ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އަޅައި، މިނިވަން މީޑިއާތަކަށް ބިރުދެއްކުމަށް ސަރުކާރުން ކުރާ މަސައްކަތްތައް އިތުރުވަމުންދާ ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފިއެވެ.
ފައްޔާޒް މި ތުހުމަތުތައް ކުރެއްވީ ”އަދަދު“ ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުޙައްމަދު ޝަހުޒާން އާއި ލީވާން އަލީ ނާޞިރު، ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބުނެ ހުކުމް ކުރުމާ ގުޅިގެން ސޯޝަލް މީޑިއާ ޕްލެޓްފޯމް ’އެކްސް‘ ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ފައްޔާޒް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިހާރު ޑިމޮކްރެޓިކް އުސޫލުތައް ދެމެހެއްޓުމަށް ނުވަތަ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހިމާޔަތްކުރުމަށް އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ. އަދި ނޫސްވެރިންނާ މެދު ފަހަކަށް އައިސް އަޅަމުންދާ ފިޔަވަޅުތަކުން އެނގެނީ، ސަރުކާރަށް ފާޑުކިޔާ ފަރާތްތަކާއި ސިޔާސީ އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލުމަށްޓަކައި ކޯޓުތަކާއި ގާނޫނީ މުއައްސަސާތައް ސަރުކާރުން ބޭނުންކުރަމުންދާ ކަން ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
މި މައްސަލައަކީ ”އައިޝާ“ ޑޮކިއުމެންޓްރީއާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރަކާ ޚިލާފުވި ކަމަށް ބުނެ ހިންގި މައްސަލައެކެވެ. ފައްޔާޒް ސިފަކުރެއްވި ގޮތުގައި އެ އަމުރަކީ އެއްވެސް ގާނޫނީ ހަމައެއް ނެތް، ގާނޫނުއަސާސީއާ ޚިލާފު އަމުރެކެވެ. އަދި އެއްވެސް ތަހުގީގެއް ނުވަތަ ޝަރީއަތެއް ހިންގުމުގެ ކުރިން، އެ ޑޮކިއުމެންޓްރީއާ ގުޅޭގޮތުން ވާހަކަދެއްކުން މަނާކުރުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ނޫސްވެރިންގެ މައްޗަށް ހިންގި ކޯޓުގެ ހުރުމަތް ކެނޑުމުގެ އިޖުރާއަތްތަކަކީ ގާނޫނީ ސައްހަކަމެއް ނެތް، ސިއްރުވެރި އަދި ސިޔާސީ މަގްސަދެއްގައި ހިންގާފައިވާ ކަންތައްތަކެއް ކަމަށް ފައްޔާޒް ތުހުމަތު ކުރެއްވިއެވެ. އޭނާ ވިދާޅުވީ މިއީ ހަމައެކަނި ބިރުދެއްކުމެއް ނޫން ކަމަށާއި، މިއީ ދައުލަތުގެ މުއައްސަސާތަކުގެ ބާރު ބޭނުންކޮށްގެން ނޫސްވެރިކަމަށް ދޭ ހަމަލާއެއް ކަމަށެވެ.
މީގެ އިތުރުން، މިފަދަ އަމަލުތަކުގެ ސަބަބުން ނޫސްވެރިންނާއި، އެކްޓިވިސްޓުން އަދި އާންމު ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދި، ސަރުކާރަށް ފާޑުކިޔުމަށް ފަސްޖެހޭނެ ފަދަ މާހައުލެއް އުފެދިދާނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ. ފައްޔާޒް ވިދާޅުވީ މިއީ ރާއްޖޭގެ ޑިމޮކްރެޓިކް މިނިވަންކަމަށް ލިބުނު ވަރަށް ބޮޑު ހީނަރުކަމެއް ކަމަށާއި، މިހާރުގެ ސިޔާސީ މަޝްރަހުން ފެންނަނީ ރާއްޖޭގެ ތާރީޚުގެ ކަނު އަނދިރި ދުވަސްތައް ކަމަށެވެ.
ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އަޅާފައިވާ މިފަދަ ޣައިރު ގާނޫނީ ހުރަސްތަކާ ދެކޮޅަށް ތެދުވުމަށް ފައްޔާޒް ވަނީ ރައްޔިތުންނަށް ގޮވާލައްވާފައެވެ.
ފައްޔާޒްގެ ޕޯސްޓް ނިންމާލައްވާފައިވަނީ ފަރަންސޭސި ފިލޯސަފަރު ވޮލްޓެއަރއާ މަންސޫބުކުރެވޭ މަޝްހޫރު ބަހަކުންނެވެ. އެއީ ”ތިޔަ ދައްކާ ވާހަކައަކާ އަހަރެން އެއްބަހެއް ނުވަމެވެ. ނަމަވެސް، އެ ވާހަކަ ދެއްކުމުގެ ހައްގު ދިފާއުކުރުމަށްޓަކައި މަރުވާން ވެސް އަހަރެން މިހުރީ ތައްޔާރަށެވެ.“ އުސޫލުންނެވެ.

