މަނީ ލޯންޑްރިންގެ ކުށުގައި މާފުށީ ޖަލުގައި ފަސް އަހަރުގެ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހިތުގެ އާލާސްކަންފުޅެއްގައި އައިޖީއެމްއެޗުގައި އެޑްމިޓްކޮށްގެން ޓެސްޓު ހަދައި، ޑޮކްޓަރުން ދީފައިވާ ލަފާ އާއިލާއާ ހިއްސާކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި ފަސް އަހަރު ދުވަހު ޖަލަށް ލާން ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެމަނިކުފާނުގެ މައްޗަށް އިއްވި ހުކުމުގައި ހަ މަސް ދުވަހުގެތެރޭގައި އެއް މިލިއަން ޑޮލަރުގެ ފަސް ގުނަ ކަމަށްވާ، ފަސް މިލިއަން ޑޮލަރު ދެއްކުމަށެވެ.
އެ ހުކުމަކީ، އެއްވެސް އަސާސެއް ނެތް ހުކުމެއް ކަމަށް ބުނެ، ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ހައިކޯޓުގައި އެ މަައްސަލަ އިސްތިއުނާފުކޮށް އެމަނިކުފާނު ކަފާލާތުގެ ދަށުން މިނިވަންކޮށްދިނުމަށް ވެސް ވަނީ އެދިފައެވެ. އެކަމާއި ގުޅިގެން ހައިކޯޓުން ހުކުމްކޮށްފައިވަނީ ކަފާލާތް ދެވެން ނެތް ކަމަށާއި، ހުކުމް ތަންފީޒު ކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.
ތިން ދުވަސް ވަންދެން އައިޖީއެމްއެޗުގެ ކާޑިކް ސެންޓަރުގައި ފަރުވާދިނުމަށް ފަހު ޔާމީން އަލުން ޖަލަށް ގެންދިޔައީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ރައީސް ޔާމީންގެ ސިއްހީ ހާލު ގޯސްވެފައިވާކަމަށް ބުނާއިރު އެމަނިކުފާނާއި، އިމްރާން ވަނީ މާފުށީ ޖަލުގައި ބައްދަލު ކުރައްވާފައެވެ.
އެ ބައްދަލުވުމާއި ގުޅޭގޮތުން އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޔާމީންގެ ކަންބޮޑުވުންތައް އަޑުއެއްސެވި ކަމަށެވެ. އެމަނިކުފާނުގެ ސިއްހީ ހާލުކޮޅާ ގުޅޭ ގޮތުން ޑޮކްޓަރުން ދީފައިވާ ލަފަޔާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި ކަމަށް ވިދާޅުވި އެވެ. އަދި ޑޮކްޓަރުންގެ ލަފާ މިހާރު އާއިލާއާއި ހިއްސާ ކުރެވިފައިވާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.
https://twitter.com/ShimranAb/status/1232258099949555715
އިމާރާން އޭގެ އިތުރު ތަފްސީލެއް ދެއްވާފައިނުވާއިރު، ރައީސް ޔާމީން އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމުގެ ލަފާ ޑޮކްޓަރުން ދެއްވާފައިވާކަމުގެ މައުލޫމާތު ”ސަންގު“ އަށް ވަނީ ލިބިފައެވެ.
ސިއްހީ ހާލަތާއި ގުޅޭގޮތުން ހައިކޯޓުގައި ރައީސް ޔާމީން ވިދާޅުވީ ޝަރީއަތް ނިމެންދެން، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ބަންދުގައި ބެހެއްޓުމަށްފަހު، މަސް ދުވަސް ފަހުން ބަންދުން ދޫކޮށްލުމުން އައިޖީއެމްއެޗްގެ ހިތުގެ ސެންޓަރަށް ދެއްކެވި ކަމަށާއި އެ ތަނުގެ އެންމެ އިސް ޑޮކްޓަރުން ލަފާ ދެއްވަނީ ރާއްޖެއިން ބޭރުގައި ފަރުވާ ހޯދުމަށް ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ ހިތުގެ އެ ބައްޔަށް ދޭނެ ފަރުވާއެއް ރާއްޖޭގައި ނެތް ކަމަށާއި އެ ޓެސްޓްތައް ވެސް ހެދެން ނެތް ކަމަށެވެ.
އޭރު ބަންދުގައި ބެހެއްޓުމަށްފަހު، ގެއަށް ބަދަލު ކުރީވެސް ސިއްހީ ކަންތަކާއި ގުޅިގެން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެގޮތުން، ސްޓްރެސް ފްރީ މާހައުލެއް ގާއިމްކޮށްދިނުމަށް ޑޮކްޓަރުން ލަފާ ދެއްވި ކަމަށެވެ. ސަރުކާރުން ގޭ ބަންދަށް ބަދަލު ކުރީވެސް މައިބަދައިގެ މައްސަލަތަކާއި ގުޅިގެން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
މައިބަދައިގެ ކަށިގަނޑެއް ގުޑާފައިވާކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ، ޑޮކްޓަރުން އިއްތިފާގު ވަނީ އޮޕަރޭޝަންއެއް ކުރުމަށް ކަމަށެވެ. އަދި އެ އޮޕަރޭޝަން ރާއްޖެއިން ބޭރުން ކުރެވެން ހުރިއިރު ހުރިހާ ޓެސްޓުތަކެއްގެ ނަތީޖާ މިހާރުވެސް ފެންނަން ހުންނާނެ ކަމަށް ވިދާޅުވިއެވެ. ސިއްހީ ހާލަތާއި ގުޅޭގޮތުން ރައީސް ޔާމީން ކަންބޮޑުވުން ފާޅުކުރެއްވުމުން ފަނޑިޔާރުންގެ ބެންޗުން ވަނީ، މިހާރުވެސް ޑޮކްޓަރަށް ދައްކަވަމުން ގެންދަވާތޯ ސުވާލު ކުރައްވާފައެވެ. އެހެން ނަމަވެސް ރައީސް ޔާމީން ވިދާޅުވީ އެ ފުރުސަތެއް ނުލިބޭ ކަމަށެވެ.
ރައީސް ޔާމީން ވަނީ، ޑޮކްޓަރުންގެ އިރުޝާދުތަކެއްވެސް އެންމެ އެދެވޭގޮތެއްގައި ފުރިހަމަ ނުވާކަމަށް ވިދާޅުވެފައެވެ. އަދި އީސީޖީ ރިޕޯޓުތަކުންވެސް ސީރިއަސް މައްސަލަތަކެއް ހުރިކަން ފާހަގަކުރެވުނު ކަމަށެވެ. އެހެންކަމުން، ބޭސް ފަރުވާ ކުރެއްވުމަށް ހުކުމް ތަންފީޒު ކުރެއްވުން ފަސްކޮށް ދެއްވައި ކަފާލާތުގެ ދަށުން ދޫކޮށްދެއްވުމަށް ރައީސް ޔާމީން އެދިވަޑައިގެންނެވި އެވެ.
ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންވާ އަބްދުﷲ ޝިޔާޒް ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ހިމެނޭހެން ކަމާއި ބެހޭ އިދާރާތަކަށް ރައީސް ޔާމީންގެ ސިއްހީ ރިޕޯޓު ހުށަހެޅިކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް، ދައުލަތުގެ ވަކީލު އައިޝަތު މުހައްމަދު ވިދާޅުވީ އެކަހަލަ އެއްވެސް ލިޔެކިއުމެއް ޕީޖީއަށް ލިބިފައި ނުވާކަމަށެވެ.

