ޕީއެންސީއަށް މިވަގުތު އޮތް އެންމެ މޮޅު ގޮތަކީ، ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި ވެރިކަން ހަވާލުކުރުން ކަމަށް، ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
މެމްބަރު އައްބާސް މިހެން ވިދާޅުވީ، ސޯޝަލް މީޑިއާ ޕްލެޓްފޯމް ’އެކްސް‘ ގައި ކުރެއްވި ޕޯސްޓެއްގައެވެ.
އައްބާސް ވިދާޅުވީ ”މެޖޯރިޓީ ޕާޓީއަށް މިވަގުތު އެންމެ މޮޅު ގޮތަކީ އޭނާގެ މައްޗަށް ނޯ ކޮންފިޑެންސް ވޯޓެއް ނަގާ އޭނާ ޝަރީޢަތުގެ ކުރި މައްޗަށް ހާޒިރުކުރުން“
އަދި ދައުރުގެ ބާކީ އޮތްބައި ނައިބު ރައީސްއާއި ހަވާލުކުރުމަކީ ޕީއެންސީއަށް މިހާރަށް އޮތް އެންމެ ރަނގަޅު ގޮތް ކަމަށާއި، އެކަން އެގޮތަށް ނުކޮށްފިނަމަ ޕާޓީއަށް 2028 ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބު ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ވަކި ބޭފުޅެއްގެ ނަން ސީދާ ބަޔާން ނުކުރެއްވި ނަމަވެސް، އައްބާސްގެ ޕޯސްޓުގައި ވަނީ އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށްފަހު، ޤާނޫނާ ހިލާފަށް ކޮށްފައިވާ ކަންކަން ތަހުގީގުކޮށް ޝަރީޢަތް ހިންގުމުން، ޕީއެންސީއިން ޤާނޫނީ ވެރިކަން ދަމަހައްޓާކަން ރައްޔިތުންނަށް ފެންނާނެ ކަމަށް ވިދާޅުވެފައެވެ. މި ޕޯސްޓުގައި އައްބާސް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޓެގް ކުރައްވާފައެވެ.
މީގެ އިތުރުން، އައްބާސް ފާހަގަކުރެއްވި ގޮތުގައި ނިމިދިޔަ ކައުންސިލް އިންތިޚާބުން ޕާޓީ ބަލިވީ ރައްޔިތުން އޭނާއަށް އިތުބާރު ނުކުރާތީއެވެ. ”އޭނަ ދޮގު ހެދިލެއް ގިނަވުމުގެ ސަބަބުން ރިފަރެންޑަމު ވޯޓުން މެޖޯރިޓީ ޕާޓީ ބަލިވީ“ ކަމަށްވެސް އޭނާގެ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.
އައްބާސް އިތުރަށް ވިދާޅުވީ މިފަދައިން ކަންކުރުމަކީ ޕާޓީއަށް މެޖޯރިޓީ ލިބޭނެ ރަނުގެ ފުރުސަތަކަށް ވާނެ ކަމަށެވެ. މި ވާހަކަތަކާ ގުޅިގެން ސަރުކާރު ހިންގާ ޕާޓީގެ ފަރާތުން އަދި ރަސްމީ ބަހެއް ލިބިފައެއް ނުވެއެވެ.

