ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކޮން ނޫސްވެރިންތަކަކަށްްތޯ ނިންމުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެން ނުވާކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ ރައީސް އޮފީހުގައި ހޯމަ ދުވަހު ހެނދުނު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، ”އަދަދު“ ނޫހުގެ ނޫސްވެރިޔާ ކުރި ސުވާލަކާ ގުޅިގެން އޭނާ އެ ބައްދަލުވުމުން ބޭރުކޮށްލި މައްސަލައާ ގުޅިގެންނެވެ. އަދަދުގެ ނޫހުގެ ނޫސްވެރިޔާ ބޭރުކޮށްލީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ކުރެވޭ ތުހުމަތުތަކަކާ ގުޅިގެން ސުވާލުކުރުމުންނެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، ނޫސްވެރިންގެ ބައްދަލުވުމުގައި ހުރި ނޫސްވެރިޔަކު ރައީސް މުއިއްޒުގެ އެންގެވުމަށް އެ ތަނުން ބޭރުކުރުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
”މިއީ މިނިވަން ނޫސްވެރިކަމަށް ދޭ ހަމަލާއެއް އަދި ރާއްޖޭގެ ޑިމޮކްރެސީއަށް އޮތް އިންޒާރެއް،“ ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ، ރައީސްއަށް ވިޔަސް ސުވާލުކުރެވޭނެ ނޫސްވެރިންނާއި، ސުވާލުކުރަން ނުދީ ބޭރުކޮށްލާނެ ނޫސްވެރިން ކަނޑައެޅުމުގެ ގާނޫނީ ބާރެއް ނޯންނާނެ ކަމަށެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަމަށް އިހުތިރާމްކުރުމަށާއި ރައްޔިތުންގެ މި ހައްގަށް އިހުތިރާމްކުރުމަށް ރައީސް މުއިއްޒުއަށް ޝާހިދު ވަނީ ގޮވާލައްވާފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އަދަދު ނޫނުގެ ނޫސްވެރިޔާ ކުރި ސުވާލާ ގުޅިގެން ރައީސް ވިދާޅުވީ، ނޫސްވެރިޔާ ކޯޓު އަމުރަކާ ހިލާފުވެފައިވާ ކަމަށާއި، އެހެންކަމުން ނޫސްވެރިންގެ ބައްދަލުވުން ދޫކޮށް ދިއުމަށެވެ.
ކްރިމިނަލް ކޯޓުގެ އެ އަމުރަކީ އަދަދު ނޫހުން ތައްޔާރުކުރި ”އައިޝާ“ ޑޮކިއުމެންޓްރީއާ ގުޅިގެން، އެ ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދު ގަޒުފުކުރި ކަމަށް ތުހުމަތުކޮށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ނެރުނު އަމުރެއްކެވެ.

