”އަދަދު“ ނޫހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއްކޮށް ތައްޔާރުކުރި ޑޮކިއުމަންޓަރީގެ މައްސަލާގައި ނެރެފައިވާ ގެގް އަމުރު، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އިސްތިއުނާފް ކުރުމުން އެ މައްސަލަ ބޭރުކޮށްލުމާ ގުޅިގެން، އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާގެ ފަރާތުން އެ މައްސަލަ އަލުން ހައިކޯޓުގައި އިސްތިއުނާފްކޮށްފިއެވެ.
މި މައްސަލައަކީ ދައުލަތުން އުފުލާފައިވާ ގަޒުފުކުރުމުގެ ދައުވާގެ ޝަރީއަތް ނިމެންދެން، އެ ޑޮކިއުމަންޓަރީއާ ގުޅޭ އެއްވެސް ވާހަކައެއް ނުދެއްކުމަށް ކޯޓުން ނެރުނު އަމުރެކެވެ. މި އަމުރާ ހިލާފުވި ކަމަށް ބުނެ އަދަދު ނޫހުގެ ދެ ނޫސްވެރިއަކު މިހާރު ވެސް ވަނީ ޖަލަށް ލާފައެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ މުޒައްމިލު ނާސިރު ނެރުއްވި މި އަމުރު ރައްދުވަނީ ފިޔާޒު އާއި އެޑިޓަރު ހަސަން މުހައްމަދު އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށެވެ. މި ގެގް އޯޑަރު ނެރުނީ ފިޔާޒު އާއި ހަސަންގެ މައްޗަށް ގާނޫނުލްއުގޫބާތުގެ 612 ވަނަ މާއްދާގެ ދަށުން ގަޒުފުކުރުމުގެ ދައުވާ އުފުލައި، ކްރިމިނަލް ކޯޓުން އެ މައްސަލަ ބަލަމުންދާތީއެވެ.
މި މައްސަލަ އެމްޖޭއޭގެ ފަރާތުން މެއި 14 ވަނަ ދުވަހު ހައިކޯޓުގައި އިސްތިއުނާފް ކުރީ އެއީ ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް ނެރެފައިވާ އަމުރެއް ކަމަށް ބުނެއެވެ. ނަމަވެސް، ހައިކޯޓުން ނިންމީ އެމްޖޭއޭއަށް އެ މައްސަލަ އިސްތިއުނާފް ކުރުމުގެ ހައްގު ނެތް ކަމަށެވެ.
ހައިކޯޓުން އެ މައްސަލަ ބޭރުކޮށްލުމާއެކު، އަމުރު ރައްދުވާ ފަރާތެއްގެ ހައިސިއްޔަތުން ފިޔާޒު މިހާރު ވަނީ އެ މައްސަލަ އަލުން އިސްތިއުނާފަށް ހުށަހަޅާފައެވެ. މި މައްސަލައިގައި ނޫސްވެރިންގެ ހައްގުތަކަށް އުނިކަން ލިބޭ ކަމަށް ބުނެ އެކި ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

