ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހިންގި ”ވެށިފަހި މާލެ“ ޕްރޮގްރާމްގެ ދަށުން މާލެ އިން ބޮން ދޫކޮށްލި މީހުނަށާއި ގުޅިފަލޫން ބިން ގަނެފައިވާ މީހުންގެ ތެރެއިން ބައެއް މީހުނަށް މިހާތަނަށް ވެސް ބޯހިޔާވަހިކަން ލިބިފައި ނުވާތީ އެ ކަން ހަމަޖައްސައިދިނުމަށް ޕްރޮގްރާމްގެ ދަށުން މިހާތަނަށް ބޯހިޔާވަހިކަން ހަމަޖެހިފައިނުވާ ފަރާތްތަކުން އެކަން އެންގުމަށް ހައުސިން މިނިސްޓްރީން އެދިއްޖެއެވެ.
ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ބިން ދޫކޮށްލަން ސަރުކާރާއެކު އެއްބަސްވެފައިވާ މީހުނަށް ހުޅުމާލެއިން ބިމެއް ނުވަތަ ފްލެޓެއް ލިބޭނެ ކަން ބަޔާންކޮށް އެމްޑީޕީގެ އޭރުގެ ސަރުކާރުން އެ މީހުންނަށް ލިޔުމެއް ދޫކޮށްފައިވިޔަސް، އެ ގޮތަށް ބިން ނުވަތަ ފްލެޓެއް ހައްގުވާ މީހުންގެ ތެރެއިން ގިނަ ބަޔަކަށް އަދިވެސް ބޯހިޔާވަހިކަމެއް ލިބިފައެއް ނުވެ އެވެ.
ގުޅިފަޅަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ބޭރުގެ ކުންފުންޏެއް ކަމަށްވާ ގްލޯބަލް ޑިވެލޮޕްމަންް ފަންޑް (ޖީޑީޕީ) އާ ހަވާލުކޮށްގެން ހިއްކި ރަށެކެވެ. އެ ފަޅު ހިއްކުމަށްފަހު، އެއީ މީހުން ދިރިއުޅޭ ރަށަކަށް ހަމަޖައްސަން އޭރުގެ ސަރުކާރުން ހަމަޖެއްސި އެވެ. އަދި ފްލެޓް އަޅަން ޖީޑީޕީން އެތައް ބައެއްގެ އަތުން ފައިސާ ވެސް ނެގި އެވެ. އެކަމަކު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ ޖީޑީޕީގެ އަތުން އެ ރަށް އަތުލައި، ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ގުޅިފަޅު އިންވެސްޓްމަންޓާ ހަވާލުކޮށްފަ އެވެ. އަދި ގުޅީފަޅަކީ އިންސާނުން ދިރިއުޅެން ހެޔޮވާވަރުގެ ތަނެއް ނޫން ކަމަށް އޭރުގެ ސަރުކާރުން ކަނޑައެޅި އެވެ.
ރައްޔިތުންގެ މަޖިލީހުން ވަނީ ވެށިފަހި މާލެ“ ޕްރޮގްރާމްގެ ދަށުން މާލެ އިން ބޮން ދޫކޮށްލި މީހުނަށާއި ގުޅިފަލޫން ބިން ގަނެފައިވާ މީހުންގެ ތެރެއިން ބައެއް މީހުނަށް މިހާތަނަށް ވެސް ބޯހިޔާވަހިކަން ލިބިފައި ނުވާތީ އެ ކަން ހަމަޖައްސައިދިނުމަށް ގޮވާލާ ގަރާރު 69 މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ.
