އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަންތަނަށް ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކުރުމަށް 22،000 އަށް ވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިންތިހާބާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް އިލެކްޝަންސް ކޮމިޝަންގެ އިންތިހާބީ މަރުކަޒުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިޚާބުގައި އެހެން ތަންތަނަށް ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކުރުމަށް 22،000 އަށް ވުރެ ގިނަ ފޯމު ހުށަހަޅާފައިވާއިރު 53 ރިސޯޓެއްގައި ރީ-ރަޖިސްޓަރީ ވާން ހުޅުވައިލި ނަމަވެސް ވޯޓު ފޮށި ބަހައްޓަން ބޭނުންވާ މިންވަރަށް ރީ-ރަޖިސްޓަރީ ކުރީ 22 ރިސޯޓެއްގައި ކަމަށެވެ.
ނަމަވެސް އެހެން ފަހަރުތަކާ އަޅާ ބަލާއިރު ރިސޯޓްތަކުގެ ރީ-ރަޖިސްޓަރީ ވެފައިވާ މިންވަރު މަދު ކަމަށް ޝަރީފް ވިދާޅުވި އެވެ. އަދި ވޯޓު ފޮށި ނުބެހެއްޓޭ ރިސޯޓްތަކުގެ މުވައްޒަފުންނަށް އެހެން ތަންތަނަށް ރަޖިސްޓަރީ ވާން ފުރުސަތު ލިބޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
މީގެއިތުރުން އޭނާ ވިދާޅުވީ، އިންތިޚާބުގައި ހަރަކާތްތެރިވާނެ އޮފިޝަލުން އަދިވެސް އެކަށީގެންވާ މިންވަރަކަށް ނުލިބޭ ކަމަށާއި 6،300 އަށް ވުރެ ގިނަ އޮފިޝަލުން ބޭނުންވާއިރު، ރަށްރަށުގައި ތިބި ސިވިލް ސާވިސް މުވައްޒަފުން ވެސް ހިމަނައިގެން މިހާތަނަށް ލިބުނީ 4،000 އޮފިޝަލުން ކަމަށެވެ.
ޝަރީފް ވިދާޅުވީ އިތުރަށް 2،000 އޮފިޝަލުން ބޭނުންވާ ކަމަށާއި އެހެން ކަމުން ސިޔާސީ ޕާޓީތަކާއި ސަރުކާރުގެ ކުންފުނިތަކާ އެކު މަޝްވަރާކޮށް، އިތުރު އޮފިޝަލުން ލިބޭތޯ ބަލަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވި އެވެ. އަދި ޝައުގުވެރިވާ މީހުން އެކަމަށް ކުރިމަތިލާން އެދޭ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

