ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރޯނާ ވައިރަސްއާ ގުޅޭ ގޮތުން ސަރުކާރުގެ ފަރާތުން ބަސްބުނާނެ އިތުބާރު ހުރި މަސްދަރެއް ނެތް: އިދިކޮޅު ޕީޖީ ލީޑަރު

ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ސަލީމް: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ނޮވެލް ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް 19 އާއި ގުޅޭ ގޮތުން ސަރުކާރުގެ ފަރާތުން ބަސް ބުނާނެ އިތުބާރު ކުރެވޭ މަސްދަރެއް ނެތް ކަމަށް ސަރުކާރާއި އިދިކޮޅު ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރ އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުއްވައި ދެއްވައި ރައީސް ސާލިހު ދެއްވި ރިޔާސީ ބަޔާނަށް ޖަވާބްދާރީ ވެވަޑައިގަންނަވަމުން ސަލީމް ވިދާޅުވީ މުޅި ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެތުރެން ފެށި ވަގުތު އަޅަން ޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅާފައި ނެތް ކަމަށާއި އޭގެ ސަބަބުން ރާއްޖެއަށް ޒިޔާރަތް ކުރަން ނިންމާފައި ތިބި އެތައް ހާސް ފަތުރުވެރިން އެ މީހުން ދަތުރު ކެންސަލް ކުރިކަން ސަލީމް ވަނީ ފާހަގަ ކުރައްވާފައެވެ. 

ހަމައެހެންމެ ކޮރޯނާ ވައިރަސްއާއި ގުޅޭ ގޮތުން ސަރުކާރުގެ ފަރާތުން ބުނަން ޖެހޭ ވާހަތައް ބުނުމަށް ނުވަތަ ހާމަ ކުރަން ޖެހޭ ކަންކަން ހާމަ ކުރުމަށް އިތުބާރު ކުރެވޭ މަސްދަރެއް ނެތްއިރު އެކަމުގެ ސަބަބުން ކެބިނެޓް މިނިސްޓަރުންގެ މެދުގައި ކޯޅުން ހިނގި ކަމަށް ސަލީމް ވަނީ ވިދާޅުވެފައެވެ. އަދި އެއީ ހިތާމަ ކުރައްވާ ކަމެއް ކަމަށް ސަލީމް ވިދާޅުވިއެވެ. 

މީގެއިގުރުން ސަލީމް ވަނީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތަށާއި އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ހައްދުފަހަނައަޅާ ދިއުމާއި އިސްލާމްދީނާއި ހލާފް ހަރަކާތްތައް ހިންގުމާއި ޓެރެރިޒަމްގެ މައްސަލަތައް ހައްލު ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ވެސް ސަލީމް ވަނީ ފާޑުވިދާޅުވެފައެވެ. 

އެގޮތުން ހައްދުފަހަނަ އަޅާފައިވާ ފަރާތްތަކުގެ މައްސަލާގައި ސަރުކާރުން ބަދަލު ހިފުމުގެ ރޫހެއް ގެންގުޅޭތީ އެކަމުގެ ނުރައްކާ ބޮޑުވެފައިވާ ކަމަށާއި އެ މައްސަލަ ހައްލު ކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތު ބަދަލު ކުރަން ޖެހޭ ކަމަށް ސަލީމް ވިދާޅުވިއެވެ. 

ސަލީމް ވިދާޅުވީ ހައްދުފަހަނަ އަޅާފައިވާ ހަރުކަށި ފިކުރާއި ލާދީނީ ފިކުރާއި އަދި ދީން ގަބޫލު ނުކުރާ ފިކުރަކީ ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާ ވާނެ މައްސަލަތަކެއް ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެކަންކަމަށް އަމާޒުކޮށް ރާއްޖެ އާއި ބައިނަލްއަގުވާމީ ފެންވަރުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

ނަމަވެސް ވެރިކަން ބަދަލުވުމާއެކު ހައްދުފަހަނައަޅާފައިވާ ފިކުރާއި ލާދީނީ ފިކުރުތަކާ ދެކޮޅަށް ގެންގުޅުނު ސިޔާސަތުތަކާ ދެކޮޅުވެ، ބަދަލު ހިފުމުގެ ރޫހެއް މި ސަރުކާރުން އިސް ކޮށްފައިވާ ކަމަށާއި އޭގެ ސަބަބުން ރާއްޖެއަށް ޓެރަރިޒަމްގެ ބިރު ކުރިޔަށް ވުރެ އިތުރުވެފައިވާ ކަމަށް ސަލީމް ވިދާޅުވިއެވެ. 

ކުޑަކުދިންގެ މައްސަލަތައް އިތުރުވަމުންދާއިރު، އެ މައްސަލަތަކާ ގުޅިގެން ސަރުކާރުން އިސްވެ ބަސްބުނެ ހަރުދަނާ ފިޔަވަޅުތައް އެޅެމުން ނުދާތީ އެ ކަމާ ގުޅިގެން ވެސް ސަލީމް ކަންބޮޑުވުން ފާޅު ކުރެއްވި އެވެ. އަދި ސަރުކާރުގެ މުހިއްމު ބައެއް ވައުދުތައް ކަމުގައިވާ މިނިމަމް ވޭޖާއި ސާވިސް ޗާޖާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުން ލަސްވާތީ ފާޑުވިދާޅުވި އެވެ. އަދި ހާއްސާ އެހީއަށް ބޭނުންވާ ކުދިންނާއި މީހުންނަށް ސަރުކާރުން ދެމުން ގެންދާ އިނާޔަތް ބޮޑު ކުރުމަށް ވެސް ސަލީމް ވަނީ ގޮވާލައްވާފައެވެ. 

މީގެއިތުރުން ސަރުކާރުގެ ހާރިޖީ ސިޔާސަތަށް ފާޑުވިދާޅުވެ ސަލީމް ވިދާޅުވީ ގައުމުގެ ސިޔާދަތީ ބާރު ގެއްލެމުންދާ ކަމުގެ އިހްސާސް މިއަދު ކުރެވެމުންދާ ކަމަށެވެ. އަދި ވިދާޅުވީ ހަރުކަށި ފިކުރާއި ލާދިނީ ފިކުރު ހުއްޓުވުމުގައި މި ސަރުކާރު ފެއިލްވެފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: