ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުވާލުތަކުގައި އާ ވާހަކައެއް ނެތް، މިކަމުގެ ސަބަބުން ވެސް ރައީސް ޔާމީންގެ ތާއީދުވީ އިތުރު: ޑރ. ޖަމީލް

ތަހުގީގަށް ސުވާލު ކުރުމަށް ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރި ވަގުތު - ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރިކަމުގައި ހުންނަވައިގެން މަނީ ލޯންޑާރ ކުރިކަމުގެ ދައުވާގެ ކުށް ސާބިތުވެފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައިވަނީ ހުކުމް އިއްވާފައިވާ މައްސަލައާއި ގުޅޭގޮތުން ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީނަށް އިއްވާފައިވާ ފަސް އަހަރުގެ ހުކުމް ހައިކޯޓަށް ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފުކޮށްފައިވާއިރު، ކަފާލާތުގެ ދަށުން މިނިވަން ކުރެވެން ނެތް ކަމާއި އަދި ހުކުމް ތަންފީޒު ކުރުން މަޑުޖައްސާލުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ހައިކޯޓުން ވަނީ ނިމިދިޔަ އަޑުއެހުމުގައި ހުކުމްކޮށްފައެވެ. އަދި ހައިކޯޓުގެ ހުކުމް ރިވިއުކޮށްދިނުމަށް އެދި ހުށަހެޅުމުން ކޯޓުން ވަނީ ހުކުމް މުރާޖައާ ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ނިންމާފައެވެ.

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ރައީސް ޔާމީންގެ މައްޗަށް މިހާރު ހިންގަމުންދަނީ ކޮން ތަހުގީގުތަކެއް ޖަމީލުވެސް ތަފްސީލުކޮށް ނުދެއްވައެވެ. އެހެން ނަމަވެސް ވިދާޅުވީ ސުވާލުކޮށްފައިވަނީ ”މިހާރުވެސް ހިނގަމުންދާ މައްސަލަ“ އާއި ގުޅޭގޮތުން ކަމަށެވެ.

ރަައީސް ޔާމީން ފުލުހުންގެ އިދާރާއަށް މިއަދު މެންދުރު 2:00 އަށް ހާޒިރުކޮށް ތިން ގަޑިއެއްހާއިރު ވަންދެން ސުވާލު ކުރިއެވެ. ތަހުގީގަށް ހާޒިރު ކުރުމަށްފަހު އެމަނިކުފާނު އެނބުރި މާފުށީ ޖަލަށް ގެންގޮސްފައިވަނީ 5 ޖެހިއިރުއެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވީ، ސުވާލު ކުރިއިރު އިސްތިއުނާފު މަރުހަލާގެ ހަވާސާގައި ވާ ކަންތައް ވެސް ހިމެނޭ ކަމަށެވެ. ނޫސްވެރިން ވަނީ، ސުވާލު ކުރީ ސީދާ ކޮން މައްސަލައެއްގައި ތޯ ސުވާލުކޮށްފައެވެ. އެހެން ނަމަވެސް އޭގެ ފުރިހަމަ ޖަވާބެއް ނުދެއްވާ ޖަމީލް ވިދާޅުވީ މިއީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ މައްސަލަ އޮއްބާލުމަށް ސަރުކާރުން ހިންގަމުން ދާ އަމަލެއް ކަމަށެވެ. އަދި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ހިޔާނާތް ހިނގައިދިޔަ އިރު ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަބްދުﷲ ޒިޔަތު ގޭ ބަންދުގައި ބަހައްޓާފައި ވަނީ ޑީލްއެއްގެ ދަށުން ކަމަށެވެ. އަދި އެ ދެ ބޭފުޅުންވެސް ރައީސް ޔާމީނާއި ދެކޮޅަށް ހެކި ބަސް ދީފައިވަނީ ގޭ ބަންދަށް ބަދަލުކޮށްދޭނެ ކަމަށް ބުނުމުން ކަމަށް ޖަމީލް ވަނީ ވިދާޅުވެފައެވެ.

ޖަމީލް ވިދާޅުވީ މިއީ ކަންބޮޑުވާ މައްސަލައެއް ކަމަށާއި، ”ފްރީބާގެއިން“ އެއްގެ ދަށުން އަދީބާއި ޒިޔަތު ގޭގައި ތިބެ މައްސަލައިގެ އަސްލަށް ފަސްއަޅައި ފޮރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ވެސް އެމްޑީޕީ މެމްބަރުން ހިމެނޭހެން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު މެމްބަރުން އެބަތިއްބެވި ކަމަށް ޖަމީލް ވިދާޅުވިއެވެ. އަދި އެ މައްސަލަ ނުބަލަންވީ ކީއްވެގެންތޯ ޖަމީލް ވިދާޅުވިއެވެ.

