ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޫސްވެރިން ޖަލަށް ލީ ރައީސަށް އަމާޒުވާ ފާޑުކިޔުންތައް ހުއްޓުވައި މީޑިއާތަކުގެ އަޑު ކަނޑުވާލަން: އެމްޑީޕީ

ފޮޓޯ؛ އެޓޯލް ޓައިމްސް
ޝެއާރކޮށްލާ ކަހަލަދޯ؟

”އަދަދު“ ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުޙައްމަދު ޝަހުޒާން އާއި ލީވާން އަލީ ނާޞިރު ހައްޔަރުކޮށް، ޖަލަށްލުމަށް ހުކުމްކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އަމާޒުވާ ފާޑުކިޔުންތައް ހުއްޓުވައި މީޑިއާތަކުގެ އަޑު ކަނޑުވާލަން ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.

އެ ޕާޓީން ވަނީ އެ ދެ ނޫސްވެރިން މިހާރުން މިހާރަށް، އެއްވެސް ޝަރުތަކާ ނުލައި މިނިވަންކުރުމަށް ގޮވާލާފައެވެ.

އަންގާރަ ދުވަހު އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި ދެ ނޫސްވެރިން ޖަލަށްލުމަކީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމަށާއި މިނިވަން މުއައްސަސާތަކަށް ދިން ސީދާ ހަމަލާއެއް ކަމަށެވެ. މި މައްސަލައަކީ ”އަދަދު“ ނޫހުން އާންމުކުރި ”އައިޝާ“ ޑޮކިއުމެންޓްރީއާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރަކާ ހިލާފުވި ކަމަށް ބުނެ ހިންގި މައްސަލައެކެވެ. އެ ޑޮކިއުމެންޓްރީގައި ރައީސުލްޖުމްހޫރިއްޔާއާ ގުޅުންހުރި ބައެއް ތުހުމަތުތައް ހިމެނެއެވެ.

ޝަހުޒާން 15 ދުވަހަށް ޖަލަށްލުމަށް ހުކުމްކުރީ، ނޫސްވެރިންގެ ބައްދަލުވުމެއްގައި ”އައިޝާ“ ޑޮކިއުމެންޓްރީގައިވާ ތުހުމަތުތަކާ ގުޅޭގޮތުން ރައީސް މުޢިއްޒުއާ ސުވާލުކުރުމުންނެވެ. އަދި ލީވާން 10 ދުވަހަށް ޖަލަށްލުމަށް ހުކުމްކުރީ ކޯޓުން ނެރުނު އަމުރާ ގުޅޭގޮތުން ހަބަރެއް ލިޔުމުން ކަމަށް އެމްޑީޕީން ފާހަގަކުރެއެވެ. އެމްޑީޕީން ބުނި ގޮތުގައި މިއީ ޑިމޮކްރެޓިކް މުޖުތަމައެއްގައި ނޫސްވެރިން އަދާކުރަންޖެހޭ އާންމު މަސްއޫލިއްޔަތުތަކެކެވެ.

މީގެ އިތުރުން، މި މައްސަލަ ކުރިއަށް ގެންދިއުމުގައި އަދުލުވެރި ޝަރީއަތެއްގެ އުސޫލުތަކާ ހިލާފުވެފައިވާ ކަމަށް ބުނެ އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން، ދެ ނޫސްވެރިންނަށްވެސް ގާނޫނީ ވަކީލުންގެ އެހީތެރިކަން ހޯދުމުގެ ފުރުސަތު އެކަށީގެންވާ ގޮތެއްގައި ދީފައިނުވާ ކަމަށާއި، ދިފާއު ތައްޔާރުކުރުމަށް ފުރުސަތު ނުދީ އަވަސް އަރުވާލައިގެން ހުކުމް އިއްވާފައިވާ ކަމަށް އެ ޕާޓީން ތުހުމަތުކުރެއެވެ.

އެމްޑީޕީން އިތުރަށް ބުނީ، މިއީ ރައީސުލްޖުމްހޫރިއްޔާއަށް އަމާޒުވާ ފާޑުކިއުންތައް ހުއްޓުވުމަށާއި، ސަރުކާރުގެ އަމަލުތައް މޮނިޓަރ ކުރާ މީޑިއާތަކުގެ އަޑުކަނޑުވާލުމަށް ހިންގާ ބިރުދެއްކުމުގެ އަމަލެއް ކަމަށެވެ. ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު ބަލިކަށިވަމުންދާތީ، މިކަމުގައި ބައިނަލްއަގުވާމީ މުޖުތަމައުގެ ސަމާލުކަމަށްވެސް އެ ޕާޓީން ވަނީ ގޮވާލާފައެވެ.

އެމްޑީޕީން ވަނީ، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގުތައް ހިމާޔަތްކޮށް، ވަގުތުން ދެ ނޫސްވެރިން މިނިވަންކުރުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: