’އަދަދު‘ ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާން ޖަލަށް ލައިފިއެވެ. މި ދެ ނޫސްވެރިން ޖަލަށް ލާފައިވަނީ ކޯޓު އަމުރަކާ ހިލާފުވި ކަމަށް ބުނާ މައްސަލައެއްގައެވެ.
މި ދެ ނޫސްވެރިން ޖަލަށް ލާފައިވަނީ ގަޒުފުކުރިކަމުގެ ތުހުމަތުގައި ’އަދަދު‘ ނޫހުގެ އިސްވެރިންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރަކާ ހިލާފުވި ކަމަށް ބުނާ މައްސަލައިގައެވެ. މި މައްސަލާގައި މިއަދު އެ ދެ ނޫސްވެރިން ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވާއިރު، މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންގޮސްފައިވަނީ ސިއްރުކޮށްގެންނެވެ.
’އަދަދު‘ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ “ ސަންގު“ އަށް ވިދާޅުވީ، ދެ ނޫސްވެރިން ވެސް މިހާރު ޖަލަށް ލާފައިވާ ކަމަށާއި، އެމީހުން ހައްޔަރުކުރީ ތުހުމަތުތަކާ މެދު ދިފާއުވުމަށް އެއްވެސް ފުރުސަތެއް ނުދީ ކަމަށެވެ. އެގޮތުން ލީވާން 10 ދުވަހަށް ޖަލަށް ލާފައިވާއިރު ޝަހުޒާން ޖަލަށް ލާފައި ވަނީ 15 ދުވަހުގެ މުއްދަތަށް ކަމަށް ފިޔާޒް ވިދާޅުވިއެވެ.
މި މައްސަލައަކީ ’އަދަދު‘ ނޫހުން ގެނެސްދިން ޑޮކިއުމަންޓްރީއަކާ ގުޅިގެން އުފެދިފައިވާ މައްސަލައެކެވެ. އެ ޑޮކިއުމަންޓްރީއާ ގުޅިގެން ކޯޓުން ވަނީ ވަކި ގޮތެއް ކަނޑައަޅަންދެން އެ ވީޑިއޯ ދައުރު ނުކުރުމަށާއި، އޭގައިވާ ވާހަކަތައް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުމަށް އަމުރުކޮށްފައެވެ. މީގެ އިތުރުން ޝަރީއަތާ ގުޅުންހުރި ލިޔުންތަކާއި ވާހަކަތައް ނުފެތުރުމަށް ވެސް ކޯޓު އަމުރުގައިވެއެވެ.
ނޫސްވެރިޔާ ލީވާން ކޯޓަށް ހާޒިރުކުރީ ކޯޓުން ނެރުނު އަމުރާ ގުޅޭ ހަބަރެއް ލިޔެގެން ކަމަށް ބުނެއެވެ. އަދި ޝަހުޒާން ހާޒިރުކުރީ ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޯޓު އަމުރާ ހިލާފަށް ރައީސް ޑރ. މުހައްމަދު މުއިއްޒާ ސުވާލުކުރި ކަމަށް ބުނާ މައްސަލައިގައެވެ.

