އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި 983 ކައުންސިލަރުން އިންތިހާބު ކުރާއިރު ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ވާދަކުރާނީ 877 ދާއިރާއަކަށް ކަމަށް އެމްޑީޕީން ބުނެފިއެވެ.
ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އެމްޑީޕީން ވާދަލުރާ ކެންޑިޑޭޓުންނާ ބެހޭ ގޮތުން މައުލޫމާތު ދެމުން އެމްޑީޕީގެ ޑެޕިއުޓީ ސެކްޓްރީ ޖެނަރަލް އަދި ކައުންސިލް އިންތިހާބަށް އެމްޑީޕީން ކަނޑައަޅާފައިވާ ތަރުޖަމާން އަފްޝަން ލަތީފް ވިދާޅުވީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރުމަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން 877 ކެންޑިޑޭޓުންގެ އެޕްލިކޭޝަން ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަލައިގެންފައިވާ ކަމަށެވެ.
އެމްޑީޕީން 877 ކެންޑިޑޭޓުން ވާދަކުރާއިރު، އިދިކޮޅު ޕީޕީއެމް އިން 675 ކެންޑިޑޭޓުން ވާދަކުރެ އެވެ. އޭގެ އިތުރުން ޖުމްހޫރީ ޕާޓީގެ ޓިކެޓުގައާއި އަދާލަތު ޕާޓީގެ އިތުރުން އަމިއްލަ ގޮތުން ވެސް ބައެއް މީހުން ވަނީ ކައުންސިލް އިންތިހާބަށް ކުރިމަތިލާން އީސީއަށް ފޯމު ހުށަހަޅާފަ އެވެ.
އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އިންތިހާބު ކުރާ 983 ކައުންސިލަރުންގެ ތެރެއިން 370 ގޮނޑިއަށް އިންތިހާބު ކުރަނީ އަންހެނުންނެވެ. ހަމަ އެ ދުވަހު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ބާއްވާއިރު، އެ ކޮމިޓީތަކަށް 930 މެންބަރުން އިންތިހާބު ކުރާނެ އެވެ.

