ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޯޑިއޯ ލީކް: އައި ހޯޕް ބޭކަރު އެއްޗެއް ނޯންނާނެ ކަމަށް: ނަހުލާ

ޝެއާރކޮށްލާ ކަހަލަދޯ؟

ވިސްލް ބްލޯވަރ އަކު ހާމަ ކުރަމުން އަންނަ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދާއި ޓްރާންސް ޕޯޓް މިނިސްޓަރ އައިޝަތު ނަހުލާގެ އޯޑިއޯ ކްލިޕްތަކުގެ އިތުރު ބޮޅެއް އަނެއްކާވެސް ލީކު ކޮށްލައިފިއެވެ.

ލީކު ކުރަމުން އަންނަ އޯޑިއޯ ކްލިޕްތަކުގެ ތެރެއިން މިފަހަރު ކްލިޕްގައި ކަންތައްތައް ވަރަށް ގޯހަށް ގޮސްފައިވާކަން ފާހަގަ ކުރެވެއެވެ. އެގޮތުން މި ސިލްސިލާގެ އިތުރު ކްލިޕްތަކާއި އިތުރުން ވީޑިއޯއެއްވެސް ލީކު ވެދާނެކަން މި އޯޑިއޯގައި އަލީ ވަހީދާއި ނަހުލާ ދައްކާ ވާހަކައިން އެނގެއެވެ.

އެމްވީ ލީކްގެ ނަމުގައި ހަދާފައިވާ ޓްވިޓަރ އެކައުންޓަކުން ރޭގެ ވަގުތެއްގައި ލީކުކޮށްލާފައިވާ އޯޑިއޯގައި އިވޭ އަޑަކީ އައިޝާ އާއި އަލީ ވަހީދުގެ އަޑުކަން ޔަގީން ކުރެވެއެވެ. އަދި އެ އޯޑިއޯ ރެކޯޑު ކުރެވިފައިވަނީ އައިޝާގެ އަރިހުގައި ހުރި މީހެއްކަން ނުވަތަ އައިޝާގެ ފޯނުން ރެކޯޑުކޮށްފައިވާ ކޯލެއްކަން ޔަގީން ކުރެވެއެވެ.

މި ފަހަރުގެ އޯޑިއޯގައިވެސް އެ ދެބޭފުޅުންގެ މެދުގައި ”ޒުވާބެއް“ ކުރިއަށް ދިޔައެވެ. އަދި ކޯލުގެ ވަކި ހިސާބަކުން ”ވީޑިއޯއެއް ވެސް އުޅޭ“ ކަމާއި ލީކުވެދާނެ ކަމަށް ބައެއް މީހުން ބުނަމުން އަންނަ ކަމަށް އައިޝާ ވިދާޅުވެއެވެ.

ރައްޓެއްސެއްގެ ފަރާތުން ވީޑިއޯއެއް އުޅޭކަމުގެ ވާހަކަތައް އަޑު އިވޭ ކަމަށާއި އެއީ ކޮންކަހަލަ އެއްޗެއްތޯ ބަލަން ތިބުމަށް ނަހުލާ ވިދާޅުވެއެވެ. އަދި އެ ވީޑިއޯގައި ބޭކާރު އެއްޗެއް ނޯންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ނަހުލާ ވިދާޅުވެއެވެ.

”އަނެއްކާ ރައްޓެއްސެއްގެ ފަރާތުން އަޅުގަނޑަށް އެބަ އަޑުއިވޭ ވީޑިއޯއެއްގެ ވާހަކަ ވެސް. ލެޓްސް ސީ އަނެއްކާ އިތުރަށް އަންނަނީ ކޮން އެއްޗެއްތޯ. އައި ހޯޕް ބޭކާރު އެއްޗެއް ނޯންނާނެ ކަމަށް“ ނަހުލާ ވިދާޅުވެއެވެ.

އެވާހަކަތަކަށް ފަހު އިތުރަށް ވާހަކަތަކެއްގެ ދައްކަންހުރި ކަމަށް ނަހުލާ ވިދާޅުވެއެވެ. ނަމަވެސް އެ ފޯން ރެކޯޑް ނުކުރާނެ ކަމެއް ނޭނގޭ ކަމަށް ވިދާޅުވެ ފޯން ބާއްވާނީ ކަމަށް ނަހުލާ ވިދާޅުވެއެވެ، އެއާ އެކު އެ އޯޑިއޯ ކްލިޕް ކެނޑެނީ، އެގޮތަށް ފޯން ކޯލު ރިކޯޑު ކުރާ މީހެއް ނޫން ކަމަށް އަލީ ވަހީދު ވިދާޅުވަން އުޅުއްވާ ހިސާބުންނެވެ. އެހެން ކަމުން އިތުރު އޯޑިއޯ ކްލިޕެއް ލީކުވެދާނެ ކަމަށްވެސް ބެލެއެވެ.

އޭގެ ކުރިން އަލީ ވަހީދާ ނަހުލާއާއި ދެމެދު ވާހަކަތަކުގެ ތެރޭގައި، ނަހުލާއަށް ގާސިމް އިތުބާރު ކުރައްވާނެ ކަމަށާއި ކުރައްވާނެ ކަންތަކާއި ނުކުރައްވާނެ ކަންތައްތައް ގާސިމް އަށް އިނގިވަޑައިގަންނަވާނެ ކަމަށް ނަހުލާ ވިދާޅުވެއެވެ.

ނަހުލާގެ ވާހަކަތަކާއި ގުޅިގެން، އަލީ ވަހީދު ވިދާޅުވީ ނުކުރާ ކަންކަން އޭނާގެ ބޮލުގައި އަޅުވަން ނޫޅުއްވުމަށެވެ. އަދި އޭނާ އަކީ ނަހުލާއަށް ގުޅާ ހަދާ މީހެއް ނޫން ކަމަށާއި އަދި ރަހުމަތްތެރިކަމުގެ ގުޅުމެއް ވެސް ބާއްވާ މީހެއް ނޫން ކަމަށްވެސް އަލީ ވަހީދު ވިދާޅުވެއެވެ.

”އަޅުގަނޑަކީ މީހުންނަށް ގުޅައިގެން ފޯން ކޯލް ރިކޯޑު ކުރާނެ މީހެއް ނޫން. އަޅުގަނޑަކީ ތިބޭފުޅާއަށް ގުޅާ މީހެއްވެސް ނޫނޭ. އަޅުގަނޑަކީ ތިބޭފުޅާއާއި ގާތް ރަހުމަތްތެރިކަންވެސް ބާއްވާ މީހެއް ނޫނެ. އެކަން ތިބޭފުޅާއަށްވެސް ރަނގަޅަށް އިނގިލައްވާނެ” އަލީ ވަހީދު ވިދާޅުވެއެވެ.

މި އޯޑިއޯތަކުގެ މައްސަލަ ބޮޑުވެ، އަލީ ވަހީދުގެ އިސްތިއުފާއަށް ވެސް ގިނަ ބަޔަކު އަންނަނީ ސޯޝިއަލް މީޑިއާގައި ގޮވަމުންނެވެ.  ނަމަވެސް މިކަމާއި ގުޅިގެން ސަރުކާރުން މިހާތަނަށް ވެސް އެއްވެސް ފިޔަވަޅެއް އަޅުއްވާފައެއް ނުވެއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: