މީހުން ޓްރެފިކް ކުރުން ހުއްޓުވުމާ ބެހޭ ގޮތުން ނެޝަނަލް އެންޓި ހިއުމަން ޓްރެފިކިން ސްޓިއަރިން ކޮމިޓީން އެކުލަވާލި ނެޝަނަލް އެކްޝަން ޕްލޭން ސަރުކާރުގެ ކެބިނެޓުން ފާސްކޮށްފި އެވެ.
ސަރުކާރުގެ ކެބިނެޓުން ފާސްކުރި އެކްޝަން ޕްލޭނަކީ ޑިފެން މިނިސްޓްރީގެ ސްޓިއަރިން ކޮމިޓީން ރާއްޖެ އާއި ރާއްޖޭން ބޭރުގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށްގެން އެކުލަވާލާފައިވާ އެކްޝަން ޕްލޭނެކެވެ. މި ޕްލޭންގެ މައިގަނޑު މަގްސަދަކީ، ރާއްޖޭގައި މީހުން ޓްރެފިކް ކުރުން ހުއްޓުވުމަށް ކުރާ މަސައްކަތުގެ ދުވެލި އަވަސް ކުރުންގެ ގޮތުގައި ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.
އެކްޝަން ޕްލޭންގެ ދަށުން އެޅުމަށް ކަނޑައަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މީހުން ޓްރެފިކް ކުރުމުގެ މައްސަލަ ރާއްޖޭގައި އޮތް މިންވަރު ދެނެގަތުމުގެ ގޮތުން ބޭސްލައިން ސްޓަޑީއެއް ހަދާނައެވެ. އަދި މީހުން ޓްރެފިކް ކުރުން މަނާ ކުރާ ގޮތަށް އދ. ގެ ތިން ޕްރޮޓޮކޯލް މަނާކޮށްފައިވާ ގޮތަށް މީހުން ޓްރެފިކް ކުރުން ހުއްޓުވުމާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުން ހިމެނެއެވެ.
އެކްޝަން ޕްލޭންގައި ވާގޮތުން ޑިފެންސް މިނިސްޓްރީގެ ސްޓިއަރިން ކޮމިޓީގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ގާނޫނަށް ގެންނަންޖެހޭ އިތުރު އިސްލާހުތައް ގެނައުން ހިމެނެއެވެ. އަދި ކޮމިޓީ ހިންގުމުގެ ގޮތުން އެންޓި ޓިޕް އޮފީހެއް ގާއިމް ކުރުމަށް ވަނީ ހިމަނާފައެވެ. މީގެ ތެރޭގައި މީހުން ޓްރެފިކް ކުރުމުގެ މައްސަލައެއް އާއްމުންގެ ފަރާތަކަށް ދެނެގަނެވިއްޖެ ހާލަތެއްގައި އެކަން ރިޕޯޓު ކުރުމަށް ހާއްސަ ހޮޓްލައިނެއް ގާއިމް ކުރުމަށް ވަނީ ބުނެފައެވެ.
ޓްރެފިކިންގެ ހުރިހާ ބާވަތެއް ވެސް މޮނީޓާ ކުރުމަށް ކުރަމުންދާ މަސައްކަތްތައް ހަރުދަނާ ކުރުމަށް އެކްޝަން ޕްލޭންގައި ހިމަނާ، ތަހުގީގުތަކުގެ އަދަދު އިތުރު ކުުރުމާއި އެކު ދައުވާ އުފުލުގެ ކަންކަން ހަރުދަނާ ކުރުމަށް އެކްޝަން ޕްލޭންގައި ވަނީ ބުނެފައެވެ. އެހެން ކަމުން ގާނޫނު ތަންފީޒު ކުރާ އިދާރާތްތަކާއި އިޖުތިމާއީ ހިދުމަތްތައް ދޭ ފަރާތްތަކުގެ މަސައްކަތްތައް ވަރުގަދަ ކުރުމަށް ބައްދަލުވުންތަކާއި، ކުރިއެރުން ގެނައުމަށް ވޯކްޝޮޕް ބައްދަލުވުންތައް ކުރިޔަށް ގެންދިއުމަށް އެކްޝަން ޕްލޭންގައި ވަނީ ހިމަނާފައެވެ.
ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން އުޅޭއިރު އޭގެ ތެރޭގައި ސައްހަ ލިޔެކިއުންތައް ނެތް 63،000 އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ. އެގޮތުން ވޯކް ވިސާގައި 1،40750 އެތެރެވެފައިވާ ކަމަށް ބައެއް ރިކޯޑުތަކުން ދައްކައެވެ.
ހިއުމަން ޓްރެފިކިންގެ މައްސަލައެއްގައި ފުރަތަމަ ފަހަރަށް ރާއްޖޭގައި ބަޔަކަށް ކުށް ސާބިތުވެ، އެ މީހުން 10 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2016 ވަނަ އަހަރުއެވެ. މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގާނޫނު ބުނާގޮތުން މަޖުބޫރުކޮށްގެން މީހުން އެއްތަނުން އަނެއް ތަނަށް ގެންދިއުމާއި އެ މީހުން ލައްވައި، މަޖުބޫރުން މަސައްކަތް ކުރުވުމަކީ ހިއުމަން ޓްރެފިކިންގެ އަމަލުތައް ކަމުގައި ބެލެވޭނެ އެވެ. ހިއުމަން ޓްރެފިކިންގެ މައްސަލަ އޮތް މިންވަރު ބެލުމަށް ފަހު އެމެރިކާގެ ސަރުކާރުން ކޮންމެ އަހަރަކު ނެރޭ ޓްރެފިކިން އިން ޕާސަންސް ރިޕޯޓުގެ އެންމެ ފަހުގެ އަދަދުގައި ރާއްޖެ ވަނީ އަނެއްކާ ވެސް ވޮޗްލިސްޓަށް އަރާފައެވެ. އޭގެ ތެރޭގައި އެންމެ ބޮޑު މައްސަލައަކަށް ނަގާފައިވަނީ ހިއުމަން ޓެރެފިކިންގެ މައްސަލަތަކުގައި ދައުވާކޮށް، އެ ކަމުގައި ހިމެނޭ ފަރާތްތަކަށް އެއްވެސް ވަރަކަށް އަދަބު ނުދެވުމެވެ.

