ދުއާ ލީޕާ ވަނީ 15 މިލިއަން ޑޮލަރުގެ ބަދަލު ހޯދުމަށް ކޯޓުގައި އެދިފައެވެ. މީގެ އިތުރުން، ސެމްސަންގ ކުންފުނިން ކުރިއަށް އޮތް ތަނުގައި ދުއާ ލީޕާ ގެ ސޫރަ ނުވަތަ ފޮޓޯ ވިޔަފާރި ބޭނުންތަކަށް ބޭނުންކުރުން ދާއިމީ ގޮތެއްގައި މަނާ ކުރުމުގެ ކޯޓު އަމުރެއް ނެރެދިނުމަށް ވެސް ވަނީ ކޯޓުގައި ހުށަހަޅާފައެވެ.
މި ދައުވާ އާ ގުޅިގެން ސެމްސަންގ ކުންފުނިން ރަސްމީ ބަހެއް ދީފައެއް ނުވެއެވެ. ކޯޓުގައި ހިނގަމުންދާ ގާނޫނީ ކަންކަމާ ބެހޭ ގޮތުން ވާހަކަ ނުދައްކާ ކަމަށް ބުނެ ކުންފުނިން ވަނީ ކޮމެންޓް ކުރުމަށް ދެކޮޅު ހަދާފައެވެ.

