ޗައިނާގެ ހުޅަނގު ދެކުނު ސަރަހައްދެއް ކަމަށްވާ ގުއަންގްޝީއަށް މިއަދު އައި ބާރުގަދަ ބިންހެލުމެއްގައި ދެ މީހަކު މަރުވެ ގިނަ ބަޔަކަށް އެކިވަރުގެ އަނިޔާތައް ލިބިއްޖެއެވެ.
ކަމާ ބެހޭ ފަރާތްތަކުން މައުލޫމާތު ދޭ ގޮތުގައި، 5.2 މެގްނިޓިއުޑްގެ ބާރުމިނުގައި އައި މި ބިންހެލުމުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ ލިއުޒޯ ސިޓީއަށެވެ. މި ހާދިސާގައި ދެ މީހަކު މަރުވެފައިވާކަން ޗައިނާގެ ދައުލަތުގެ މީޑިއާ، ސީސީޓީވީ އާއި ސިންހުއާ ނިއުސް އެޖެންސީން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި މި ބިންހެލުމުގައި އެކަކު ގެއްލިފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
މި ހާދިސާގައި އަނިޔާވި ހަތަރު މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 7،000 އަށް ވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. ބިންހެލުމުގެ ސަބަބުން ލިއުޒޯ ސިޓީގެ 13 އިމާރާތެއް މުޅިން ބިމާ ހަމަވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ބިންހެލުމާ ގުޅިގެން އެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމަށް ވަނީ ބޮޑެތި ބުރޫތަކެއް އަރާފައެވެ. އެގޮތުން ރޭލްވޭ އިންފްރާސްޓްރަކްޗާ އަށް ލިބިފައިވާ ގެއްލުންތައް ބެލުމުގެ މަސައްކަތް ކަމާ ބެހޭ އިދާރާތަކުން ދަނީ ކުރަމުންނެވެ.
މީގެ އިތުރުން، ބިންހެލުން އައި ސަރަހައްދުގެ މުވާސަލާތީ ހިދުމަތްތަކާއި، ކަރަންޓާއި، ފެނުގެ އިތުރުން ގޭސް ސަޕްލައި މެދުކެނޑިފައިވާތީ، އެ ހިދުމަތްތައް އަލުން އިއާދަކުރުމުގެ މަސައްކަތް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ. އަދި ޓްރެފިކް ނިޒާމު އާންމު ހާލަތަކަށް ގެނައުމަށްޓަކައި މަގުތައް ސާފުކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.

