އަމާޒަކީ އައު އީޖާދުތަކާއެކު މުޅި ރާއްޖޭއަށް މަންފާކުރަނިވި ނަތީޖާތަކެއް ހާސިލުކޮށްދިނުންކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފްވިދާޅުވެއްޖެއެވެ. ޝަރީފް މިހެން ވިދާޅުވީ، ”ކޮލެބް 26“ އިފްތިތާހުކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ޝަރީފް ވިދާޅުވީ، ބީއެމްއެލް އިން ޓެކްނޮލޮޖީ ދެކެނީ ހަމައެކަނި ހިންގުމުގެ ނިޒާމު ހަރުދަނާކުރާ ވަސީލަތެއްގެ ގޮތުގައި ނޫންކަމަށާއި، އޭގެ ބަދަލުގައި އެއީ އިޤުތިޞާދީ ގޮތުން އެންމެން ބައިވެރިކުރުވުމަށާއި ދުރު ރާސްތާގެ ތަރައްޤީއަށް ޤައުމީ ފެންވަރުގައި މަގުފަހިކޮށްދޭ މުހިންމު ބާރެއް ކަމަށެވެ. ޤައުމީ ބޭންކުގެ ހައިސިއްޔަތުން ބީއެމްއެލްގެ ދައުރަކީ ހަމައެކަނި މާލީ ޚިދުމަތް ފޯރުކޮށްދިނުން ނޫންކަން ފާހަގަކުރައްވައި، ޤައުމީ ކުރިއެރުމަށް އެހީތެރިވުމާއި އިޤުތިޞާދީ ދެމެހެއްޓެނިވިކަން ވަރުގަދަކުރުމަކީ ބޭންކުގެ މަސްއޫލިއްޔަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ ބޭންކިންގް ދާއިރާއަށް އައިސްފައިވާ ބަދަލުތަކަށް އަލިއަޅުވާލައްވަމުން ޝަރީފް ވިދާޅުވީ، ”ރާއްޖޭގެ ބޭންކިންގް ދާއިރާއަށް އައިސްފައިވާ ބަދަލަކީ ޓެކްނޮލޮޖީގެ ސަބަބުން އައި އިންގިލާބީ ބަދަލެއް. ގާތްގަނޑަކަށް 1,200 އަށްވުރެ ގިނަ ރަށްތަކަށް ބެހިފައިވާ މި ޤައުމުގައި، ބޭންކުގެ ޚިދުމަތް ހޯދުމަށް އެއްދުވަސްވަރެއްގައި ދިގު ދަތުރުތައްކޮށް، ގިނަ ކަރުދާސްތަކެއް ފުރައި، ގިނަ ވަގުތު ހޭދަކުރަން ޖެހުނު. ނަމަވެސް، މިއަދު ޑިޖިޓަލް ބޭންކިންގް އޮނިގަނޑާއެކު ކޮންމެ ތަނެއްގައި ހުރި ކަމުގައިވިޔަސް ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ވެސް ބޭންކުގެ ޚިދުމަތްތައް ފަސޭހައިން ލިބެން އެބަހުރި.“
ބީއެމްއެލްއާއި މައިންޑްކޯ ގުޅިގެން އަލަށް ތައާރަފްކުރި ކޮމްޕިޓެންސީ ސެންޓަރާ ގުޅޭގޮތުން ޝަރީފް ވިދާޅުވީ، މި ސެންޓަރުގެ މަޤްޞަދަކީ އުނގެނުމާއި، ގުޅިގެން މަސައްކަތްކުރުމާއި، އަދި އައު އީޖާދުތަކަށް ފުރުސަތުތަކެއް ހުޅުވާލައިގެން ޓެކްނޮލޮޖީއަށް ޤައުމީ ފެންވަރުގައި އަހުލުވެރިވުމަށް އެހީތެރިވެދިނުން ކަމަށެވެ. މީގެ އިތުރުން ދިވެހި ހުނަރުވެރިން ބިނާކުރުމާއި، ވިޔަފާރިތަކާއި އިދާރާތައް ބާރުވެރިކުރުވައި، ރާއްޖޭގައި ވަރުގަދަ ޑިޖިޓަލް ނިޒާމެއް ޤާއިމުކުރުމަކީ އުންމީދެއް ކަމަށްވެސް ވިދާޅުވިއެވެ.
ކުރިއަށް އޮތް ތަނުގައި އޭއައި އަދި ޑޭޓާގެ އެހީގައި މާލީ ދާއިރާ، ފަތުރުވެރިކަން، ތަޢުލީމު އަދި އިދާރީ ހިންގުން ފަދަ ދާއިރާތަކަށް މަންފާކުރަނިވި ބަދަލުތަކެއް ގެނެވޭނެ ގޮތްތަކާ ބެހޭގޮތުން މާހިރުންގެ ލަފާ ލިބިގެންދާނެކަން ޝަރީފް ފާހަގަކުރެއްވިއެވެ. އަދި ’ކޮލެބް 26 ހެކަތަން‘ ފަދަ ހަރަކާތްތަކުގެ ސަބަބުން ޤައުމީ ގޮންޖެހުންތަކަށް ހަޤީޤީ ހައްލުތަކެއް ހޯދުމަށް އައު ޚިޔާލުތަކަށް ފުރުސަތު ލިބިގެންދާނެ ކަމަށް ވިދާޅުވެ ޝަރީފް ވާހަކަފުޅު ނިންމަވާލެއްވިއެވެ.