ޕްރޮގްރާމާއި ގުޅޭގޮތުން ހައުސިން މިނިސްޓްރީން ގެޒެޓުކޮށްގައިވާ އިއުލާނުގައި ބުނެފައިވަނީ 2010 ވަނަ އަހަރު ފެށި ބޯހިޔާވަހިކަމުގެ މަޝްރޫއު “ ވެށި ފަހި މާލެ ޕްރޮގްރާމް“ ގެ ދަށުން މާލެއިން ދޫކޮށްލާ ބިމުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭކަން އަންގައި ލިޔުންދީފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ބޯހިޔާވަހިކަން ހަމަނުޖެހި ތިބި ހުރިހާ ފަރާތްތަކަށް ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އަދި މި މަސައްކަތް ކުރިޔަށް ގެންދިއުމަށް ފުރިހަމަ މައުލޫމާތު ބޭނުންވާތީ، ވެށިފަހިމާލެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް ބޯހިޔާވަހިކަން ހަމަނުޖެހި ތިބި ފަރާތްތަކުގެ ތެރެއިން އަންނަވި ފަރާތްތަކުން މިނިސްޓްރީއަށް އެކަން ބަޔާންކޮށްދިނުމަށް އެދޭކަމަށެވެ.
ވެށިފަހިމާލެ ޕްރޮގްރާމްގެ ދަށުން އަރަބިއްޔާ އާއި ގާކޮށިން ފްލެޓް ދޭނެ ކަމަށް ސަރުކާރުން ލިޔުން ދިނުމަށްފަހު ފްލެޓް ހަވާލުނުކުރެވިވާ ފަރާތްތައް މާލޭގެ ބިންކޮޅު ދޫކޮށްލުމުން ހުޅުމާލެއިން ބިން ދޭނެ ކަމަށް ބުނެ ސަރުކާރުން ލިޔުންދީ ބިން ހަވާލުނުކުރެވިވާ ފަރާތްތައް
އިސްވެ ދެންނެވި ގޮތުގެ މަތިން ހުށަހަޅާ ހުށަހެޅުމާއެކު ލިޔެކިޔުންތަކެއް ހުށަހަޅަންޖެހެއެވެ. އެއީ
• ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން މާލެއިން ދޫކޮށްލާ ބިމުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ނުވަތަ ގާކޮށި އަރަބިއްޔާ އިން ފްލެޓް ލިބޭނެކަން އެންގި ލިޔުން.
• ”ވެށިފަހި މާލެ ޕްރޮގްރާމް“ ގެ ދަށުން މާލެއިން ދޫކޮށްލާ ބިމުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭކަން އަންގާ ލިޔުން“.
• ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
• ބިން ދޫކޮށްލުމަށް އެއްބަސްވި ގޭގެ ރަޖިސްޓްރީގެ ކޮޕީ
މިނިސްޓްރީން ބުނެފައިވަނީ، ލިޔެކިޔުންތައް 24 ފެބުރުއަރީ 2020 ވަނަ ދުވަހުން ފެށިގެން 22 މާރިޗު 2020 ވަނަ ދުވަހުގެ ގެ 14:00 ގެ ކުރިން މިމިނިސްޓްރީއަށް ހުށަހެޅުމަށް އެދޭ ކަމަށެވެ.
ގުޅީފަޅުން ބިން ގަތް ބައެއް މީހުނަށް އެހެން މަޝްރޫއުތަކުގެ ތެރެއިން އިމާރާތްކޮށްފައިވާ ފްލެޓްތައް ދިން ނަމަވެސް އަދިވެސް އޭގެ ތެރެއިން ގިނަ މީހުން ދިރިއުޅެނީ މާލެ ސަރަހައްދުގައި ކުދިކުދި ކޮޓަރިތަކުގައި ވަރަށް ހާލުގަ އެވެ. އެއް ބަޔަކު އެފަދަ ތަންތަނުގައި އުޅެނީ ކުއްޔަށެވެ. އެ ހާލުގައި އެ ބަޔަކު އުޅޭތާ 10 އަހަރަށްވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.
ހުޅުމާލޭން އެންމެ އަވަހަށް ދެން ފްލެޓް ހަވާލު ކުރާއިރުގައި، ގުޅިފަޅުން ބިން ގަތް މީހުނަށް ފްލެޓް ދޫކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ ވިދާޅުވެފަ އެވެ. މިދިޔަ ސަރުކާރުން ހިންގި ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ ހައްގުވެރިންނަށް މި އަހަރު ފްލެޓްތައް ހަވާލު ކުރާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

