ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފައިނޭންސިންގ ފޯރުކޮށްދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އެސްއެމްއީ ޑިޖިޓަލްގެ އާ ބްރޭންޑް ކެމްޕެއިން ”އެސްއެމްއީ 360“ މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
މި ކެމްޕެއިން އިފްތިތާހުކޮށްފައިވަނީ އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ ”އައްޑޫ ބިޒްނަސް ޑައިލޮގް ފޯރަމް“ ގެ ތެރެއިންނެވެ. މި ކެމްޕެއިން ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު އެވެ.
”އެސްއެމްއީ 360“ ކެމްޕެއިނަކީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވައި، އިތުރު ހަރުފަތަކަށް ގެންދިއުމުގެ މަގްސަދުގައި އެސްއެމްއީ ޑިޖިޓަލް އިން ފޯރުކޮށްދޭ މާލީ ހައްލުތަކާއި އެ ތަނުން އަދާކުރާ ދައުރަށް އާންމުން ހޭލުންތެރިކުރުވުމަށް އެކުލަވާލާފައިވާ ކެމްޕެއިނެކެވެ. މި ކެމްޕެއިންގެ ސަބަބުން އެސްއެމްއީ ޑިޖިޓަލް އާއި ކުދި ވިޔަފާރިތަކާ ދެމެދު އޮންނަ ގުޅުން ހަރުދަނާވެ، ރާއްޖޭގެ އިގްތިސާދުގައި ކުދި ވިޔަފާރިތަކުގެ ދައުރު ފުޅާކޮށް ބާރުވެރިކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.
މި ކެމްޕެއިންގެ ދަށުން އާންމުން ޝައުގުވެރިވާ ފަދަ ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރޭވިފައެވެ. އެގޮތުން ރާއްޖޭގެ އެކި އަތޮޅުތަކުގައި ހަރަކާތްތެރިވާ ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން، އެ ސަރަހައްދުތަކަށް ދަތުރުކޮށް ހާއްސަ މަސައްކަތު ބައްދަލުވުންތައް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ވޯކްޝޮޕްތަކުގެ ޒަރީއާއިން ވިޔަފާރިވެރިންނަށް ބޭނުންވާ މުހިންމު މައުލޫމާތުތައް ފޯރުކޮށްދީ، ވިޔަފާރީގެ ދާއިރާއަށް އަހުލުވެރިކުރުވުމުގެ މަސައްކަތްތައް ކުރިއަށްދާނެއެވެ. މީގެ އިތުރުން، ކުދި ވިޔަފާރިތަކުގެ ކާމިޔާބީގެ ތަޖުރިބާތައް ހިއްސާކުރުމަށް ހާއްސަ ޕޮޑްކާސްޓް ސިލްސިލާއެއް ވެސް މި ކެމްޕެއިންގެ ތެރެއިން ކުރިއަށް ގެންދާނެއެވެ.
ކެމްޕެއިން ތައާރަފްކުރުމާ ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، ”އެސްއެމްއީ 360“ އަކީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެއް ފުރާޅެއްގެ ދަށުން ހުރިހާ ހިދުމަތެއް ދެވޭނެ ބްރޭންޑެއް ބިނާކުރުމުގެ ތަސައްވުރުގެ ރަމްޒެއް ކަމަށެވެ. އަދި އައްޑޫ ސިޓީގައި މި ކެމްޕެއިން ފެށިގެން ދިއުމަކީ ލިބުނު ފަހުރެއްކަން ފާހަގަކުރައްވައި ބަދުރުއްދީން ވިދާޅުވީ، މިހާތަނަށް އައްޑޫ ސިޓީގެ 134 ކުދި ވިޔަފާރިއަކަށް 144 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ފައިނޭންސިންގ އެސްއެމްއީ ޑިޖިޓަލް އިން ފޯރުކޮށްދީފައިވާ ކަމަށެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން އައްޑޫ ސިޓީގައި ބާއްވާ މި ފޯރަމްގައި އެސްއެމްއީ ޑިޖިޓަލް އިން ދަނީ ބައިވެރިވެ، ކުދި ވިޔަފާރިތަކުގެ ކުރިއެރުމާ ގުޅޭ މުހިންމު މަޝްވަރާތަކުގައި ބައިވެރިވަމުންނެވެ.