”ފްރީ ބާގޭނެއްގެ ދަށުން އެފަރާތްތައް ގޭގައި ބެއިތިއްބުމަށް ފަހު މިމައްސަލާގައި އަސްލަށް ފަސް އަޅައި އޮއްބާލުމުގެ ގޮތުން މިހާރު ވެސް ކުރިއަށްދާ މައްސަލައިގެ ހަވާސާގެ ތެރެއިން ރައީސް ޔާމީން އިރުކޮޅުކޮޅާ ގެނެސް ކަންތައްތައް ކުރަމުން މިގެންދަނީ“ ޖަމީލް

މިއީ ލޯކަލް ކައުންސިލް އިންތިހާބަށް އިދިކޮޅުގެ ސަމާލުކަން އެހެން ދިމާލަށް އަނބުރާލުމަށާއި، ސިޔާސީ ގޮތުން ގައުމު ހަލަބޮލި ކުރުމަށް ހިނގި އަމަލެއްގެ ގޮތުގައި ޖަމީލު ސިފަ ކުރެއްވިއެވެ. އެހެން ނަމަވެސް، ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރުމުން އެމަނިކުފާނުގެ ތަރައްގީ ބަލައިގަންނަ ރައްޔިތުން ގިނަވެ އިދިކޮޅަށް ކުރަމުން އަންނަ ތާއީދު އިތުރުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ އިތުރު މައްސަލަތަކެއް ތަހުގީގު ކުރަން ފެށީ، މިހާރު އެމަނިކުފާނުގެ މައްޗަށް އޮތް ދައުވާއަކީ ސިޔާސީ ދައުވާއެއްކަން އިސްތިއުނާފު މަރުހަލާގައި ހައިކޯޓުގައި ގާއިމްކޮށް ދެވިފައިވާތީ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް މިހާތަނަށް ދައުވާ އުފުލީ އެމްއެމްޕީއާރްސީގެ ތެރެއިން އެސްއޯއެފްއަށް ލިބުނު ފައިސާތަކެއް އެ މަނިކުފާނުގެ އެކައުންޓަށް ޖަމާވި މައްސަލާގަ އެވެ. ކުރީގެ ރައީސް، ޔާމީން އަބްދުލް ގައްޔޫމްގެ ނަމުގައި ރާއްޖޭގެ ބޭންކްތަކުގައި ހުޅުވާފައިވާ އެކައުންޓްތަކުގެ ތެރެއިން ފައިސާ ވަދެފައިވާކަމަށް ފުލުހުން ތުހުމަތު ކުރިއެވެ. ފަސް އަހަރު ދުވަހުގެ ތެރޭގައި ބޮޑެތި އަދަދުތަކުން އެކައުންޓަށް ފައިސާ ޖަމާކޮށް، އެ ފައިސާއިން މުއާމަލާތްކޮށްފައިވާކަމަށް ފުލުހުން ބުނެފައިވާއިރު އެ މައްސަލައާއި ގުޅޭގޮތުން ފުލުހުން އޭރު ހާމަ ކުރި މައުލޫމާތުތަކުގައި ބުނެފައިވަނީ އެއީ އެމެރިކާ ޑޮލަރާއި ދިވެހި ފައިސާ ހިމެނޭ ގޮތަށް، 100 މިލިޔަނަށް ވުރެ ގިނަ ރުފިޔާގެ އަދަދެއް ކަމަށެވެ.

ތަހުގީގަށް ސުވާލު ކުރުމަށް ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރި ވަގުތު – ފޮޓޯ: ސަންގު

ފަސް އަހަރު ދުވަހުގެ ތެރޭގައި ގިނަ އަދަދެއްގެ ފައިސާ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ މައްސަލައިގައި ރައީސް ޔާމީނާއި ސުވާލު ކުރުމަށް އެކި ފަހަރުމަތީން ފުލުސް އޮފީހަށް ވެސް ހާޒިރު ކުރިއެވެ. ”ކެމްޕޭނަށް“ ހޯއްދެވި ފައިސާއާއި ގުޅޭ ތަފްސީލު ހޯދުމަށް ފުލުސް އޮފީހަށް ހާޒިރު ކުރުމަށްފަހު ފުލުހުން އެންމެފަހުން ރައީސް ޔަމީންގެ ނަމުގައި ހުރި އެކައުންޓުތައް ފްރީޒް ވެސް ކުރިއެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ އިން އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްފައި ހުރި ފައިސާ ލޯންޑަކުރި މައްސަލައިގަ އެވެ. އިސްލާމިކް ބޭންކްގައި ހުރި ޔާމީންގެ ޑޮލަރު އެކައުންޓަކަށް ދެ ޗެކަކުން އެސްއޯއެފުން ފައިސާ ޖަމާކުރީ އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ޚިޔާނާތް ފަޅާއަރާފައި ވަނިކޮށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: