ލާމަރުކަޒީ އުސޫލުން ކަންކަން ކުރުމުގެ ވާހަކަތައް ދެއްކުމަށްފަހު ސަރުކާރުން ހަގީގަތުގައި މަސައްކަތް ކުރަމުންދަނީ މި ހުރިހާ ބާރުތަކެއް އެއްކުރުމަށްކަމަށް ބުނެ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލުތަކަށް އިދިކޮޅުން ވެސް ފާޑު ކިޔައިފިއެވެ.
އިދިކޮޅު މެމްބަރުން ސަރުކާރަށް ހޫނު ބަހުގެ ހަމަލާތަކެއް ރައްދުކުރިއިރު، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލުތައް ފޮނުވުމުގައި އެމްޑީޕީގެ ސިޔާސަތަށާއި ރައްޔިތުންގެ ބޭނުންތަކަށް ރިއާޔަތް ނުކުރާ ކަމަށް ބުނެ އެމްޑީޕީ މެމްބަރުންވެސް ވަނީ މަޖިލީސް ތަޅުމުގައި ވާހަކަ ދައްކާފައެވެ. މިއަދު މަޖިލީހުގައި އެއްބަޔަކު އަނެއް ބަޔަކަށް ފާޑުކިޔުން އަމާޒުވެގެން ދިޔައީ، ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ޔުޓިލިޓީ އޮތޯރިޓީ ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާގައެވެ.
ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފު ހުށަހަޅުއްވާފައިވާ ބިލުގައި ބުނެފައިވަނީ ރާއްޖޭގައި ދެމުންގެންދާ އަސާސީ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތައް ރެގިއުލޭޓު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާނީ އެ އޮތޯރިޓީން ކަމަށެވެ. އަދި އެ ހިދުމަތް ދޭ ފަރާތްތަކަށް ލައިސެންސް ދޫކުރުމާއި ލައިސެންސް ބާތިލު ކުރުމާއި ހިދުމަތުގެ އަގުތައް ކޮންޓްރޯލް ކުރުމުގެ ބާރުވެސް އޮތޯރިޓީއަށް ދީފައިވެއެވެ.
މި ބިލަކީ ލާމަރުކަޒީ އުސޫލުތަކާއި ހިލާފު ބިލެއް ކަމަށް އެމްޑީޕީގެ މެމްބަރުން ވިދާޅުވާން ފެށުމުން، އިދިކޮޅުން ވެސް ވަނީ ސަރުކާރުން ލާމަރުކަޒުގެ ނަމުގައި މަސައްކަތް ކުރަނީ އެއާއި އިދިކޮޅަށް ކަމަށް ބުނެފައެވެ. އިދިކޮޅުން ބުނެފައިވަނީ މިއީ ބާރުތައް މަރުކަޒު ކުރުން ކަމަށެވެ.
ބިލަށް ބަހުސް ކުރައްވައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ އެމްޑީޕީގެ ބައެއް މެމްބަރުންގެ ވާހަކަތައް އަޑުއެހުމުން ރާއްޖޭގައި ކަންކަން ރެގިއުލޭޓު ކުރުމަށް އެއް އޮތޯރިޓީއަކަށް ހެދުމުގެ ވިސްނުން އެބައޮތްކަން ސާފުވާ ކަމަށެވެ. ރާއްޖޭގައި ޓެލެކޮމް އޮތޯރިޓީތަކާއި، އެނާޖީ ކުންފުނިތަކާއި އޮތޯރިޓީތައް، އަދި އެތައް ހިދުމަތްތަކެއް ފޯރުކޮށްދޭ އޮތޯރިޓީތައް އޮތްއިރު މިއީ ރައްޔިތުންގެ މަސްލަހަތު އޮންނަ ކަމެއްގެ ގޮތުގައި އާދަމް ޝަރީފް ފާހަގަކުރެއްވިއެވެ. އަދި މިފަދަ އަމަލެއް ހިންގަން މަސައްކަތް ކުރުމުގެ މަގްސަދަކީ ވެސް އެއީކަމަށް އޭނާ ވިދާޅުވިއެވެ.

ރެގިއުލޭޓަރީ އޮތޯރިޓީތައް އޮތުމަކީ ސަރުކާރަށް އޮންނާނެ ގޮންޖެހުމެއްގެ ގޮތުގައި އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި އޭގެ ސަބަބުން ހިދުމަތްތައް ލަސްވާނެ ކަމަށާއި، މާލެއަށް ބޮޑު ކާރިސާއެއް ދިމާވެއްޖެ ހާލަތެއްގައި ކުރިމަތިލާންޖެހެނީ ގެއްލުންތަކާއި ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. މިސާލެއްގެ ގޮތުގައި 2014 ވަނަ އަހަރު، މާލެއަށް ދިމާވީ ވޯޓާ ކްރައިސިސް ނަންގަވާ އާދަމް ޝަރީފް ވިދާޅުވީ އެފަދަ ހާދިސާއެއް ރެގިއުލޭޓަރީއެއްގެ ދަށުން ހިނގައިފިނަމަ ކުރެވޭނެ މާ ބޮޑު މަސައްކަތެއް އޮންނާނެ ކަމަށް ނުދެކޭ ކަމަށެވެ.
”އަޅުގަނޑުމެންނަށް ފެންނަނީ ލާމަރުކަޒީ އުސޫލުން ކަންކަން ކުރަން ވާހަކަ ދައްކާއިރުގައި އަނެއްކޮޅުން މި ހުރިހާ ބާރުތަކެއް އެއްކުރުމަށް މަސައްކަތް ކުރާ ތަން. މިހެން މިކަން ކުރެވޭ ކަމަށް ވަންޏާ އަޅުގަނޑުމެން މި ބޭނުންވާ ގޮތަށް ރާއްޖޭގެ ކަންކަން ބައްޓަން ކުރެވޭނެ. ބަހާއި އަމަލާ ދިމާނުވެ، މި ކަންކަން ހާސިލުވާ ތަނެއް ނުފެންނާނެ،“ އާދަމް ޝަރީފު
ސަރުކާރުން ކުރާ މަސައްކަތްތައް ދެކޮޅު ނުޖެހޭ ކަމަށް ވިދާޅުވެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ މި ބިލަކީ ރައްޔިތުންނާއި ފިއްތުންތަކާއި، ވިޔަފާރިތަކަށް ހުރަސްއެޅުމަށް ހުށަހަޅައިގެން އުޅޭ ބިލެއް ކަމަށެވެ. ދުނިޔޭގެ މިވަގުތުގެ ހާލަތު ބަލާއިރު، ގައުމުތަކުގެ އިގްތިސޯދުތަކަށް ލޮޅުންތަކެއް އާންނާނެކަން އެނގިތިބެ އެކަމަށް ފިޔަވަޅު އަޅާފައިވާއިރު، ރާއްޖޭގެ ފިޔަވާރިއާއި އިގްތިސޯދަށް ވަރަށް ބޮޑެތި އަސަރުތަކެއް ކޮރޯނާ ވައިރަސްގެ ސަބަބުން ކުރާނެ ކަމަށް ސައީދު ވިދާޅުވިއެވެ.
އެހެން ކަމުން މިއީ، ވިޔަފާރިތައް ފުޅާ ކުރެވޭނެ ގޮތްތައް ހޯދޭނެ ގޮތްތައް ބެލުމުގެ ވަގުތުގެ ގޮތުގައި ސައީދު ފާހަަގަ ކުރެއްވިއެވެ. އަދި ވިޔަފާރިތަކަށް ގެއްލުން ދިނުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި، ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އޭނާ ސަރުކާރަށް ގޮވާލިއެވެ.
”ރެގިއުލޭޓަރީ ބިލްތައް ގެނެސް، ކަންކަން އިތުރަށް ރެގިއުލޭޓް ކޮށް ވިޔަފާރިތަކަށް ހުރަސް އަޅަން ބިލުތަކެއް، އެހެން ހެދީމަތޯ ދިވެހިރާއްޖޭގެ އިގްތިސާދަށް ހައްލެއް ލިބެނީ. މިއީ ވަޒީފާ އުފައްދަން ޖެހޭ ވަގުތު. މިއީ ވިޔަފާރިތަކަށް އެހީވެ ހިތްވަރުދީ ސަޕޯޓް ކުރަންވީ ގޮތް. މި ވަގުތު ރެގިއުލޭޓް ކުރުން މަޑުޖައްސާލަން ޖެހޭ. ކަންކަން ފަސޭހަ ކޮށްދޭން ޖެހޭ.“ ސައީދު

މަޖިލީހުގައި އެމްޑީޕީގެ މެމްބަރުންގެ މެދުގައި ހިނގައިދިޔައީ ބޮޑު ކޯޅުމެކެވެ. އެގޮތުން އެއްބޭފުޅަކު އަނެއް ބޭފުޅެއްގެ ވާހަކަތަކަށް ނިޒާމީ މައްސަލަތައް ނަންގަވަމުން ގެންދެވިއެވެ. ބަހުސް އެންމެ ބޮޑަށް ހޫނުވީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އާއި، ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ އަދި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް ދެމެދުއެވެ. އަބްދުލްޣަފޫރާއި ޝަހީމް ވެސް ރައްދު ދެއްވަމުން ގެންދެވީ އިބްރާހިމް ރަޝީދުއަށެވެ.
”މި ބިލުގައި މިވަނީ ރެޑް ޓޭޕް. އަނެއްކާވެސް ބާރުތައް މާލެއަށް ޖަމާކުރުން. ޔުޓިލިޓީޒް އޮތޯރިޓީއެއް ހަދާފައި، ބޯޑަށް މިނިސްޓަރުންނާ އަދި ވުޒާރާތަކުގެ ބަޔަކު ލާފައި އޭގެ ތެރެއިން އަނެއްކާވެސް ދިވެހި ރާއްޖޭގެ ފެނާ ނަރުދަމާ ކޮންޓްރޯލްކޮށްލުން،“ ބޮންޑޭ

”މި ބިލުގައި މިވަނީ ރެޑް ޓޭޕް. އަނެއްކާވެސް ބާރުތައް މާލެއަށް ޖަމާކުރުން. ޔުޓިލިޓީޒް އޮތޯރިޓީއެއް ހަދާފައި، ބޯޑަށް މިނިސްޓަރުންނާ އަދި ވުޒާރާތަކުގެ ބަޔަކު ލާފައި އޭގެ ތެރެއިން އަނެއްކާވެސް ދިވެހި ރާއްޖޭގެ ފެނާ ނަރުދަމާ ކޮންޓްރޯލްކޮށްލުން،“ ބޮންޑޭ
ބޮންޑޭގެ ވާހަަކަ ކުރިޔަށް ގެންދަވަނިކޮށް ނިޒާމީ މައްސަލައެއް ނަންގަވާ އަބްދުލްޣަފޫރު އިބްރާހިމް ރަޝީދު ވާހަކަދައްކަވަނީ ބިލުގައި ވާ އެއްޗެއް ބައްލަވާލުމެއް ނެތި، ބިލުގައި އޮތް އެއްޗަކާ މުޅިން ހިލާފަށް ކަމަށެވެ.
އެއަށްފަހު ޝަހީމް ނިޒާމީ ނުކުތާއެއް ނަންގަވާ ވިދާޅުވީ ބޮންޑެ ވާހަކަ ދައްކަވަމުން ގެންދަވަނީ ބިލުގެ ހުރިހާ މަހުފޫމެއް އޮޅޭ ގޮތަށް ކަމަށެވެ.
ބޮންޑޭއަށްފަހު އެމްޑީޕީގެ އެހެން މެމްބަރުންވެސް، އޭނާއަށް ތާއީދުކޮށް ވާހަކަ ދެއްކެވިއެވެ. އޭގެ ތެރޭގައި ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީ ހިމެނެއެވެ. އެގޮތުން މުޣުނީ ވިދާޅުވީ ވިދާޅުވީ ސަރަހައްދީ ބާރުވެރިކަން ސަރަހައްދުތަކަށް ދިނުމަކީ ބިލުގެ މަގުސަދު ކަމަށް ވާން ޖެހޭނެ ކަމަށާއި އެހެން ނަމަވެސް އެކަމަކު ބިލުން ފެންނަނީ ބާރުތައް މާލެ އަށް ޖަމާކުރަން އުޅޭކަން ކަމަށެވެ.

ޝަހީމް ވިދާޅުވީ ބިލް ސިފަ ކުރެވެނީ ރަށްރަށުގެ ކަންކަން ރެގިއުލޭޓްކުރުމުގެ ބާރު މާލޭގައި ހުންނަ މީހަކަށް ދޭން އުޅޭފަދަ ގޮތަކަށް ކަމަށެވެ. ޝަހީމް ވަނީ ކުންފުނިތަކަށް އައްޔަންކޮށްފައި ތިބޭ އެމްޑީންނާއި ޑެޕިއުޓީންގެ އަމަލުތަކާއި ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ލިބޭ ކަމަށެވެ.
”އަޅުގަނޑުމެންގެ ކައުންސިލްތައް ބާރުވެރިކުރާ ވާހަކަ. އެހެން ނަމަވެސް މާލޭގައި ހުންނަ މީހަކަށް އަޅުގަަނޑުމެން ބާރުތައް ދެނީ. މިނިސްޓަރަށް އަނެއްކާ ވެސް ހުރިހާ ބާރެއް ދެނީ،“ ޝަހީމް
ޝަމީމް ވަނީ މަޖިލީހުގައި އިތުރު ބައެއް މެމްބަރުން ދެއްކެވި ވާހަކަތަކަށް ވެސް ފާޑުވިދާޅުވެފައެވެ. އެގޮތުން ޔުޓިލިޓީ ރެގިއުލޭޓަރީ ބޮޑީއެއް އުފެއްދުމަށް ވުރެ، އެކަންކަން ލާމަރުކަޒީ ގާނޫނުގެ ތެރެއަށް ވެއްދުން މާރަނގަޅު ކަމަށް މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ވިދާޅުވުމުން އަނދުން ހުސައިން ނިޒާމީ މައްސަަލައެއް ނަންގަވާ ވިދާޅުވީ ރިޒާ ވެސް ވާހަކަ ދެއްކެވީ ބިލްގައި އޮތް އެއްޗެއް ނުބަލައްވައި ކަމަށެވެ.
އެއަށްފަހު ރިޒާ އަނދުން ހުސެއިންއަށް ރައްދު ދެއްވާ ވިދާޅުވީ، އޭނާ ދައްކާނެ ވާހަކައެއް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރަކަށް ނޭނގޭނެ ކަމަށެވެ. އޭނާއަކީ، މިލަންދޫ ދާއިރާގެ މެމްބަރު ކަމަށާއި ތަޅުމާއި ހަމައަށް ގެންނާނީ ރައްޔިތުންގެ އަޑުކަމަށް އެނާ ވިދާޅުވިއެވެ.
މިއަދުގެ ބަސްހުގެ ތެރެއިން، ސަރުކާރުގެ ބިލަށް އެމްޑީޕީން ފާޑުކީއިރު ބަހުގައި ބައިވެރިނުވެ ބައެއް މެމްބަރުން ގެންދެވީ އަނެއް މެމްބަރުންނަށް ހިއްވަރު ދެމުންނެވެ. އެގޮތުން ރިޒާގެ ވާހަކަ ކުރިޔަށް ގެންދެވިއިރު ”ގޯސްކުރަން އުޅެންޏާ ގޯސް ކުރަން ހިނގާށޭ“ ބުނެ މެމްބަރަކު ހިއްވަރު ދޭ އަޑުވެސް އިވެއެވެ.
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ބިލުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އާންމު ބޭނުންތަކުގެ ހިދުމަތްތަކަކީ ރާއްޖޭގައި ދިރިއުޅޭ އެންމެނަށް އެކަށީގެންވާ ހެޔޮ އަގެއްގައި، ހަރުދަނާ، އިތުބާރުހުރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދޭ ހިދުމަތްތަކަކަށް ހެދުމުގެ އިތުރުން، އެ ހިދުމަތްތަކަކީ ރައްޔިތުންގެ ބޭނުންތައް ފުއްދައިދެވޭ އަދި ކާމިޔާބުކަމާއެކު ރަނގަޅު ފެންވަރުގައި ދެވޭ ހިދުމަތަކަށް ހެދުމެވެ.

